ތޫފާން 'މޮކާ': މިހާތަނަށް ތިން މީހުން މަރުވެ އެތައް ބަޔަކު ހާލުގައި ޖެހިފައި

މިޔަންމާގައި މީހުން ސަލާމަތީ ހިސާބުތަކަށް ދަތުރުކުރަނީ / ފޮޓޯ: އަރަބް ނިއުސް

މިޔަންމާއަށް މިހާތަނަށް އެރި އެންމެ ބާރުގަދަ އެއް ތޫފާން ކަމަށްވާ "މޮކާ" އެ ގައުމުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ތޫފާން އެންމެ ފުރަތަމަ އަރާފައި ވަނީ ބަންގްލަދޭޝްގެ ސެއިންޓް މާޓިން އައިލެންޑަށެވެ. އެއަށްފަހު މިޔަންމާއަށެވެ. ބަންގްލަދޭޝްގެ ސެއިންޓް މާޓިންސް އައިލެންޑަށް އަރައި ހިނގި އެކި ހާދިސާތަކުގައި 12 ވަރަކަށް މީހުންނަށް އަނިޔާވެފައިވާއިރު، 300 އަށްވުރެ ގިނަ ގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މޫސުމާ ބެހޭ ބައިނަލްއަގްވާމީ އިދާރާތަކުން އުދަ އަރާނެ ކަމަށް އިންޒާރު ދިން ނަމަވެސް އެ ސަރަޙައްދަށް އުދައަރާފައި ނުވާ ކަމަށް ބަންގްލަދޭޝްގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ތޫފާނުގެ އަސަރު ކުރި ރަކީން ސްޓޭޓްގެ ހާލަތު ފެންނަ ގޮތުން، ގަދަ ވަޔާއެކު ގަސްތައް ވަނީ ވެއްޓިފައެވެ. ތޫފާނާ އެކު ބޯކޮށް ވާރޭވެހި ރަކީން ސްޓޭޓްގެ ބޮޑު ސަރަޙައްދެއްގައި ވަނީ ފެންބޮޑުވެފައެވެ. ފެންބޮޑުވުމާ ގުޅިގެން އައްސޭރިފަށުގެ ބިންތިރި ހިސާބުތަކުގައި ދިރިއުޅޭ އެތަކެއް ހާސް ބަޔަކު ވަނީ އެ މީހުންގެ ގެދޮރުގައި ތާށިވެފައެވެ.

ތޫފާނާ ގުޅިގެން މިޔަންމާގައި މިހާތަނަށް ތިން މީހުން މަރުވެފައިވާ ކަން ކަށަވަރު ކުރެވިފައިވާއިރު، އޭގެ ތެރެއިން ދެ މީހުން މަރުވީ ބޯކޮށް ވާރޭވެހި، ބިންގަނޑު ކެނޑި ކިސަޑު ފޭބުމުގެ ސަބަބުންނެވެ. ތިން ވަނަ މީހާ މަރުވީ ވެއްޓުނު ބޮޑު ގަހެއްގެ ދަށުވެގެންނެވެ. ނަމަވެސް އދ.ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން ބުނީ ރަކީންގައި މުވާސަލާތީ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ކާރިސާއިން ލިބުނު ގެއްލުން މުޅީން ދެނެގަނެވިފައި ނުވާ ކަމަށެވެ.

އެ ގައުމުގެ ހުޅަނގު އުތުރުގެ އައްސޭރިފަށަށް އިއްޔެ އެ ތޫފާން އެރި އިރު، ގަޑިއަކު 195 މޭލުގެ ބާރުމިނުގައި ވައިގަދަވެ، އެތައް ގެއެއް ވެއްޓި، ކަރަންޓާއި މުވާސަލާތީ ޚިދުމަތް ވަނީ މުޅީން ކެނޑިފައެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޔޫއެންޑީޕީން ދަނީ މަސައްކަތް ކުރަމުންނެވެ.

ދައުލަތެއް ނެތް ރޮހިންޖާ ދަރިކޮޅުގެ އެއް މިލިއަނެއްހާ ރެފިއުޖީން ދިރިއުޅެމުންދާ ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕަށް ތޫފާން އެރުމުގެ ފުރުސަތު ބޮޑު ކަމަށް ބައިނަލްއަގްވާމީ މޫސުމާ ބެހޭ އިދާރާތަކުން މިދިޔަ ހަފުތާ ތެރޭގައި ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް ތޫފާން އަރާފައިވަނީ މިޔަންމާގެ ސިޓްވޭގެ އުތުރުން ދެކުނުން، ރާއްޖެ ގަޑިން އިއްޔެ މެންދުރު 12:00 ގައެވެ.

އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީގެ ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ހަސީނާ ރަހްމާން އާ ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކޮކްސް ބާޒާރުގެ ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅޭ މީހުންނަށް ތޫފާނުގައި އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ތޫފާން އެރުމުގެ ކުރިން މިޔަންމާގެ އިތުރުން އަވަށްޓެރި ބަންގްލަދޭޝްގެ އެހީދޭ އެޖެންސީތަކުން ވެސް ވަނީ ތޫފާނުގައި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީވުމުގެ މަސައްކަތް ފަށައިފައެވެ.

އެންމެ ފަހުން މިވަރުގެ ބާރުގަދަ ތޫފާނެއް މިޔަންމާއަށް އަރާފައިވަނީ 2010ވަނަ އަހަރުއެވެ. އެ އަހަރުގެ އޮކްޓޯބަރު މަހު އުފެދުނު ޓްރޮޕިކަލް ސައިކްލޯން ގިރީ އަރާފައިވަނީ ކެޓަގަރީ 4ގެ ބާރުގަދަ ތޫފާނެއްގެ ގޮތުގައެވެ.

އެ ތޫފާނުގައި 150އަށް ވުރެ ގިނަ މީހުން މަރުވެ، ކިޔުކްޕިއު ސިޓީގެ ގާތްގަނޑަކަށް 70 އިންސައްތަ ސުންނާފަތިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް