ބަންގްލަދޭޝްގައި ރޮހިންގާ ދަރިކޮޅުގެ ގިނަ އަދަދެއްގެ ރެފިއުޖީން ދިރިއުޅޭ ކޭމްޕެއްގައި މިދިޔަ ހަފުތާގައި ބަޔަކު ރޯކުރީ ގަސްތުގައި، ރާވައިގެން ކަމަށް އެ ހާދިސާގެ ތަހުގީގުން ހާމަވެއްޖެއެވެ.
އެ ތަހުގީގުގައި އިސްކޮށް ހުންނެވި، ބަންގްލަދޭޝް ސަރުކާރުގެ އޮފިޝަލް އަބޫ ސަފިއާން ވިދާޅުވި ގޮތުގައި އަލިފާން ރޯކުރީ ކޭމްޕުތަކުގައި ބާރު ހިންގަން ބޭނުންވާ ހަނގުރާމަވެރި ޖަމާއަތްތަކަކުންނެވެ. އަދި ކޭމްޕުގެ އެކި ސަރަހައްދުތަކުގައި އެއް ފަހަރާ ރޯވުމުން އެއީ ރާވައިގެން ބަޔަކު ކުރި ކަމެއްކަން ސާބިތުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ހާދިސާ ތަހުގީގު ކުރި ހަތް މީހުންގެ ޕެނަލުން ވަނީ މަންޒަރު ދުށް 150 މީހުންނާ ވާހަކަދެއްކުމަށް ފަހު އެމީހުންގެ ހޯދުންތައް ހިއްސާކޮށްފައެވެ. އެ ރިޕޯޓުގައި ވަނީ އަލިފާން ރޯކުރި މީހުން ހޯދުމަށް ތަހުގީގު ކުރިއަށް ގެންދިޔުމަށް ލަފާދީފައެވެ.
މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ މެންދުރު 14:30ހާއިރު ރޯވި އެ އަލިފާންގަނޑު ނިއްވާލެވުނީ ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުންނެވެ.
އެ ހާދިސާގައި 2،000އަށް ވުރެ ގިނަ ފޭލިގެ އަނދައި، 35 މިސްކިތާއި 21 ތައުލީމީ މަރުކަޒުވެސް ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް އޮފިޝަލަކު ވިދާޅުވިއެވެ.
އެ ހާދިސާގައި އެއްވެސް މީހަކު މަރުވި ކަމަށް ރިޕޯޓުކޮށްފައި ނުވެއެވެ.
މިޔަންމާގެ އަސްކަރިއްޔާގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާ އެއް މިލިއަނަށް ވުރެ ގިނަ ރޮހިންގާ ރެފިއުޖީން، އެ ހާދިސާ ހިނގި ސަރަހައްދުގައި ހުންނަ 32 ކޭމްޕުގައި ދިރިއުޅެއެވެ.
އެ މީހުންނަށް އެހީ ފޯރުކޮށްދޭ ޖަމިއްޔާއެއް ކަމަށްވާ ރެފިއުޖީ އިންޓަނޭޝަނަލްއިން ވަނީ ރޮހިންގާ ރައްޔިތުން ދިރިއުޅޭ ގިނަ ކޭމްޕްތަކުގައި މިހާރު ވެސް ތޮއްޖެހިފައިވާ ކަމަށް ބުނެފައެވެ. އެހެންކަމުން އަލިފާނުގެ ސަބަބުން ހާލުގައި ޖެހުނު މީހުން ދިރިއުޅޭނެ ތަނެއް އަލުން ހޯދަން ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.
ބަންގްލަދޭޝްގެ ޑިފެންސް މިނިސްޓްރީން މިދިޔަ މަހު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، ފާއިތުވި ދެ އަހަރު ރޮހިންގާ ކޭމްޕުތަކުގައި އަލިފާނުގެ 222 ހާދިސާއެއް ހިނގާފައިވެއެވެ. އޭގެ ތެރެއިން 60 ހާދިސާއެއް ހިނގާފައި ވަނީ ބަޔަކު ގަސްތުގައި ރޯކުރުމުން ކަމަށް އެ ތަފާސްހިސާބުން ދައްކައެވެ.
ރޮހިންގާ ދަރިކޮޅުގެ މީހުން މިޔަންމާގައި ދިރިއުޅޭތާ ގަރުނުތަކެއްވެފައިވީ ނަމަވެސް އެ ގައުމުގެ އާބާދީގެ ބޮޑުބައެއް ކަމަށްވާ ބުދިސްޓުން ދެކޭ ގޮތުގައި ރޮހިންގާ ދަރިކޮޅުގެ މީހުންނަކީ އެގައުމަށް އަރާ ތިބި ބަންގުލަދޭޝްގެ ބަޔެކެވެ. އަދި މިޔަންމާގެ ސަރުކާރުން ވަނީ ރޮހިންގާ ދަރިކޮޅުގެ މީހުންނަށް ރަށްވެހިކަން ދިނުމާއި މިނިވަންކަމާ އެކު ދަތުރުފަތުރު ކުރުން ފަދަ ހައްގުތައް ނިގުޅައިގަނެފައެވެ.