ރަށެއްގައި ހަ އަހަރުގެ ކުއްޖަކަށް ދެ ފަަހަރަށް ޖިންސީ ގޯނާކޮށްފި، ޒިންމާ ނަގާނީ ކާކު؟

ހުވަދުއަތޮޅުގެ ރަށެއްގައި އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކަށް ދެ ވަނަ ފަހަރަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިވަނީ ފެންމަތިވެފަ އެވެ. އެ ކުއްޖާއަށް އެންމެ ފުރަތަމަ ޖިންސީ ގޯނާކުރިކަން ފެންމަތިވީ މިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު އަނެއްކާ ވެސް ވަނީ އެ ކުއްޖާ އަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފަ އެވެ.

އެންމެ ފުރަތަމަ އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރީ އެ ކުއްޖާގެ ގޭގައި ހިންގާ ހޮޓަލެއްގައި މަސައްކަތްކުރާ ބިދޭސީ ވެއިޓަރެކެވެ. އެއަށް ފަހު ދެވަނަ ފަހަރަށް އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރީ އާއިލާ އާ ގާތް ގުޅުމެއް އޮންނަ މީހެކެވެ. އެމީހާ އަކީ ގިނަ ގިނައިން އެގެއަށް ގޮސް އުޅޭ މީހެކެވެ. އެރަށުން "ސަން" އަށް މައުލޫމާތު ހިއްސާކުރި މީހަކު ކިޔައިދިން ގޮތުގައި އެމީހާ އަކީ އެގެއަށްގޮސް އުޅުމުގެ ތެރޭގައި އެކުއްޖާއާ ވެސް ގާތްކޮށް އުޅޭ މީހެކެވެ. ހަދިޔާގެ ގޮތުގައި އެ ކުއްޖާއަށް ޗޮކްލެޓާއި ބިސްކޯދު ފަދަ ތަކެތި އެމީހާ ދީ ހަދާ ކަމަށް "ސަން" އަށް މައުލޫމާތު ދިން މީހާ ކިޔައިދިނެވެ.

އެ ހާދިސާއަށް ފަހު އަންހެން ކުއްޖާގެ ބައްޕައާއި އެމީހާއާ ދެމެދު ކުރެވިފައިވާ ފޯނު ކޯލް ރެކޯޑިންއެއް "ސަން" އަށް ވަނީ ލިބިފަ އެވެ. އެ ރެކޯޑިންގައި އެމީހާ ކުށަށް އިއުތިރާފުވެ އެވެ.

ކުއްޖާގެ ބައްޕަ: މިހާރު އިއްބޭ ކަލޭ ފީކަޅާވީއޭދޯ. ހީނުކުރާ ވަރަށްވުރެ ވެސް ދަށުދަރަޖައަކަށް ކަލޭ ވެއްޓިފައޭ ތިހިރީ. އެހެންނުންވާނީ. މަގޭކުރިމަތީގައި.

ޖިންސީ ގޯނާ ކުރި މީހާ: އާނ ދެން ތިކަން އޮތީ ތިގޮތަށް.

ކުއްޖާގެ ބައްޕަ: ކަލެއަށް އެނގޭނެ ކަލޭދެކެ އެހާ ލޯބިވާ ކުދިން. އެހެންވީމަ އެކުދިންނާ އެގޮތަށް ބެހުނީމަ ރަނގަޅުގޮތެއް ނޫން. އަމިއްލައަށް ބެހި، އަމިއްލައަށް މައާފަށް އެދުނީވެސް. އެހެންނުން.

ޖިންސީ ގޯނާ ކުރި މީހާ: ދެން އަނެއްހެން ވާނެގޮތަކީ އަމިއްލައަށްތާ މައާފަށް އެދެންޖެހޭނީ. އެމީހަކަށް ކަމެއް ކުރެވުނީމަ އެމީހަކުތާ މައާފަށް އެދޭނީ ކޮންމެހެނެއް ވެސް. ކުށްކުރާ މީހާ މައާފަށް އެދޭނީ. އެހެންމީހަކު ނޭދޭނެ މައާފަށް.

ކުއްޖާގެ ބައްޕަ: ރަނގަޅޭ. ރަނގަޅޭ. ތިއީ މައްސަލައެއް ނޫންހޭ މަ ބުނީ.

ޖިންސީ ގޯނާ ކުރި މީހާ: ދެން ކަލޭ ކިހިނެއްހޭ ހަދަނީ މަބުނީ.

ކުއްޖާގެ ބައްޕަ: އާނ. ހުރިހާ ކުދިން ވެސް މިހާރު ބުނަނީ ޕޮލިހަށް ދާށޭ ދޯ. ޕޮލިހަށް ނޮގޮހެއް ނެތެއްނުން ވާކަށް. ކަލޭތީ ތިހާ ޑީގްރޭޑް މީހެއް. ތިހާ ދަށު ދަރަޖައިގެ އަމަލެއް ތި ހިންގީ. އެހެންވީމަ ދެން ކިހިނެއް ހަދާނީ.

ޖިންސީ ގޯނާ ކުރި މީހާ: އަހަރެންނަށް ދެން ނޭނގެ. އަހަރެންގެ ބޭނުމަކީ ހަމަ އެންމެ ބޭނުމެއް ކަލޭ ކައިރީގަ.

ކުއްޖާގެ ބައްޕަ: ކޮން ބޭނުމެއް.

ޖިންސީ ގޯނާ ކުރި މީހާ: މަގޭ ބޭނުމަކީ މައްސަލަ ނުޖެއްސުން ދެން.

ކުއްޖާގެ ބައްޕަ. މައްސަލަ ނުޖައްސާވަރެއް ނޫންހޭ އިއްބޭ. ސަބަބަކީ ކަލޭ ތިއޮތީ އެ އަމަލު ހިންގާފައި. އެއީ ކުޑަކުއްޖެއް.

ޖިންސީ ގޯނާ ކުރި މީހާ: ރަނގަޅު. ރަނގަޅު. ކަލޭ ބޭނުންގޮތަކަށް ކަލޭ ތިކަން ކުރީމަ ހުންނާނީ ރަނގަޅަށް.

ކުއްޖާގެ ބައްޕަ: އާނ އެހެންނުންވާނީ

ޖިންސީ ގޯނާ ކުރި މީހާ: ތިއީ ރަނގަޅު ވާހަކައެއް.

ކުއްޖާގެ ބައްޕަ: އެހެންވީމަ އިތުރަށް ވާހަކަ ދައްކާކަށް މަ ބޭނުމެއް ނޫން. އެހެންވީމަ ދެން ފޯނު ބާއްވާ.

ކުއްޖާގެ ބައްޕަ އާއި ޖިންސީ ގޯނާ ކުރި މީހާއާ ދެމެދު ދެކެވިފައި ހުރި ވާހަކަތަކުން ވެސް އެނގޭ ގޮތުގައި އެ މީހާއަކީ އެ ކުއްޖާއާ ގާތް ގުޅުމެއް އޮންނަ މީހެކެވެ. އަދި އެކަން އާއިލާ އަށް ވެސް އެނގޭކަން މި ވާހަކަތަކުން އެނގެ އެވެ.

ޅަ އުމުރުގެ ކުއްޖަކު ބެލެހެއްޓުމުގައި މައިންބަފައިން ޚާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ. ކުއްޖާގެ ކަރާމާތަށް އެއްވެސް މީހަކު އެރިޔަނުދިނުމަށް ފިޔަވަޅު އެޅުއެޅުމަކީ ވެސް ގާނޫނީ ގޮތުން މައިންބަފައިންގެ ޒިންމާއެކެވެ. ކުޑަކުއްޖަކާ މެދު ބަދުއަޚުލާގީ އަމަލެއް ނުވަތަ އަނިޔާވެރި އަމަލެއް ހިންގިޔަނުދިނުމަށް ޚާއްސަ ސަލާމާލުކަމެއް ދިނުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގައި މައިންބަފައިންގެ މައްޗަށް ލާޒިމްކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކުއްޖަކަށް އެއްފަހަރު ޖިންސީ އަނިޔާ ލިބިއްޖެ ނަމަ ދެން ބަލަންޖެހޭނީ އެފަދަ ކަމެއް ދެވަނަ ފަހަރަށް އެކުއްޖާއަށް ދިމާވުމަކީ ވެސް ގާތް ކަމެއް ކަމުގަ އެވެ. އެފަދަ ހާލަތްތަކުގައި ކުއްޖާއާ މެދު ޖިންސީ އަމަލެއް ހިންގިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެކަށީގެންވާގޮތެއްގައި އެޅުމަކީ ގާނޫނުލް އުގޫބާތުން ބައިންބަފައިންގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެކެވެ. މި ކުއްޖާއަށް ބަލާއިރު، މިއީ ޖިންސީ އަނިޔާ ލިބުނު ދެވަނަ ފަހަރެވެ. އަދި ޖިންސީ އަނިޔާ ލިބިފައި މިވަނީ ކައިރި ކައިރީގައެވެ. އެހެންކަމުން އެކުއްޖާގެ މައިންބަފައިންނަށް ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ އެންމެ ފުރިހަމަގޮތުގައި އަދާކުރެވިއްޖެތޯ ސުވާލު އުފެދެ އެވެ. މި ކުއްޖާ ބެލެހެއްޓުމުގައި މައިންބަފައިންގެ އިހުމާލުނުވެއޭ ބުނެވިދާނެތޯ އެވެ.

ޖުލައި މަހުގެ ތެރޭގައި އެ ކުއްޖާ އަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން 33 އަހަރުގެ ބިދޭސީއަކު ފުލުހުން ހައްޔަރުކުރި އެވެ. އަދި ދެވަނަ ފަހަރަށް އެ ކުއްޖާ އަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން 45 އަހަރުގެ ދިވެއްސަކު ފުލުހުން ވަނީ ރޭ ހައްޔަރުކޮށްފަ އެވެ. އެ މައްސަލަ ތަހުގީގުކޮށް އެ ކުށް ކުރި މީހުންނާ މެދު ފިޔަވަޅު އެޅިދާނެ އެވެ. ނަމަވެސް ތިން ވަނަ ފަހަރަށް ވެސް އެ ކުއްޖާއަށް ޖިންސީ އަނިޔާ ލިބުނަ ނުދިނުމަށް ޓަކައި ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ. ހަމައެކަނި އެ ކުށް ކުރި މީހުންނަށް އަދަބު ދިނުމަކީ އެ ކުއްޖާއަށް ރައްކާތެރިކަން ދެވުނީ ކަމަށް ނުބެލެވޭނެ އެވެ.

ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ކުއްޖާއަށް އިންސާފު ހޯދައިދިނުމުގެ އިތުރުން ސަރުކާރުން ކަންތައްތަކެއް ކޮށްދޭންޖެހޭނެ ކަމަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އެފަދަ ކުއްޖަކަށް ނަފްސާނީގޮތުން ދިމާވެދާނެ ހުރިހާ އުނދަގުލެއް ލުއިކޮށްދިނުމަށާއި ޒިންމާދާރު މީހެއްގެ ގޮތުގައި ދިރިއުޅުމަށް ބޭނުންވާ ކައުންސެލިން ފޯރުކޮށްދިނުމަކީ ސަރުކާރުން ކުރަން ޖެހޭ ކަމެކެވެ.

އެކުއްޖާ އަށް ލަސްނުކޮށް ކައުންސެލިންދޭން އެބަޖެހެ އެވެ. އަދި އެ ކުއްޖާއަށް ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ފިޔަވަޅުތަކެއް ވެސް އަޅަންއެބަޖެހެ އެވެ. އެ ކުއްޖާ ބެލެހެއްޓުމުގައި މައިންބަފައިން އަމަލުކޮށްފައިވާ ގޮތް ބަލައި ތަހުގީގުކޮށް މައިންބަފައިންނާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ފާހަގަވާ ނަމަ ލަސްނުކޮށް އެމީހުންނާ މެދު ވެސް ފިޔަވަޅު އަޅަންޖެހެ އެވެ. އެއީ އެހެން މީހުންނަށް އިބުރަތަކަށް ވެސް ކުރަންޖެހިފައިވާ ކަމެކެވެ.

comment ކޮމެންޓް