ޔޫއޭއީ ދަތުރުފުޅަށް ފަހު، ރައީސް މާލެ ވަޑައިގެންފި

ޔޫއޭއީ ދަތުރުފުޅަށް ފަހު، ރައީސް މުއިއްޒު އެނބުރި މާލެ ވަޑައިގަންނެވުން -- ފޮޓޯ/ ރައީސް އޮފީސް

އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގައި ބޭއްވި ވޯލްޑް ގަވަރުމަންޓްސް ސަމިޓް 2024 ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅަކީ ޔޫއޭއީގެ ނައިބު ރައީސް، ބޮޑުވަޒީރު، އެކުވެރި ޢަރަބި އިމާރާތުގެ މިނިސްޓާ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

އެ މަނިކުފާނު ޔޫއޭއީއަށް ވަޑައިގަތީ އާދިއްތަ ދުވަހުއެވެ. އެނބުރި މާލެ ވަޑައިގަތީ މިއަދެވެ.

މި ދަތުރުފުޅުގެ ތެރެއިން، ވޯލްޑް ގަވަރުމަންޓްސް ސަމިޓް 2024ގައި ކުރެއްވި ތަޤުރީރުގައި، ރާއްޖެއިން ކުރިމަގުގައި ހާސިލުކުރަން ބޭނުންވާ ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމު ތަސައްވުރު ރައީސް އިޢުލާން ކުރެއްވިއެވެ.

މީގެ އިތުރުން، އެ މަނިކުފާނު ވަނީ ސަމިޓުގެ ހަވާސާގައި މަތީ ފަންތީގެ ބައްދަލުކުރެއްވުންތައް ބާއްވަވާފައެވެ. އަދި، ދުބާއީގައި ބޭއްވި "އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ"ގައި ވެސް ރައީސް މުއިއްޒު ތަޤުރީރު ކުރެއްވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖެއަށް ގެންނަން އެދޭ ބޮޑެތި ބަދަލުތަކާއި ހާސިލުކުރަން އެދޭ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަމިއްލަ ވިޔަފާރިތަކުގެ އިސްނެގުމާ އެކު އެ ދާއިރާ ކުރިއަރައިދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.

"އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ"އަކީ ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކާއި ރާއްޖޭގެ ވިޔަފާރިތަކާއި ސަރުކާރުގެ މަތީފަންތީގެ އޮފިޝަލުން އެއްތަނަކުން ބައްދަލުވެ ގުޅުންބަދަހިވުމަށް މަގުފަހިވެގެންދިޔަ ފޯރަމެކެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ އެ ގައުމުގައި ދިރިއުޅޭ ދިވެހީންނާ ވެސް ބައްދަލުކުރައްވައިފައެވެ. ރޭ ބޭއްވި އެ ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ވަނީ ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހިބަހާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދިނުމުގެ އޮންލައިން ޕްރޮގްރާމް "ރިވެލި" އިފްތިތާޙު ކޮށްދެއްވައިފައެވެ.

comment ކޮމެންޓް