ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އުމުރަށް ޖަލަށްލާފައި ހުރި ކުއްޖާގެ ކާފަ މިއަދު ޖަލުގައި މަރުވެއްޖެއެވެ.
ދެ އަހަރުގެ ކުޑަކުއްޖަކަށް އެ ކުއްޖާގެ މުނިކާފައާއި ކާފަ ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވީ ޖެނުއަރީ 2020 ގައެވެ. އެ މައްސަލައާ ގުޅިގެން އެ ރަށު އަންނާރުމާގޭ، ހަސަން މޫސާ ދީދީ، 85 އާއި އެ ރަށު ރިހިވެލި އިބްރާހިމް ދީދީ 67 އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2022 ވަނަ އަހަރު ވަނީ ހުކުމްކޮށްފައެވެ.
އޭގެ ތެރެއިން މުނިކާފަ ޖަލުގައި މަރުވީ ސެޕްޓެމްބަރު 9، 2023 ގައެވެ.
ކަރެކްޝަންސްއިން މިއަދު ބުނީ، އުމުރު ދުވަހުގެ ހުކުމެއް ތަންފީޒުކުރަމުންދިޔަ އިބްރާހިމް ދީދީ ވެސް ރޭ ދަންވަރު ކުއްލި ގޮތަކަށް މަރުވެފައިވާ ކަމަށެވެ.
އިބްރާހިމް ދީދީ ރޭ ހޭލާ އުޅެނިކޮށް ކުއްލިއަކަށް ވެއްޓުމާއި ގުޅިގެން މެޑިކަލް ޓީމުން ބަލައި، އަވަސް ފަރުވާ ދިނުމުން ވެސް ހަރަކާތެ ނުކުރާތީ، އޭނާ ވަނީ އެމަޖެންސީ ޙާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ. ފަރުވާ ދިނުމަށް ފަހު ވެސް ހަރަކާތެއް ނެތުމުން، އޭނާ ނިޔާވެފައިވާ ކަމަށް ކަނޑައަޅާފައިވަނީ 2:40 ކަށް ހާއިރެވެ.
އެ މީހާއަކީ ހައި ބަލްޑް ޕްރެޝަރު، ކޮލެސްޓްރޯލް އަދި ޓްރެމާސް، ފަދަ ބަލިތަކަށް ބޭސްކުރަމުން އައި މީހެއް ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.
ތަފާތު އެކި ދުވަސް މަތިން، އިބްރާހީމް ދީދީގެ ކާފަ ދަރި އަދި ޙަސަން މޫސާ ދީދީގެ މުނިކާފަ ދަރިއަށް ޖިންސީ ގޯނާ ކޮށްފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން އޮތީ ކަނޑައަޅާފައެވެ.