އެހީ ލިބެން ނުޖެހޭ ގިނަ ބަޔަކަށް އެންސްޕާއިން 18.4 މިލިއަން ދީފައިވޭ: އޮޑިޓް

ކުޑަކުދިންގެ ހަވީރެއްގެ ތެރެއިން --

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން އެހީ ލިބެން ނުޖެހޭ ގިނަ ބަޔަކަށް އެހީގެ ގޮތުގައި 18.4 މިލިއަން ރުފިޔާ ދީފައިވާކަމަށް އޮޑިޓް އޮފީހުގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

މި ފައިސާ ދީފައިވަނީ، އެކަނިވެރި މައިން ނުވަތަ ބަފައިންނަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކަމަަށް ބުނެއެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެހީ ލިބެން ނުޖެހޭ މީހުންނަށް އެހީ ދީފައިވަނީ، އެހީ ލިބޭ ފަރާތްތަކުގެ ހާލަތު ބަދަލުވުމަށްފަހު ނުވަތަ ނިޔާވާ މީހުންގެ މައުލޫމާތު އެންސްޕާއާ ފަސޭހަކަމާއެކު ހިއްސާކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނުވާތީއެވެ.

އެގޮތަށް ދީފައިވާ ފައިސާގެ ތެރޭގައި ހިމެނެނީ، އެކަނިވެރި މައިން ނުވަތަ ބަފައިންނަށް ދީފައިވާ 10.6 މިލިއަން ރުފިޔާ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތެރަޕިއުޓިކް އެހީގެ ގޮތުގައި ދީފައިވާ 7.6 މިލިއަން ރުފިޔާ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި ދީފައިވާ ދެ ލައްކަ ރުފިޔާއެވެ.

އެންސްޕާއާ ހަވާލާދީ އޮޑިޓް ރިޕޯޓުގައި ވަނީ، މިގޮތައް ދީފައިވާ ފައިސާ އަނބުރާ ހޯދުމަށް އެ އެޖެންސީގައި ރިކަވަރީ ޔުނިޓެއް ގާއިމްކޮށްފައި ވާކަމަށެވެ.

ނަމަވެސް އެ ޔުނިޓުގައި މަސައްކަތް ކުރަނީ އެންމެ މުވައްޒަފެއް ކަމުން ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް އެކަށީގެންވާ ބާރު މިނުގައި ނުގެންދެވޭކަމަށް އެޖެންސީން ބުނެފައިވެއެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 16ގެ ނިޔަލަށް މިއިން އެއްވެސް ފައިސާއެއް ހޯދިފައެއް ނުވެއެވެ.

އެންސްޕާއަށް ލިބެންޖެހޭ 18.4 މިލިއަންގެ ތެރޭގައި 2015، 2016 އަދި 2018ގައި ދޫކޮށްފައިވާ ފަސްލައްކަ ހަތަރުހާސް ރުފިޔާ ވެސް ހިމެނެއެވެ.

އެންސްޕާއިން އާންމު ގޮތެއްގައި ޚަރަދު ކުރަނީ އާސަންދައިން ކަަވަރު ނުކުރާ ކަންކަމަށެވެ. އޭގެ ތެރޭގައި ފަގީރު ހާލަތުގައި ދިިރިއުޅޭ، އެކަނި ދަރިން ބަލަހައްޓައި މައިން ނުވަތަ ބައްޕައިންނަށް ދެވޭ މާލީ އެހީ އާއި, ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ އެހީއާއި, އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމް ހިމެނެއެވެ.

ކޮންމެ އަހަރަކު ވެސް އެންސްޕާގެ ބަޖެޓަށް ބާރު ބޮޑުވެ ކަނޑައަޅާ އަދަދަށްވުރެ ޚަރަދު އިތުރުވެއެވެ.

comment ކޮމެންޓް