އޭޝިއަން އިންޑޯ ގޭމްސްގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމް ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ

ޔޫއޭއީ އާ ދެކޮޅަށް ކުޅުނު ގައުމީ ފުޓްސަލް ޓީމު -- ފޮޓޯ: އޮލިމްޕިކް ކޮމެޓީ

އިއްޔެ ފެށި ފަސް ވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގެ ފުޓްސަލް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ބަލިވެއްޖެއެވެ.

ތުރުކެމެނިސްތާންގެ އަޝްޣަބަތުގައި ކުރިއަށްދާ އެ ގޭމްސްގެ ފުޓްސަލް މުބާރާތުގައި ރާއްޖެ އިއްޔެ ބައްދަލުކުރީ އެކުވެރި އަރަބި އިމާރާތާއެވެ. މި މެޗު 3-1 އިން ކާމިޔާބު ކުރީ އެކުވެރި އަރަބި އިމާރާތެވެ. މިމެޗުގެ ފުރަތަމަ ހާފު 1-1 އިން ދެޓީމު އެއްވަރުވެގެން ނިމުނު ނަމަވެސް، ފަހު ހާފުގައި އެކުވެރި އަރަބި އިމާރާތުން ވަނީ ދެ ލަނޑު ޖަހައި މެޗު ކާމިޔާބު ކޮށްފައެވެ.

އެ މުބާރާތުގެ ދެވަނަ މެޗުގައި މާދަމާ ރާއްޖެ ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.

އެ މުބާރާތުގައި ރާއްޖެ ލައްވާލާފައި ވަނީ އަފްޣާނިސްތާނާއި ޗައިނާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި އުޒްބަކިސްތާނާ އެކު 'ގްރޫޕް ބީ'ގަ އެވެ. މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަތައް ލިބޭނީ ގްރޫޕްގެ އެއް ވަނަ އަދި ދެވަނަ ހޯދާ ޓީމުތަކަށެވެ.

މިއީ 2008 ވަނަ އަހަރަށް ފަހު ބޮޑު މުބާރާތެއްގައި ގައުމީ ފުޓްސަލް ޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ގައުމީ ޓީމު 2004 އަދި 2005 ވަނަ އަހަރު އޭއެފްސީ ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރި ނަމަވެސް، ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައެއް ނުވެ އެވެ. އޭގެ ފަހުން 2006، 2007 އަދި 2008ގެ ކޮލިފައިންގައި ވާދަކުރި ނަމަވެސް، ގްރޫޕް ސްޓޭޖުން ފުރުސަތެއް ލިބިފައެއް ނުވެ އެވެ. ގައުމީ ފުޓްސަލް ޓީމު ފީފާ ފުޓްސަލް ވޯލްޑް ކަޕް 2004 އަދި 2008ގެ ކޮލިފައިންގައި ވާދަކުރި ނަމަވެސް، ގްރޫޕް ސްޓޭޖުން ފުރުސަތު ލިބިފައެއް ނުވެ އެވެ.

comment ކޮމެންޓް