ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އަބޫދާބީން 77 މިލިއަން ރުފިޔާ ދީފި

ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އަބޫދާބީން ދިން އެހީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއެކު އޭޑީއެފްޑީއިން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---

ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އަބޫދާބީ ފަންޑު ފޮ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން ރާއްޖެއަށް 18.4 މިލިއަން ދިރްހަމް (77 މިލިއަން ދިވެހި ރުފިޔާ)ގެ އެހީއެއް ދީފި އެވެ.

ބޭރު ގައުމުތަކުގައި ހިންގާ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީގެ ޕްރޮޖެކްޓުތަކަށް އެހީ ފޯރުކޮށްދެމުންދާ އަބޫދާބީ ސަރުކާރުން ގާއިމް ކޮށްފައިވާ އެ ފަންޑުން އިއްޔެ އާއްމުކުރި ބަޔާނެއްގައި ބުނީ، ރާއްޖެ އަށް ދިން އެ އެހީ އަކީ ރާއްޖޭގެ އަރަންޏާއި މުޅި އިގްތިސާދު ރަނގަޅުކޮށް ދިވެހި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ދިން އެހީއެއް ކަމަށެވެ.

ރާއްޖެއަށް ދިން އެ އެހީއާ ގުޅިގެން ރާއްޖެއާއި އޭޑީއެފްޑީއާ ދެމެދު އިއްޔެ ވަނީ އެމްއޯޔޫއެއްގައި ސޮއި ވެސް ކޮށްފަ އެވެ.

އެ އެއްބަސްވުމުގައި އޭޑީއެފްޑީގެ ފަރާތުން ޑިރެކްޓަރު ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީ ސޮއިކުރެއްވި އިރު، ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ޑރ. ހުސެއިން ނިޔާޒެވެ.

"މި އެހީއިން ކަށަވަރު ވެގެންދަނީ ތަރައްގީ ވަމުން އަންނަ ގައުމުތަކަށާއި އަދި އިގްތިޞާދަށް އެންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާ ގައުމުތަކުން އެކަމުން އަރައިގަތުމަށް އަބޫދާބީން ވަމުންދާ އެހީތެރިކަން. ރާއްޖެއަށް ދިން އެހީއަކީ އެގައުމުގެ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކަށް ދިން އެހީއެއް،" އަލް ސުވައިދީ ވިދާޅުވި އެވެ.

ރާއްޖެއާ އެކު އޮތް ޒަމާންވީ އެކުވެރިކަމަށް އެ ފަންޑުން ފަހުރުވެރިވާ ކަން ފާހަގަކޮށް އޭނާ ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް އިގްތިސާދީ ކަންތައްތައް ކުރިއެރުމަށް އިންފުރާންސްޓުރަކްޗަރު ޕްރޮޖެކްޓުތަކާއި އިގްތިސާދީ މުހިއްމު ކަންކަމަށް އަބޫދާބީ ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމި އޮންނާނެ ކަމަށެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ އެމްބެސެޑަރު ޑރ. ނިޔާޒު ވަނީ ކުރިއަރަމުން އަންނަ ގައުމުތަކުން ހާސިލްކުރަން ބޭނުންވާ ކަންކަމުގައި ޔޫއޭއީ ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކޮށް ޝުކުރުއަދާ ކުރައްވައިފަ އެވެ.

އަދި އޭޑީއެފްޑީގެ ފައިސާގެ އެހީތެރިކަމާއެކު ރާއްޖެއިން ހާސިލް ކުރަން ބޭނުންވާ ދެމެހެއްޓެނިވި ކުރިއެރުމަށް ވާސިލްވުމުގައި އެހީވެދޭ ކަަމަށް ވިދާޅުވި އެވެ.

އޭޑީއެފްޑީން ވަނީ 1976 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އިންފުރާންސްޓުރަކްޗަރު، މުވާސަލާތީ، ދަތުރުފަތުރު، ހައުސިން އަދި ހަކަތައިގެ ޕްރޮޖެކްޓުތަކަށް 456 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އެހީ ވެދީފަ އެވެ. (ގަލްފު ނިއުސް)

comment ކޮމެންޓް