ޑެމްބެލޭ އަށް އަނިޔާވެ ހަތަރު މަހަށް ކުޅުމާ ދުރަށް

އޮސްމާން ޑެމްބެލޭ-- ފޮޓޯ: އޭޕީ

ބާސެލޯނާ އަށް ރެކޯޑު ފީ އަކަށް ބަދަލުވި ޒުވާން ވިންގާ އޮސްމާން ޑެމްބެލޭ އަށް އަނިޔާވެ ހަތަރު މަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

ބާސާ އިން ޔަގީންކޮށް ދިން ގޮތުގައި އިއްޔެ ގެތާފޭ އަތުން 1-2 އިން މޮޅުވި މެޗުގައި އުމުރުން 20 އަހަރުގެ ޑެމްބެލޭގެ ފަލަ މަސްގަނޑަށް ވަނީ ސީރިއަސް އަނިޔާ އެއް ވެފައެވެ. އެއާއެކު އޭނާ ކުރިއަށް އޮތް ހަތަރު ވަރަކަށް މަހު ދަނޑުމަތިން ނުފެންނާނެ އެވެ.

ޑެމްބެލޭ އިއްޔެގެ މެޗުން ބާލާފައި ވަނީ ފުރަތަމަ ހާފު ގައެވެ. މިއަދު ހެދި ޓެސްޓުތަކުން އެނގުނު ގޮތުގައި އޭނާގެ ވައަތުފައިގެ ފަލަ މަސްގަނޑަށް ވަނީ ސީރިއަސް އަނިޔާއެއް ވެފައެވެ. އަދި އެ އަނިޔާ އަށް ފަރުވާ ހޯދުމަށް އޭނާ މި ހަފްތާ ތެރޭގައި ފިންލޭންޑަށް ފުރާނެއެވެ.

ޑޯޓްމަންޑުން 105 މިލިއަން ޔޫރޯ އަށް ބާސާ އަށް ބަދަލުވި ޑެމްބެލޭ އަށް ޗެމްޕިއަންސް ލީގުގެ ގްރޫޕު ސްޓޭޖުގައި ބާކީ ހުރި މެޗުތަކުގައި ބައިވެރިއެއް ނުވެވޭނެއެވެ. އަދި ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑް، ސެވިއްޔާ އަދި ވެލެންސިއާ އާ ދެކޮޅަށް ބާސާ ކުޅޭ މެޗުތަކުގައި ވެސް ނުކުޅެވޭނެއެވެ.

ޑެމްބެލޭ ބާސާގެ ޖޯޒީގައި އެންމެ ފުރަތަމަ ފެނިގެން ދިޔައީ ސްޕެނިޝް ލީގުގައި އެސްޕަނިޔޯލް އާ ދެކޮޅަސް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އޭގެ ފަހުން އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 ގައި ހިމެނިފައެވެ.

comment ކޮމެންޓް