ކުޑަހުވަދޫ އަތުން ބަދަލު ހިފަން ތިނަދޫ ރައްޔިތުން ބޭނުންވާނެ: ތިނަދޫ ކޯޗު

ތިނަދޫގެ ކޯޗު މާޓިނޭޒް ސައޭޒް ހުއާން މެނުއަލް: މިއަދު ހަވީރު ކުޅޭ މެޗުގައި ރީތި ފުޓްބޯޅައަށް ފެނިގެންދާނެ ކަމަށް އޭނާ ބުނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދ. ކުޑަހުވަދޫ ޓީމު އަތުން ބަދަލު ހިފަން ގދ. ތިނަދޫގެ ރައްޔިތުން ބޭނުންވާނެ ކަމަށް ތިނަދޫގެ ކޯޗު މާޓިނޭޒް ސައޭޒް ހުއާން މެނުއަލް ބުނެފިއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު 4:00ގައި ކުޑަހުވަދުއާ ދެކޮޅަށް ތިނަދޫ ނުކުންނަން ޖެހޭއިރު، މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި ކުޑަހުވަދޫ ވަނީ ތިނަދޫ ބަލިކޮށް ޗެމްޕިއަންކަން ހޯދައިފައެވެ. މިދިޔަ ޖުލައި މަހު ކުޅުނު އެ މެޗުން ކުޑަހުވަދޫ މޮޅުވީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.

މިއަދު ކުޅޭ މެޗުގެ ކުރިން އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ތިނަދޫގެ ކޯޗު ބުނީ، ކުޑަހުވަދޫން ތިނަދުއަށް ބޯޅަ ދޭނެ ކަމަށާއި އެ ދަނޑިވަޅުގައި ކުޑަހުވަދޫން މަސައްކަތްކުރާނީ ޑިފެންސްކޮށް ލިބޭ ފުރުސަތުތަކުގައި އެޓޭކް ކުރުމަށް ކަމަށެވެ. އަދި ތިނަދޫ ޓީމުގައި ގުޅިގެން އެޓޭކުގައި ނުރައްކާ ކުރެވޭނެ ކުޅުންތެރިން ތިބިކަން ވެސް އޭނާ ފާހަގަކުރިއެވެ.

"ކުޑަހުވަދޫ ޓީމު އަތުން ބަދަލު ހިފަން ތިނަދޫ ރައްޔިތުން ބޭނުންވާނެ. އަހަރެމެންގެ ޓީމުގައި ގުޅިގެން އެޓޭކްގައި ބައިވެރިވާ ކުޅުންތެރިން އެބަތިބި. އެއްގޮތަކަށް ވެސް މިބުނަނީ މެޗުގެ ފޭވަރިޓުންނަކީ އަހަރެމެންނެކޭ ނޫން. ވަރަށް ރީތި ފުޓްބޯޅައެށް ފެނިގެންދާނެ. އަހަރެން ދެކޭ ގޮތުގައި އެއް ޓީމަކުން ކުޅުމަށް މަސައްކަތް ކުރާއިރު އަނެއް ޓީމުން މަސައްކަތް ކުރާނީ ހުނަރުތައް ބޭނުންކުރަން،" އޭނާ ބުންޏެވެ.

ތިނަދޫގެ ކޯޗު ބުނީ، ކުޑަހުވަދޫ ޓީމުގެ އެޓޭކުގައި ނުރައްކާތެރި ކުޅުންތެރިން ހިމެނޭ ކަމަށާއި އެ ޓީމުގެ އެޓޭކުގައި ހިމެނޭ ދިވެހި ދެ ކުޅުންތެރިންނާއި ބިދޭސީ ދެ ކުޅުންތެރިންނަކީ ނުރައްކާތެރި ކުޅުންތެރިން ކަމަށެވެ. އަދި ކުޑަހުވަދޫ ޓީމުގެ ކުޅުންތެރިންގެ ހުނަރުތައް ދެނެގަނެފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެ ޓީމުގެ އެޓޭކުގައި ނުރައްކާތެރި ކުޅުންތެރިން އެބަތިބި. އަހަރެމެން ކައިރީގައި އެމީހުންނަށް ވެސް ރަނގަޅު ކުޅުމެއް ދެއްކޭނެ. ކުޑަހުވަދޫ ޓީމަކީ ވަރަށް ރަނގަޅު ޓީމެއް ކަމަށް އަހަރެން ގަބޫލުކުރަން. އެކަމަކު އަހަރެމެން ވާނީ އެ ޓީމުގެ ކުޅުންތެރިންގެ ހުނަރުތައް ވަރަށް ރަނގަޅަށް ދަސްކޮށްފައި. އަހަރެމެން ކުޑަހުވަދޫގެ ކުޅުން ހުއްޓުވުމަށް ހާއްސަ ފަރިތަކުރުންތަކެއް ވާނީ ކުރިއަށް ގެންގޮސްފައި،" އޭނާ ބުންޏެވެ.

ތިނަދޫގެ ކޯޗު އިތުރަށް ބުނީ، ލީގު މެދުކެނޑުމަކަށް ދިއުމުން ތިނަދޫއެކޭ އެއްގޮތަށް އެހެން ޓީމުތަކަށް ވެސް އޭގެ އަސަރުކުރާނެ ކަމަށާއި އެކަމަކު މެދުކެނޑުން އައިސްފައިވަނީ ތިނަދޫން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް ކަމަށެވެ.

"އަހަރެން ޓީމުގެ ކުޅުންތެރިން އެކަންޏެއް ނޫން މި ބްރޭކް ނެގީ. އެހެން ޓީމުތަކުން ވެސް މި ބްރޭކް ނެގި. އެހެންވީމާ އެ ޓީމުތަކަށް ވެސް އޭގެ އަސަރުތައް ކުރާނެ. މި ބްރޭކް އައިސްފައި މިވަނީ އެންމެ ރަނގަޅު ދަނޑިވަޅަކު ނޫން. އަހަރެމެން އެންމެ ފަހުން މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ބްރޭކް މިއައީ. އެ މެޗުގައި އަހަރެމެން ވަރަށް ރަނގަޅު ކުޅުމެއް ދެއްކިން،" އޭނާ ބުންޏެވެ.

އެންމެ ފަހުން ދިވެހި ޕްރިމިއާ ލީގުގެ މެޗެއް ކުރިއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެ މެޗަށްފަހު އީދު ބަންދަށާއި އޭޝިއަން ކަޕް ކޮލިފައިންގައި އޮމާންއާ ދެކޮޅަށް ކުޅޭ މެޗަށް ލީގު ވަނީ މެދުކަނޑާލައިފައެވެ.

comment ކޮމެންޓް