ތިން ރަށެއްގައި ހޮސްޕިޓަލް އެޅުމަށް އެމްޓީސީސީ އާ ހަވާލުކޮށްފި

ތިން ރަށެއްގައި ހޮސްޕިޓަލް އެޅުމަށް އެމްޓީސީސީ އާ ހަވާލުކޮށްފި---

ތިން ރަށެއްގައި އައު ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީއާއި މިއަދު ޙަވާލުކޮށްފިއެވެ.

ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާ ރަށް ތަކަކީ ރ. އަލިފުށި ، ނ. މަނަދޫ އަދި މ. މުއްޔެވެ.

މ. މުލީ އަދި ނ. މަނަދޫގައި އެޅުމަށް ހަމަޖެހިފައިވަނީ 50 އެނދުގެ ހޮސްޕިޓަލެކެވެ. އެއީ 185 މިލިއަން ރުފިޔާ އަށް ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

ރ. އަލިފުށީގައި އެޅުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. އެއީ 128 މިލިއަން ރުފިޔާއަށް 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

މި ތިން ރަށުގައި އައު ހޮސްޕިޓަލް ޢިމާރާތްތައް ޤާއިމްކޮށް ޚިދުމަތްދޭން ފެށުމާއެކު، މިހާރު މި ރަށްރަށުގެ ޚިދުމަތްދޭ މަރުކަޒުތަކުގެ ޖާގައިގެ ދަތިކަން ހައްލުވެ، އެ ތަންތަން ގިންތިކޮށްފައިވާ މިންވަރަށް ތަނުން ފޯރުކޮށްދޭންޖެހޭ އެންމެހާ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އަދި ރަށުންނާއި ރަށާއި ކައިރި އާބާދީތަކުގެ ރައްޔިތުންނަށްވެސް ޚިދުމަތް ލިބިގަތުމުގައި އެތަކެއް ލުއި ފަސޭހަތަކެއް ވެގެންދާނެކަމަށް އެ މިނިސްޓަރީން ބުންޏެވެ.

މީގެ އިތުރުން ހޮސްޕިޓަލުގެ ބޭނުންކުރާ ހަކަތައަށް ކުރާ ޚަރަދު ކުޑަ ކުރުމުގެ ގޮތުން މި ޕްރޮޖެކްޓުގެ ދަށުން ކޮންމެ ހޮސްޕިޓަލެއްގައި ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއާ އަދި ސަކްޝަން އެޅިފައިވާނެ ކަމަށް މިނިސްޓަރީން ބުންޏެވެ.

ސަރުކާރުން ބުނީ މިއީ އަތޮޅުތަކުގައި ދެވޭ ޞިއްހީ ޚިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އަޅާ ހޮސްޕިޓަލްތަކެކެވެ.

comment ކޮމެންޓް