އޮއްޕޮގެ ކުންފުނިން މައްސަލަ ނެގުމުން، އެފްއޭއެމްގެ ޝުކުރު

އޮއްޕޮ ނިއުގެ ޖާރޒީގައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާފަންނު ސްޓޭޑިއަމްގައި ހަދާފައިވާ ގުދަން ހުސްކުރަން ދެކޮޅު ހަދައި، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ، އިބްރާހީމް ފަޒީލް (އޮއްޕޮ)ގެ ކުންފުނިން ފުޓްބޯޅް އެސޯސިއޭޝަން (އެފްއޭއެމް)އާ ދެކޮޅަށް ދައުވާ ކުރި މައްސަލަ، އަނބުރާ ނެގުމުން، އެފްއޭއެމުން އޮއްޕޮއަށް ޝުކުރު އަދާކޮށްފިއެވެ.

މިއީ، މާފަންނު ސްޓޭޑިއަމްގައި ގަވައިދާ ޚިލާފަށް ހަދާފައިވާ ކަމަށް ބުނާ ގުދަން ހުސްކުރަން އެފްއޭއެމްއިން ތަކުރާރުކޮށް އެންގި އެންގުންތަކަށް ދެކޮޅު ހަދައި، އޮއްޕޮގެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެވެ.

މި މައްސަލައިގައި އޮއްޕޮގެ ކުންފުނިން އެފްއޭއެމާ ދެކޮޅަށް ވަގުތީ އަމުރެއް ނެރުމަށްވެސް އެދުނެވެ. އެކަމަކު، ދެ ފަރާތުން ވާހަކަ ދައްކައިގެން ހައްލެއް ހޯދުމަށް ދިން ފުރުސަތަށް ފަހު، އޮއްޕޮގެ ކުންފުނިން އެދިގެން މައްސަލަ އަނބުރާ ނެގުމުން، އެފްއޭއެމުންވަނީ އެކަމަށްޓަކައި އޮއްޕޮއަށް ޝުކުރު އަދާކޮށް، އެ ނިންމުމަށް މަރުހަބާ ކިޔާފައެވެ.

އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އޮއްޕޮގެ ކުންފުނީގެ މި އަމަލުން ދައްކުވައިދެނީ ދިވެހި ފުޓްބޯޅައިގެ މުސްތަގުބަލަށް އެ ކުންފުނިން އަހައްމިއްޔަތުކަން ދޭ މިންވަރާއި، ފުޓްބޯޅަ އާއިލާއަށް ހެޔޮ ނަތީޖާއެއް ހޯދައިދިނުމަށް ދޭ އެހީތެރިކަން ކަމަށެވެ.

އޮއްޕޮގެ އިސްނެގުމާއެކު މައްސަލަ އަނބުރާ ނެގުމުން، އެ ތަން ބޭނުންކުރުމުގެ ފުރުޞަތު އެފްއޭއެމްއަށް ވަނީ ލިބިފައެވެ.

އެފްއޭއެމުން ބުނެފައިވާ ގޮތުގައި، މާފަންނު ސްޓޭޑިއަމްގައި އޮއްޕޮގެ ކުންފުނިން ގުދަން ހަދައިފައި ވަނީ، 2017 އިން ފެށިގެން 50 އަހަރުގެ މުއްދަތަށް ފީފާގެ ފޯވާޑްސްގެ ޕްރޮޖެކްޓްސް ހިންގުމަށް ޚާއްސަކޮށްގެން ސަރުކާރުން ފުޓްބޯޅަ އެސޯސިއޭޝަންއަށް ދޫކޮށްފައިވާ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައެވެ.

ފީފާއިން ޚަރަދުކޮށްގެން ހަދަމުންދިޔަ އިމާރާތުގެ އިރުން، ފުޓްބޯޅަ ދަނޑު އެޅުމަށް ޚާއްސަކޮށްފައިވާ ސަރަހައްދުގައި ގުދަން ހަދާފައިވާ ފަރާތްތަކުގެ ތެރެއިން، ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑުން އެ ބިން ހުސްކުރުމަށް އެކި ފަހަރުގެ މަތީން އެންގުމުން ވެސް އެ ބިން ހުސްކުރުމަށް ވަނީ އިއުތިރާޒުކޮށްފައި ކަމަށް އެފްއޭއެމުން ބުންޏެވެ.

އެފްއޭއެމުން ބުނި ގޮތުގައި މާފަންނު ސްޓޭޑިއަމްގެ ސަރަހައްދުގައި އޮއްޕޮގެ ކުންފުނިން ވަނީ 2،700 އަކަ ފޫޓްގެ ބިމުގައި، ޑެގް އަޅައިގެން ދެބުރިއަށް ގުދަނެއް ހަދައިފައެވެ. އެ ގުދަން، 25 އަހަރަށް ދޫކޮށްފައި ވަނީ އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް ކަމަށް އެފްއޭއެމުން ބުންޏެވެ.

އެއީ، އެ ސަރަހައްދުން ކުނި އުކައި ސާފު ކުރުމަށް 1.8 މިލިއަން ރުފިޔާ އެފްއޭއެމަށް ދިނުމުން އެކަމުގެ ބަދަލުގައި ކަމަށް ބުނެފައިވީ ނަމަވެސް، 1.8 މިލިއަން ރުފިޔާގެ ކުނި އުކުމާއި ބެހޭގޮތުން އެފްއޭއެމާއެކު އެއްބަސްވުމެއް ހަދާފައެއް ނުވާކަމަށް އެފްއޭއެމުން ބުންޏެވެ.

މީގެ އިތުރުން 2،700 އަކަފޫޓްގައި އިމާރާތްކޮށްފައި ވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ، އަދި މާލެ ސިޓީ ކައުންސިލްގެ އެއްވެސް ހުއްދައެއް އަދި ކުރެހުމެއް ވެސް ފާސްކުރުމަކާ ނުލައިކަމަށް އެ އިދާރާތަކުން އެފްއޭއެމްއަށް އަންގާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

comment ކޮމެންޓް