ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާއިން) 2022 ވަނަ އަހަރު، ކައިވެނިކޮށްގެން އުޅުނު 12 މިހަކަށް އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް ދީފައިވާ ކަމަށް އޮޑިޓު ރިޕޯޓުން ހާމަވެއްޖެއެވެ.
އެންސްޕާގެ 2022 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައިވާގޮތުން އެކަނިވެރި ދަރިން ބަލަހައްޓާ މައިންނާއިން ބަފައިންނަށް ދޭ އެލަވަންސް އެ އަހަރު އިތުރަށް 12 މީހަކަށް ވަނިީ ދޫކޮށްފައެވެ. އެއީ، ޖުމުލަ އެއް މިލިއަން ބާވީސް ހާސް ރުފިޔާއެވެ.
އޮޑިޓު ރިޕޯޓުގައި ބުނީ، އެންސްޕާއިން ފައިސާ ދޫކޮށްފައިވަނީ ރަނގަޅަށްތޯ ކަށަވަރުކުރަން ފައިސާ ދޫކުރި މީހުންގެ ލިސްޓާއި އެ މީހުން ކައިވެންޏެއް ކޮށްފައިވޭތޯ ބަލާފައިވާ ކަމަށެވެ. އެގޮތަށް ބެލި ބެލުމުން، ކައިވެނިކޮށްގެން އުޅުނު 12 މީހަކަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރިކަން ވަނީ އެނގިފައެވެ.
އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މިގޮތަށް ކަން ހިނގާފައިވަނީ އެހީދޭ މީހުންގެ ހާލަތު ގަވާއިދުން ދެނެގަތުމަށް އިންތިޒާމުތަކެއް ހަމަޖައްސާފައިނުވާތީއެވެ. އަދި، އެހީ ލިބޭ މީހުން ވެސް ކައިވެނިކުރުމަށް ފަހު، އިގުރާރާ އެއްގޮތަށް އެ މައުލޫމާތު އެންސްޕާއާ ހިއްސާކޮށްފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ.
ހަމައެހެންމެ، ހުރިހާ ކޯޓުތަކެއްގެ މައުލޫމާތު އެއް ވިއުގައަކުން ގުޅިފައިނުވާތީ އެކަށިގެންވާ އަވަސް މިނެއްގައި އެ މައުލޫމާތު އެންސްޕާއަށް ނުބެލޭކަން ވެސް އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އެހެންވެ، މި ފައިސާ ދޫކުރުމުގައި އިހުމާލުވާ މުވައްޒަފުން މެދުވެރިކޮށް އެ ފައިސާ ހޯދުމަށް ފަހު، ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓަށް އެ ފައިސާ ޖަމާކުރަން ވަނީ އަންގައިފައެވެ. އަދި، އެ މައްސަލައިގެ ޒިންމާ ނަގަން މުވައްޒަފަކު އިއުތިރާޒުކުރާނަމަ، އެ މީހަކާ ދޭތެރޭ ފިޔަވަޅު އަޅައި ކަމާ ބެހޭ އިދާރާތަކަށް މައްސަލަ ފޮނުވަން ވެސް އޮޑިޓު ރިޕޯޓުގައި ވަނީ އަންގައިފައެވެ.
މީގެ އިތުރުން، އެހީ ފޯރުކޮށްދޭ މީހުންގެ މައުލޫމާތު ގަވާއިދުން ބަލައި މޮނީޓާ ކުރެވޭނެ އިންތިޒާމެއް ހަމަޖައްސަން އޮޑިޓު ރިޕޯޓުގައި ވަނީ އަންގައިފައެވެ.
މި އަހަރު ވެސް އެކަނިވެރި މައިންނާއި ބަފައިންނަށް އެލަވަންސް ދިނުމަށް 75 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައެވެ.