ލ. ބަރެސްދޫގައި ނުވިކި ހުރި އިތުރު ބިންތައް ކުއްޔަށް ދިނުމަށް ހުޅުވާލައިފިއެވެ.
މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު ވިދާޅުވީ އަންނަ މަހުގެ 25 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާަ ކަމަށެވެ. އަދި ފޯމްތައް ހުށަހަޅާ ވަރަކަށް ފޯމްތަށް އިވެލުއޭޓްކޮށް ތަންތަށް ކުއްޔަށް ދޫކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެޕްލިކޭޝަން ފޯމާއެކު ކުއްޔާއި އެޑްވާންސް ފައިސާ ހުށަހަޅާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޚުވިގޮތުގައި ތަންތަން ކުއްޔަށް ހިންގަން ދޫކުރާނީ ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ. އަދި މާކްސް ދިނުމުގައި މައިގަނޑު ގޮތެއްގައި ބަލާނީ ހުށަހަޅާ އެޑްވާންސް ކުލީގެ މިންވަރާއި އެ ދާއިރާގައި ތަޖުރިބާ ލިބިފައިވާ މިންވަރަށް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ފޯމާއެކު ހުށަހަޅާ އެޑްވާންސް ކުއްޔަކީ އެ ތަންތަން ހިންގަން ފެށުމުން ދައްކާ ކުލިން ކެނޑިގެންދާނެ އެއްޗެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ކުއްޔަށްދޭ ބިލްޑިން ތަކެއް މިއީ. ރެންޓަކީ ފިކްސްޑް އެއްޗެއް ނަމަވެސް އަޅުގަނޑުމެންނަށް އެޑްވާންސް ރެންޓެއް ހުށަހަޅާ ބައެއްނަމަ ސްކޯ ލިބުމުގައި އިސްކަމެއް ދެވޭނެ. އަޅުގަނޑުމެންގެ އިންޓެންޝަނަކީ ޕްރައިޒް ކޮންޕީޓް ކުރުމެއް ނޫން. މަގުސަދަކީ ފިކްސް ރޭޓެއްގައި އެންމެންނަށްވެސް މި މާކެޓަށް ވަނުމުގެ މަގުތައް ހުޅުވާލަދިނުން،" ޝާހިދު ވިދާޅުވިއެވެ.
އެއްފަހަރާ އެތައް ޓޫރިސްޓުންނެއް އެ ރަށަށް ދަތުރުކުރާން ޖެހޭތީ އަގުހެޔޮކޮށް ޓޫރިސްޓުން ގެންދެވޭނެ އިންތިޒާމެއް ހަމަޖެއްސުމާ ގުޅޭގޮތުން އެއާލައިން ތަކާ ވާހަކަ ދައްކަމުން ދާކަމަށެވެ.
ރާއްޖޭގައި މިހާރު އޮތް "ވަން އައިލެންޑް ވަން ރިސޯޓް' ކޮންސެޕްޓާ ތަފާތުކޮށް "އިންޓަގްރޭޓް ޓޫރިޒަމް" ކޮންސެޕްޓަށް ހަދާ އެ ރިސޯޓް 18 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.