ފުޓުބޯޅަ ސްކޫލެއް އަޅަން އެފްއޭއެމަށް ދިން ބިމުގެ މައްސަލަ އެޗްޑީސީން އަނބުރާ ގެންގޮސްފި

އެފްއޭއެމް: ފުޓުބޯޅަ ސްކޫލެއް އަޅަން އެފްއޭއެމަށް ދިން ބިމުގެ މައްސަލަ އެޗްޑީސީން ވަނީ އަނބުރާ ގެންގޮސްފައި - ފޮޓޯ: ހަސަން މާނިއު

ހުޅުމާލޭގައި ފުޓުބޯޅަ ސްކޫލެއް ގާއިމުކުރަން ސަރުކާރުން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ދޫކުރި ބިމުގެ މައްސަލަ، ކޯޓުން ބޭރުގައި ހައްލު ކުރުމަށް، އެޗްޑީސީން އެފްއޭއެމާ ދެކޮޅަށް ކުރި ދައުވާ އަނބުރާ ގެންގޮސްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭ ފޭސް އެކަކުން އެފްއޭއެމަށް ބޮޑު ބިމެއް ދިނީ އިޖުތިމާއީ މަޝްރޫއެއް ހިންގާތީ އެއްވެސް ކުއްޔަކާ ނުލައެވެ. އެކަމަކު އެ ބިމުން ބައެއް ވިޔަފާރީގެ ގޮތުގައި ބޭނުން ކުރަން އެފްއޭއެމުން ބޭނުންވުމުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި އެޗްޑީސީން އެއްބަސްވުން ބަދަލުކޮށްދީ ވިޔާފާރި އުސޫލުން ވެސް ބޭނުންއެ ކުރުމުގެ ހުއްދަ ދިނެވެ. އަދި އެއްބަސްވުން ބަދަލު ގެނައި ހިސާބުން ކުލި ދައްކަން ޖެހޭނެ ކަމަށް ވެސް އެފްއޭއެމްގެ މައްޗަށް ޝަރުތު ކުރިއެވެ.

އެކަމަކު، އެފްއޭއެމުން ކުލި ނުދައްކާތީ އެޗްޑީސީން އެކި މަރުހަލާތަކުގެ މަތިން ނޯޓިސް ވެސް ދިނެވެ. ފަހުން ބިން އަތުލާނެކަމުގެ އިންޒާރާ އެކު އެ ތަނުގައި ރެޑް ނޯޓިހެއް ވެސް ހަރުކުރުމުން ވެސް އެފްއޭއެމުން ކުއްޔެއް ނުދެއްކިއެވެ. އޭގެ ފަހުން އެފްއޭއެމާއެކު ހެދި އެއްބަސްވުން ބާތިލުކޮށް އެޗްޑީސީން ބިން އަތުލިއެވެ. އަދި އެ ބިމުން ކުއްޔަށް ދީފައިވާ ސަރަހައްދު ހުސްކުރަން އެފްއޭއެމަށް އެންގިއެވެ.

އޭގެ ފަހުން އެފްއޭއެމާ ދެކޮޅަށް އެޗްޑީސީން ދައުވާ ކުރީއެވެ. އެކަމަކު، އެ މައްސަލަ އެޗްޑީސީން މިއަދު އަނބުރާ ގެންދިޔައީ، ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށެވެ.

ރާއްޖޭގައި އިންޓަނޭޝަނަލް ފެންވަރުގެ ފުޓްބޯޅަ ޓްރެއިނިން ފެސިލިޓީތަކެއް އެޅުމަށް ސަރުކާރުން އިއުލާނުކޮށް އެކަމުގެ ބޭނުމަށް އެފްއޭއެމާއި އެޗްޑީސީއާ ދެމެދު ވީ އެއްބަސްވުންތަކުގެ ތެރެއިން އެފްއޭއެމުން ސަބްލީޒްކުރި ބިންތަކުން ލިބުނު ފައިސާއިން ގާތްގަނޑަކަށް 30 މިލިއަން ރުފިޔާއަށް ވީގޮތެއް ނޭންގި ގެއްލިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ކުރިން ބުނެފައިވެއެވެ.

ރައީސް އޮފީހާއި، ސްޕޯޓްސް މިނިސްޓްރީ، އަދި އެފްއޭއެމް ގުޅިގެން 2018 ވަނަ އަހަރު ހުޅުމާލޭގައި ފުޓްބޯޅަ ޓްރެއިނިން ސްކޫލެއް ތަރައްގީކުރަން ހިންގި ޕްރޮޖެކްޓާ ގުޅޭ ކޮރަޕްޝަނާއި، ޚިޔާނާތާއި، އިހުމާލުގެ ސީރިއަސް މައްސަލަތަކެއް އޮޑިޓް އޮފީހުން ފާހަގަކޮށް، އެކަންކަން އިތުރަށް ތަހުގީގުކުރަން އޭސީސީގައިވަނީ އެދިފައެވެ.

ހުޅުމާލޭގައި ފުޓުބޯޅަ ސްކޫލެއް ގާއިމުކުރުމަށް ސަރުކާރުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ދޫކުރި ބިމުގެ މައްސަލައިގައި، އެޗްޑީސީން ކޯޓަށް ހުށަހެޅި ދައުވާ އަނބުރާ ގެންގޮސްފިއެވެ. މި މައްސަލަ އަނބުރާ ގެންދިޔައީ ކޯޓުން ބޭރުގައި ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމުގެ މަގުސަދުގައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިލޭ ދޫކުރި މި ބިން، ފަހުން ވިޔަފާރީގެ އުސޫލުން ބޭނުންކުރަން ހުއްދަދީ ކުލި ނަގަން ފެށިއެވެ. ނަމަވެސް، ކުލި ނުދެއްކުމުގެ ސަބަބުން އެޗްޑީސީން ވަނީ އެތައް ފަހަރަކު އިންޒާރު ދިނުމަށްފަހު އެއްބަސްވުން ބާތިލުކޮށް ބިން އަތުލާފައެވެ. އަދި އެ ތަން ހުސްކުރުމަށްވެސް އެންގިއެވެ. މި މަޝްރޫއާ ގުޅިގެން ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް އޮޑިޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، އެ ބިމުން ސަބްލީޒްކޮށްގެން ލިބުނު 30 މިލިއަން ރުފިޔާއަށް ވީގޮތެއް ނޭނގި ގެއްލިފައިވާކަމަށާއި، މިކަމުގައި އެކުލެވޭ ޚިޔާނާތާއި އިހުމާލުގެ މައްސަލަތައް ތަހުގީގުކުރުމަށް އޭސީސީއަށް ވަނީ ހުށަހަޅާފައެވެ.

  • ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް އެޗްޑީސީން ވަނީ ދައުވާ އަނބުރާ ގެންގޮސްފައެވެ.
  • ކުލި ނުދެއްކުމުގެ ސަބަބުން އެޗްޑީސީން ވަނީ އެފްއޭއެމާއެކު ހެދި އެއްބަސްވުން ބާތިލުކޮށްފައެވެ.
  • އެ ބިމުން ސަބްލީޒްކޮށްގެން ލިބުނު 30 މިލިއަން ރުފިޔާއަށް ވީގޮތެއް ނޭނގޭކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.
  • މި މަޝްރޫއާ ގުޅޭ ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތަކެއް ތަހުގީގުކުރުމަށް ވަނީ ހުށަހަޅާފައެވެ.
comment ކޮމެންޓް