ރޮހިންގާ ކޭމްޕުގައި ދިވެހި ދިދަ ވިހުރާލި ތުއްތު ކުއްޖާ!

ދިވެހި ދިދަ ހިފައިންގެ ތުއްތު ކުއްޖަކު އޭނާގެ އާއިލާއާއެކު: އެ ދިދައަށް އަތް ދިއްކޮށް، ބޭނުންވާ ކަމަށް އިޝާރާތް ކުރުމުން ދިދަ ވަނީ ހަދިޔާކޮށްފައި--- ސަން ފޮޓޯ/ ޙުސައިން ޙަސަން

ރޮހިންގާ މުސްލިމުންނަށް ޖެހިފައިވާ ހާލުން އަރައިގަތުމަށް އެހީވެދިނުމުގެ ގޮތުން ދިވެހިން އެއްކުރާ ފައިސާ ލިބޭނީ މި ތުއްތު ކުދިންނަށެވެ. މި މުސްލިމުންނަށެވެ. ދިވެހިން ވަމުންދާ އެ ގުރުބާނީގެ ވާހަކަ މި މުސްލިމުންނާ ހިސާބަށް އަޅުގަނޑުމެން ގެނެސްދީފީމުވެ. ހިތަމާ ނުކުރުމަށާއި ދިވެހިންގެ އާބާދީ މަދުވިޔަސް، މި ހިސާބަށް ވެސް ދިވެހި ނޫސްވެރިން މި ދަތުރުކުރީ އަޅުގަނޑުމެން އެ މީހުންނާ އެކު ތިބިކަން ހާމަކޮށްދިނުމަށްކަން ބުނެދިނީމު އެވެ.

އެނގޭ ހެއްޔެވެ؟ ރޮހިންގާ މީހުންނަކަށް ދިވެހިރާއްޖެއެއް ނޭނގެ އެވެ. ދިވެހިންނެއް ވެސް ނޭނގެ އެވެ. އެ ވާހަކަ ދެން ބާއްވާށެވެ. އެ ވާހަކަ އަޑުއަހަން އުނދަގުލަސްހެވެވެ! މުސްލިމުން އެހީވުމުގައި މިއްލަތެއް، ވަތަނެއް، ނަސަބެއް، ހަސަބެއް ނޯންނާނެ އެވެ. އެނގުނަސް ނޭނގުނަސް ހެވެވެ.

މި މުސްލިމުންނަށް ޖެހިފައިވާ ހާލު ގެނެސްދިނުމަށް ފެށި ދަތުރުގައި ފުރަތަމަ އަޅުގަނޑުމެން އިސްކުރީ ގައުމެވެ، ގައުމީ ދިދަ އެވެ. އަޅުގަނޑުމެންގެ ޓީޝާޓާއި ދަބަސްތަކުގައި ވެސް ދިވެހި ދިދަ 'ނެގީމު' އެވެ.

ކޭމްޕުތަކަށް ޒިޔާރަތްކޮށް އިންޓަވިއު ނަގަމުންދަނިކޮށް، ތުއްތު ކުއްޖަކު އަޅުގަނޑުގެ ދަބަހުގައި ޖަހާފައިވާ ދިދައަށް އަތް ދިއްކޮށްލައި ދިދަ ބޭނުންވާ ކަމަށް އިޝާރާތްކުރި އެވެ. އެ ތުއްތު ކުއްޖާއަކީ ހުވަފަތްވެފައިވާ ރާބިއަހު، 30، ހަމައެކަނި ދަރިއެވެ. އުފެދުމުގައި ފައިގައި އައިބުކަމެއް ހުރި ކުއްޖެކެވެ. (އެ އަންހެން މީހާގެ ވާހަކަ ސަންގެ މި ލިޔުމުގައި ވާނެއެވެ).

އެކަނިވެރި، ރާބިހައުގެ ވާހަކަތައް އިންޓަވިއު ކުރަމުންދިޔަ ސަންގެ ނޫސްވެރިޔާ މުހައްމަދު ސަމާހު، އިންޓަވިއު މެދުކަނޑާލީ، އެ ތުއްތު ކުއްޖާގެ ކުރަމުންދިޔަ އިޝާރާތް ފެނުމުންވެ. އެ ކުއްޖާ ވަށައިގެން އެއްވެފައި ތިބި މީހުންނާ އެކު އެ މަންޒަރު ފޮޓޯނެގުމަށް އަޅުގަނޑު ކުރަމުންދިޔަ މަސައްކަތް ހުއްޓާލައި އަވަސްވެގަތީ ދަބަހުގައި އިން ދިދަ ދިނުމަށެވެ. ސަމާހަށް އަޅުގަނޑު އެ ދިދަށް ދިނުމާ އެކު، އެ ތުއްތު ކުއްޖާގެ އަތަށް ދިދަ ދިނެވެ. ވިހުރާލަން ވެސް ނޭނގުނެވެ. އެކަން ކުރާނެ ގޮތް، ސަމާހު ދަސްކޮށްދިވެ.

ދިވެހި އެ ދިދަ ރޮހިންޔާ މީހުންނަށް ހަނދިޔާ ކުރަނީ: ދިވެހިންގެ ވާހަކަ އެ މީހުންނަށް ކިޔައިދިން-- ސަން ފޮޓޯ/ ޙުސައިން ޙަސަން

އެ ތުއްތު ކުއްޖާގެ މަންމަ ބުންޏެވެ.

"އައްސަލާމް އަލައިކުމް ބުނޭ، އަވަހަށް އެހެން ބުނޭ،"

މަންމަގެ އަޑު ދަށުން ކެމެރާއަށް ބަލަހައްޓައިގެން ހުރެ އެ ކުއްޖާ ދިވެހިންނަށް ބުނެލީ "އައްސަލާމް އަލައިކުމް" އެވެ.

ދެންވީ ހެއްވާ ގޮތެވެ! ކޭމްޕުތަކުގައި އަތްފުނާ އަޅައި، އެކި މީހުންގެ ވާހަކަތައް ހޯދުމަށް ފަހު، އެނބުރި ކޭމްޕުން ނުކުތް ވަގުތު އުފާވެރި މަންޒަރެއް ފެނުނެވެ. އެއްކަލަ ތުއްތު ކުއްޖާ ދިދަ ވިހުރައި ނަގަނީ އެވެ. އެ ކުއްޖާގެ މަންމަ، ރާބިއަހުއާއެކުގަ އެވެ.

ވިސްނާލާށެވެ. ރޮހިންގާ މީހުންގެ އާބާދީއަކީ 1.2 މިލިއަން މީހުންނެވެ. އަޅުގަނޑުމެންގެ އާބާދީ އޭގެ ހަތަރު ގުނަ މަދެވެ. ދިވެހިންގެ އާބާދީއަކީ 338،434 މީހުންނެވެ. އަމިއްލަ ވަޒަނުގައި ބޭރުކޮށް، ކާބަފައިންނާ އެކު އުޅުނު 900 އަހަރުވީ ފަސްގަނޑުން ފައިބައިގެން އައިސް އެ ތިބީ ބަންގުލަދޭޝްގެ އުތުރުން އޮންނަ ކޮކްސް ބާޒާރުގެ، އުހިޔާގަ އެވެ. އެ މީހުން ގައުމިއްޔަތެއް ނެތެވެ. މިޔަންމާއިން އެ މީހުން "ފައްސާލި" އިރު، އެ މީހުންނަށް ދުވަހަކު ވެސް ޕާސްޕޯޓެއް ނުދެ އެވެ. ގައުމުން ބޭރުވެވޭނެ ގޮތެއް ވެސް ނެތެވެ. ޖަލެއްގައި ބަންދުކޮށްފައި ބޭތިއްބުން ފަދަ އެވެ.

ދިދަ ހަދިޔާ ކުރުމަށް ފަހު ސަންގެ ޑެޕިއުޓީ އެޑިޓަރު ޙުސައިން ޙަސަން އެ ކުއްޖާގެ ކޮލަށް ބޮސްދެނީ-- ސަން ފޮޓޯ/ މުހައްމަދު ސަމާހު

ދިވެހި ދިދަ ރޮހިންގާ ތުއްތު ކުއްޖާ ވިހުރާލި ފަދައިން، އެ މީހުންނަށް ވެސް ދިދައެއްގެ ހިޔާވަކަން ލިބޭނެ ދުވަހެއް އަންނާނެ އެވެ. ރޮހިންގާ މުސްލިމުންނަކީ އިންޑޯ-އާރްޔަން އަސްލަށް ނިސްބަތް ވާ ނަސްލެކެވެ.

އިންޑޯ-އާރްޔަން ނަސްލަކީ ދިވެހިންގެ ވެސް ނަސްލެވެ. ތާރީހީ ލިޔުންތަކުން އެކަން ހެކިދެ އެވެ. ރޮހިންގާ މީހުންގެ ސިފަ އާއި "ބެންގާލީ" މީހުންގެ ސިފައާ އެއްގޮތް ކަމެއް ހުންނާނެ އެވެ. އެއީ މިސަރަހައްދުގަ ފެތުރިފައިވާ ނަސްލެކެވެ.

ދިދައެއްގެ ހިޔާވަހިކަން ލިބި މިނިވަންކަންމަތީގައި، ރައްކާތެރިކަމާ އެކު ދިރިއުޅުމުގެ މަގުސަދު ހާސިލުވުމަށް ރޮހިންގާ މީހުންނަށް މަގު ތަނަވަސްވުމަކީ އަޅުގަނޑުގެ ދުއާ އެވެ.

comment ކޮމެންޓް