(ކޮކްސް ބާޒާރު، ބަންގުލަދޭޝް) މެންދުރުގެ ގަދަ ހޫނު ދިއްލާލާފައި އޮތް ވަގުތެވެ. ރަތް އަވީގައި ތަންޑިޔާއަކަށް ފެނާއި ކާބޯތަކެތި ބަރުކޮށްގެން އެ ދަނީ ރޮހިންގާ ކުއްޖެއް ނޫނެވެ. އެއީ ބަންގުލަދޭޝްގެ ކޮކްސް ބާޒާރުގެ، އައްސޭރިފަށުގެ އަވަށެއްގައި ދިރިއުޅޭ ޝުއިހެލެވެ. އުމުރުން 10 އަހަރެވެ.

އިރުއޮއްސެންދެން ކޮނޑުމަތީގައި ތަންޑިޔާ އުފުލުގައި އުޅޭ ޝުހައިލް މިދިޔަ ހޯމަ ދުވަހު ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގެ ޓަކްނާފުގެ އައްސޭރިފަށުގައި އޭނާގެ މަސައްކަތުގައި--- ސަން ފޮޓޯ/ ހުސައިން ޙަސަން
މީހަކު ފުރައްސާރަ ކުރުމުން ޝުހައިލަށް ރޮވި، ރުޅިގަދަވި
ބަންގުލަދޭޝްއަށް އެތެރެވާ ރޮހިންގާ މީހުން ދަތުރުކުރާ ދޯނިތަކަށް ފެނާއި ކާއެއްޗެހި ގެންގޮސްދިނުމަކީ ޝުހައިލުގެ މަސައްކަތެވެ. ކޮކްސް ބާޒާރުގެ، ޓަކްނާފު އަވަށުން ތަކެތި ބަރުކޮށްގެން 1.5 ކިލޯ މީޓަރު ކަނޑައްތުކުރަނީ ހިނގާފަ އެވެ. އެ ދެމެދުގައި ދަކެތި އުފުލުމަށް ދުވާލަކު އެތައް ދަތުރެއް އޭނާ ކުރެވެ. އިރުއޮއްސެންދެކަށެވެ.
ޝުހައިލުގެ ބައްޕަ ހަވާލުކުރި އެ ޒިންމާ އަދާ ކުރުމުގައި އުޅެނިކޮށް، މިދިޔަ ހޯމަ ދުވަހު އޭނާއަށް ކުރިމަތިވި ފުރައްސާރައާ ގުޅިގެން ހިނގި ކަންތައް ފޮޓޯއިން ތިޔަ ފެންނަނީ އެވެ.

މެންދުރުގެ ގަދަ ހޫނުގައި ޝުހައިލް މަސައްކަތުގައި އުޅެނިކޮށް އޭނާއަށް، އެއްޗެހި ގޮވި މީހަކާ ދިމާލަށް ދަނޑިބުރިއެއް ދިއްކުރަން މަސައްކަތް ކުރަނީ --- ސަން ފޮޓޯ/ ޙުސައިން ޙަސަން
ތަންޑިޔާ ކޮޑަށް ލައިގެން ދަނިކޮށް، މީހަކު އޭނާއަށް އެއްޗެހި ގޮވި އެވެ. މަލާމާތް ކުރި އެވެ. ފުރައްސާރަ ކުރީ ކޮން ކަމަކާ ގުޅިގެން ކަމެއް ނޭނގެ އެވެ.
ޝުހައިލަށް ކެތް ނުކުރެވިގެން ކޮނޑުގައި އޮތް ތަންޑިއާ ދޫކޮށްލުމަށް ފަހު، އެ މީހާއާ ދިމާލަށް ގާ އުކި އެވެ. އަދި އެ އެ މީހާ ދިމާލަށް ދުވެފައި ގޮސް ދަނޑިބުރިއަކުން ޖަހަން މަސައްކަތް ކުރި އެވެ.

ޝުހައިލަށް ފުރައްސާރަ ކުރި މީހާ (ވ)، ޝުހައިލުގެ އަތުގައި ހިފައިގެން މަސަލަސް ކުރުވަން މަސައްކަތް ކުރަނީ--- ސަން ފޮޓޯ/ ޙުސައިން ޙަސަން
ޝުހައިލަށް ފުރައްސާރަ ކުރި މީހާ ސުހައިލުގެ ގައިގައި ހިފަަހައްޓައި އޭނާ މަސަލަސްކުރަން މަސައްކަތް ކުރި އެވެ. ނަމަވެސް ސުހައިލް ހުރީ އެއަށް ވުރެ މާ ރުޅިގަދަވެފަ އެވެ.

ޝުހައިލަަށް މަލާމާތް ކުރާތީ އޭނާއަށް ރޮވި، ރުޅިގަދަވެެގެން ދަނޑިބުރިއަކުން ޖަހަން އުޅޭތީ، އެ ސަރަހައްދުގައި ހުރި މީހަކު ޝުހައިލުގެ އަތުން ދަނޑިބުރި އަތުލައި ނަސޭހަތްތެރިވަނީ--- ސަން ފޮޓޯ/ ޙުސައިން ޙަސަން
ފަހުން އެހެން މީހަކު އައިސް ސުލައިލުގެ އަތުން ދަނޑިބުރި އަތުލައި އޭނާއަށް ވިސްނައިދިނެވެ. މަތީގައިވާ ފޮޓޯއިން އެ ފެންނަނީ އެ މަންޒަރެވެ.
ރޮމުން، ކަރުނަ ފޮހެމުން އައިސް ދަންޑިޔަލުގައި އަނެއްކާ ވެސް ހިފި އެވެ. ތަންޑިޔާ ކޮނޑަށްލާން އެހީތެރިވުމުގައި ސަންގެ ނޫސްވެރިޔާ މުހައްމަދު ސަމާހު އެހީތެރިވެދިނެވެ.

ސަންގެ ނޫސްވެރިޔާ މުހައްމަދު ސަމާހު (ކ) ޝުހައިލަށް އެހީތެރިކަން ފޯރުކޮށްދެނީ--- ސަން ފޮޓޯ/ ޙުސައިން ޙަސަން
ތައުލީމީ ފުރުސަތު ނުލިބި، ޅަ އުމުގައި ބުރަ މަސައްކަތަށް
ޝުހައިލުގެ އާއިލާއަކީ ފަގީރު ބައެކެވެ. މާލީ ތަނަވަސްކަން ނެތުމުން، ޝުހައިލް ސްކޫލަކަށް ނުދެ އެވެ. ބައްޕައާ އެކު މަސައްކަތަށް ނުކުމެ، އާންމުދަނީ ހޯދުމަށް ބުރަ މަސައްކަތް އެ ކުރަނީ ޅަ އުމުރުގަ އެވެ.

ތަންޑިޔަލުގައި ދެފަރާތަށް ފެނާއި ކާބޯތަކެތި ބަރުކޮށްގެން ދަނިކޮށް، އޭނާއާ ބަޔަކު ދިމާކުރުމުން ރޮވި، ލޮލުން ކަރުނަ ފައިބަނީ: ޅަ އުމުރުގައި ތައުލީމުން މަހުރޫމްގެ، މަސަައްކަތް ކުރަން އޭނާއަށް ވަނީ މަޖުބޫރުވެފައި--- ސަން ފޮޓޯ/ ޙުސައިން ޙަސަން
ފުރާ ފުރިހަމަވުމަށް، ހެލިފެލި ވާންޖެހޭ އުމުރުގައި އެ ކުރަނީ ބުރަ މަސައްކަތެވެ. ކޮޑަށް ބަރުކޮށްގެން އެއްޗެހި އުފުލާތީ، ޝުހައިލްގެ މައިބަނދަ އެވަނީ ކުޑަކޮށް ކުދުވެފަ އެވެ. އުމުރު ފަހަނައަޅާ ދާ ވަރަކަށް އެ ގެއްލުންތައް ދާނީ ބޮޑުވަމުންނެވެ.

ޅަ އުމުރުގައި ތައުލީމުން މަހުރޫމްގެ، މަސަައްކަތް ކުރަން މަޖުބޫރުވެފައިފައިވާ ޝުހައިލް، ކޮކްސް ބާޒާރުގެ ޓަކްނާފުގެ އައްސޭރިފަުގައި މަސައްކަތުގައި--- ސަން ފޮޓޯ/ ޙުސައިން ޙަސަން
ޝުހައިލަށް ދިން ނަމަކީ "ހީރޯ"
އަޅުގަނޑުގެ ކެމެރާގެ ލެންސަށް ޝުއިހް އެރީ ރޮހިންގާ މީހުން ބަންގުލަދޭޝްއަށް އެތެރެވުމަށް ފަހު، އެ މީހުންގެ އެންމެ ފުރަތަމަ ތިބޭ ރަށަށް ދިއުމަށް ސަންގެ ނޫސްވެރިން ކުރި ދަތުރުގަ އެވެ.
ބަންގުލަދޭޝްއަށް އުފަން އުމުރުން 10 އަހަރުގެ ޝުހައިލް: ތަންޑިޔާގައި ފެނާއި ކާބޯތަކެތި އުފުލުމުގެ މަސައްކަތް ހަވާލުކުރީ އޭނާގެ ބައްޕަ--- ސަން ފޮޓޯ/ ޙުސައިން ޙަސަން
ކޯރެއް ހުރަސްކޮށް، ލޯންޗެއްގައި ފަސް މިނެޓުން ދެވޭ އެ ރަށަށް ކުރި ދަތުރަށް ފަހު އެނބުރި އައި މަގުމަތީގައި ޝުއިހް މަސައްކަތް ފެނިފައި ސަންގެ ނޫސްވެރިޔާ ސަމާހު އޭނާއަށް ދިން ނަމަކީ "ހީރޯ" އެވެ.
ސުކާފެއްގެ ގޮތުގައި ބޭނުންކުރި ފޭލި ސަމާހު ވަނީ އޭނާއަށް ހަނދިޔާކޮށްފަ އެވެ.
ސަންގެ ނޫސްވެރިޔާ ސަމާހު ސްކާފެއްގެ ގޮތުގައި ބޭނުންކުރި ފޭލި ޝުހައިލަށް ހަދިޔާ ކުރުމަށްފަހު އޭނާގެ ގައިގައި ބައްދާލަނީ-- ސަން ފޮޓޯ/ ޙުސައިން ޙަސަން
މިއީ ރޮހިންގާ އާއިލާއެއް، އަދިވެސް އެތިބީ އިންތިޒާރުގައި

މިދިޔަ ހޯމަ ދުވަހު މިޔަންމާއިން ބަންގުލަދޭޝްއަށް އެތެރެވި ރޮހިންގާ އާއިލާއެއްގެ ތުއްތު ކުޑަ ކުއްޖަކު ރޮނީ: ބަންގުލަދޭޝްއަށް އެތެރެވި ރޮހިންގާ މީހުންގެ އަދަދު 500،000އާ ގާތް ކުރޭ--- ސަން ފޮޓޯ/ ޙުސައިން ޙަސަން
މިއީ މިދިޔަ ހޯމަ ދުވަހު ނެގި ފޮޓޯއެކެވެ. ފޮޓޯއިން ފެންނަނީ ބަންގުލަދޭޝްއަށް އެތެރެވި ރޮހިންގާ އާއިލާއެކެވެ. އެ އާއިލާ އިންތިޒާރު ކުރަމުން އެދަނީ އެ އާއިލާގެ އެހެން މެމްބަރުން އަންނާނެ ވަގުތަކަށެވެ.
ބަންގުލަދޭޝް އާއި މިޔަންމާއާ ގުޅޭ ބޯޑަރު ސަރަހައްދުގެ ޓެކްނާފުގެ އައްސޭރިފަށުގައި މަޑުކޮށްގެން ތިބި އެ އާއިލާގެ ތެރެއިން އަޅުގަނޑުގެ ކެމެރާގެ ލެންސު ގޮސް ހުއްޓުނީ އަޑުން، އަޑު ނަގައި ރޮމުންދިޔަ ތުއްތު ކުއްޖާ އަށެވެ.

އަޑުން އަޑު ނަގައި ރޮމުން އެދަނީ ރޮހިންގާ ކުއްޖެއް: އެހީއަށް ބޭނުންވާ ރޮހިންގާ ބައެއް އާއިލާތައް ބަންގުލަދެޝްގެ ޖަންގަލިތަކުގައި ދިރިއުޅެން ވަނީ މަޖުބޫރުވައި-- ސަން ފޮޓޯ/ ޙުސައިން ޙަސަން
ފޮޓޯ ނަގަން ފެށުމުން ރުއިން ހުއްޓާލި
މާގިނައިން ފޮޓޯ ނަގަން ފެށުމުން ރުއިން ހުއްޓާލި އެވެ. މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައީ "ފިސާރި" އަވަހަށެވެ. ނަމަވެސް ހާސްކަމާއި ބިރުވެރިކަމާއި އުޅެން ޖެހޭ ހާލު އެ ތުއްތު ކުއްޖާގެ މޫނުމަތިން ކިޔައިދެ އެވެ.

ފޮޓޯ ނަގަން ފެށުމާއެކު އެ ތުއްތު ކުއްޖާ ރޮއިން ހުއްޓާލި--- ސަން ފޮޓޯ/ ޙުސައިން ޙަސަން
ރުއިން ހުއްޓާލުމަށް ފަހު ވެސް ސިއްރު، ސިރުން އެ ކުޑަކުއްޖާ ބަލަމުން އެ ދަނީ ކެމެރާއަށެވެ.
ރުއިން ހުއްޓާލުމަށް ފަހު އެ ތުއްތު ކުއްޖާގެ ސަމާލުކަން ހުއްޓުނީ ކެމެރާއަށް، ސިއްރުން ވެސް ބަލަމުން އެދަނީ ކެމެރާގެ ލެންސަށް-- ސަން ފޮޓޯ/ ޙުސައިން ޙަސަން
ސަންގެ ނޫސްވެރިން މިޔަންމާ-ބަންގާޅު ބޯޑަރުގައި
މިއަންމާގެ ރާހިން ސްޓޭޓުގައި ހިންގާ ގަތުލު އާންމުގެ އަސަރު މި ސަރަހައްދުން ފެނެ އެވެ. ކޯރުގެ އަނެއް ފަރާތުން އެ ފެންނަނި މިއަންމާ އެވެ. ރޮހިންގާ މީހުންގެ ގެތަކުގައި ހުޅުޖަހައި ރޯކުރަމުންދާ އަލިފާނުގެ ދުން ވަޔާ އެކު، މައްޗަށް އަރައިގެންދާ މަންޒަރު މި ސަރަހައްދުން ފެނެ އެވެ.
މިޔަންމާ އާޢި ބަންގުލަދޭޝްއާ ގުޅޭ ސަރަހައްދުގައި ސަން އޮންލައިންގެ ޑެޕިއުޓީ އެޑިޓަރު ޙުސައިން ހަސަނާއި ނޫސްވެރިޔާ މުހައްމަދު ސަމާހު ދިވެހި ދިދަ ހިފައިގެން ފޮޓޯއަކަށް ހުއްޓިގެން --- ސަން ފޮޓޯ/ ޝޮބީރު [ބަންގުލަދޭޝް]
ފަހުގެ ތާރީހެއްގައި މުސްލިމުންނާ ދެކޮޅަށް ހިންގި އެންމެ ބޮޑު ޖަރީމާގެ ޝިކާރައަކަށްވި ރޮހިންގާ މީހުންގެ ވާހަކަތައް ލިޔުމަށް ތިލަކޮށްފީމެވެ. ފޮޓޯތަކާއި ވީޑިއޯތަކާއި އަޑުތަކުން އެ ވާހަކަ ބުނެދޭނަމެވެ. މި ހިސާބުން މިދަތުރު އަދި ނިމުނީއަކީ ނޫނެވެ.
"ޕިކްޗާ: އަބީ ބާކީހޭ،"