ކޮރަޕްޝަނަށް މަގުފަހިވާހެން ވެމްކޯގައި 43.9 މިލިއަން ރުފިޔާގެ ވެހިކަލް ގަނެފައިވޭ: އޮޑިޓް

ވެމްކޯގެ ކުނި ކަލެކްޝަންގައި ބޭނުން ވެހިކަލެއް ދޮންނަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއްވެސް ހަރުދަނާ އުސޫލެއް ނެތި ބީލަމަކާ ނުލައި ވެމްކޯއިން 43.9 މިލިއަން ރުފިޔާގެ ވެހިކަލް ގަނެފައިވާކަމަށް ވެމްކޯގެ އޮޑިޓު ރިޕޯޓުތަކުން ދައްކައިފިއެވެ.

އޮޑިޓު އޮފީހުން ވެމްކޯއާ ގުޅޭގޮތުން ހެދި އޮޑިޓުގައި ޖުމްލަ ހަތް ކަމެއް ފާހަގަކޮށްފައިވެއެވެ.

އޭގެ ތެރެއިން އާންމު ބީލަމުގެ އުސޫލުން ބޭރުން އެންމެ ފަރާތެއްގެ އަގެއް ހޯދައިގެން 43.9 މިލިއަން ރުފިޔާގެ ވެހިކަލް 2016ވަނަ އަހަރާއި 2017ވަނަ އަހަރުގެ ތެރޭ ވެމްކޯއިން ގަނެފައިވާކަން އޮޑިޓުގައި ވަނީ ބަޔަންކޮށްފައެވެ.

ވެމްކޯއިން އެ ކަން ކުރި ސަބަބެއްގެ ގޮތުގައި އޮޑިޓް ރިޕޯޓުގައި ފަހަގަކޮށްފައިވަނީ އެ އުޅަނދުތަކުގެ ތެރެއިން ބައެއް އުޅަނދުތައް އެންމެ ފަރާތުން ލިބެން ހުރުމާއި، އެ އުޅަނދުތައް އަވަހަށް ހޯދުމެވެ.

ނަމަވެސް އޮޑިޓުގައިވަނީ ވެހިކަލްފަދަ ތަކެތި ހޯދުމުގައި އިސްކަންދޭންވާނީ ވަކި ބްރޭންޑެއްގެ ބަދަލުގައި ވަކި ސްޕެސިފިކޭޝަންތަކަކަށް ބަލައިގެންކަމަށެވެ. އެހެންކަމުން ބީލަމަށް ހުޅުވައިލުމުން އެހެން ބްރޭންޑަކުން ނަމަވެސް އެ ސްޕެސިފިކޭޝަނަކާ ދިމާވާ އުޅަނދު ވިއްކާ ކުންފުނިތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު އޮތްކަމަށް އޮޑިޓުގައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ދެން ފާހަގަކޮށްފައިވަނީ ކުނި އުފުލަން ބޭނުންކުރާ 10 ޑަމްޕް ޓަރަކެއް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާކަމަށް ފާހަގަކުރެވިފައިވުމެވެ. އެގޮތުން އެ 6.8 މިލިއަން ރުފިޔާގެ މި މުއާމަލާތުގެ ތެރޭގައި ވަކި ފަރާތަކަށް މަސައްކަތް ހަވާލުކުރުމުގެ ބޭނުމުގައި ވަކި ބްރޭންޑެއްގެ ޓްރަކްތަކެއް ގަންނަން ނިންމައި ބިޑު އުސޫލުން ބޭރުން ޓްރަކް ގަނެފައިވުން ވަނީ ފާހަގަކޮށްފައެވެ.

އަދި ވެމްކޯއަށް ވިއްކާ ޓްރަކްތައް އުފެއްދި ގައުމާއި ބްރޭންޑް އޮޅުވައިލައިފައިވުން ވެސް ފާހަގަކުރިއެވެ. މީގެ އިތުރުން އެއްބަސްވުމުގައިވާ އަދަދަށްވުރެ އިތުރަށް ޖީއެސްޓީ ފައިސާ ހިމަނައިގެން މަސައްކަތާ ހަވާލުވި ފަރާތަށް ފައިސާ ދީފައިވުން ވެސް ހިމެނެއެވެ. އެގޮތުން 407،642 ރުފިޔާ ޖީއެސްޓީގެ ގޮތުގައި އިތުރަށް ދައްކައިފައިވެއެވެ.

ހަމައެއާއެކު އެއް މަސްދުވަހުގެ މުއްދަށް ދެ ކޮޅުވެއްޓި ކުއްޔަށް ހިފުމަށްފަހު ކުއްޔަށް ހިފާ މުއްދަތު އިތުރުކުރަމުން ދިއުމާއި، ކޮޅުވެއްޓިތައް ވިއްކާ އަގަށް ބަދަލެއް ނުގެނެސް އޭގައި އަޅަން އެއްބަސްވި ޔަންމާ ބްރޭންޑް އިންޖީނުތައް ކަމިންސް ބްރޭންޑަށް ބަދަލުކުރިކަން ވެސް ވަނީ އޮޑިޓު އޮފީހުން ހެދި އޮޑިޓުގައި ހާމަވެފައެވެ.

ހަމައެއާއެކު އެއްވެސް އެއްބަސްވުމެއް ނެތި 1.92 މިލިއަން ރުފިޔާގެ މަސައްކަތް ކުރުވައިފައިވުން ހިމެނެއެވެ.

އަދި އުސޫލެއް ނެތި ސްޕޮންސަރެއްގެ ގޮތުގައި އެކި ފަރާތްތަކަށް އެހީ ދީފައިވުން ވެސް ވަނީ އޮޑިޓުގައި ފާހަގަކޮށްފައެވެ.

ވެމްކޯއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އުފެއްދި ކުންފުންޏެކެވެ. މީގެ ކުރިން ވެސް ވެމްކޯއާ ގުޅުވައި ކޮރަޕްޝަންގެ އެކި ތުހުމަތުތައް ވަނީ އަމާޒުވެފައެވެ.

comment ކޮމެންޓް