ދުންފަތުގެ އިސްތިއުމާލު ނުކުރާ ގޭބިސީތަކަށް އިނާމު ދެނީ

ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމަށް ބާރުއެޅުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް --

ދުންފަތުގެ އިސްތިއުމާލު ނުކުރާ ގޭބިސީތަކަށް އިނާމު ދިނުމާ ބެހޭ އުސޫލު ގެޒެޓްކޮށްފި އެވެ.

ސަރުކާރުގެ ގެޒެޓުގައި މިއަދު އާންމުކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ އެ އިނާމުގެ މަގްސަދަކީ ގޭބިސީތަކުގައި ދިރިއުޅޭ މީހުންނަކީ ދުންފަތާއި ދުމުން ރައްކާތެރިވެ ތިބުމަށާގައި އެމީހުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ހިއްވަރު ދިނުން ކަމަށެވެ.

އޭގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމާ ދެކޮޅަށް ކުރާ މަސައްކަތުގެ އަގުވަޒަން ކުރުން ވެސް މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

އިނާމަށް ނަން ހުށަހަޅާ ފަރާތްތަކަކީ ދިވެހިންނަނަށް ވާން ޖެހޭ ކަމަށް އުސޫލުގައިވެ އެވެ. އަދި ނަން ހުށަހަޅާ ގޭ ބިސީއަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާތާ މަދުވެގެން އެއް އަހަރުވެފައިވާ ގޭބިސީއަކަށް ވާން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އަދި ނަން ހުށަހަޅާ ގޭބިސީއަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ގޭބިސީއެއްކަން ސާވޭއަކުން ކަނޑައަޅަން ޖެހޭ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

އިނާމު ހައްގުވާ ފަރާތްތައް ކަނޑައަޅާނީ ހެލްތު މިނިސްޓްރީ އިން އެކަމަށް ޓަަކައި އެކުލަވާލާފައިވާ ކޮމިޓީއަކުން ކަމަށް އުސޫލުގައި ވަނީ ބުނެފަ އެވެ.

އަހަރަކު އެއްފަހަރުދޭ އެ އިނާމުގެ މުއްދަތު ގުނަން ފަށާނީ 24 އޮގަސްޓް 2016 އިން ފެށިގެން ކަމަށް އުސޫލުގައި ވަނީ ބުނެފަ އެވެ. އެ އިނާމު ލިބޭ ގޭބިސީއެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެއް ކަމަށް ވެސް އުސޫލުގައި ވަނީ ބުނެފަ އެވެ.

އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަދި ހުޅުވާލާފައެއް ނުވެ އެވެ.

comment ކޮމެންޓް