މާލެއަށް ހެލިކޮޕްޓަރު ޖައްސާނެ ތަނެއްގެ ގޮތުގައި އުސްފަސްގަނޑު ބޭނުންކުރުމަށްޓަކާ ޓެސްޓު ދަތުރުތަކެއްގައި އުސްފަސްގަނޑުގެ ހުޅަނގު ފަރާތަަށް އެމްއެންޑީއެފްގެ "ކުރަނގި" ހެލިކޮޕްޓަރު މިއަދު ޖައްސައިފި އެވެ.
މީގެ ކުރިން މާލޭގައި ހެލިކޮޕްޓަރު ޖެއްސުމަށް ބޭނުންކުރީ މާލޭ އިރުދެކުނު ފަރާތު ރާޅުގަނޑު ސަރަހައްދެވެ. ނަމަވެސް މާލެ-ހުޅުލެ ބުރިޖުގެ މަސަތްކަތަށް އެ ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ.
ޖުމްހޫރީ މައިދާނުގައި ހެލިކޮޕްޓަރު ޖެއްސޭގޮތަށް ފަރުވާކޮށްފައިވިޔަސް، ސަލާމަތީ ސަބަބުތަކާހެދި އެތަނަށް އާންމުކޮށް ހެލިކޮޕްޓަރު ނުޖައްސަ އެވެ.
އެމްއެންޑީއެފްގައި ދެ ހެލިކޮޕްޓަރު އޮންނައިރު އެއް ހެލިކޮޕްޓަރު ބޭނުން ކުރަނީ އަތޮޅުތެރެއިން ކުއްލި ގޮތަކަށް މާލެ ގެނައުމަށް ބޭނުންވާ މީހުން އުފުލުމަށެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާޙިމް އާޒިމް "ސަން"އަށް މިއަދު ވިދާޅުވީ މާލޭގައި ހެލިކޮޕުޓަރު ޖެއްސޭނެ ގޮތެއް ނެތުމުން ކުއްލި ހާލަތުގައި މީހުން ގޮވައިގެން އައިސް ޖައްސަން ޖެހެނީ ހުޅުލޭގައި ކަމަށާއި ގިނަ ފުލައިޓް ޖައްސާތަނެއް ކަމަށް ވުމުން ހެލިކޮޕްޓަރު ޖެއްސުމުގައި ދަތިތަކެއް ދިމާވާ ކަމަށެވެ.
"ބަލިމީހުން ގޮވައިގެން އައިސް ވެސް ހެލިކޮޕްޓަރު ނުޖެއްސި އެބަ އޮންނަން ޖެހޭ ވަރަށް ގިނަ އިރު. އަނެއްކޮޅުން މާލޭގައި ހުންނަ ހޮސްޕިޓަލަށް އެ މީހުން ގެންނަން މި ޖެހެނީ ވެސް ހުޅުލެއިން ކަނޑުމަގުގައި. އެހްންވީމަ ވަރަށް ގިނަ ވަގުތު އެކަމަށް ވެސް ހޭދަވޭ،" އާޒިމް ވިދާޅުވިއެވެ.
ބުރިޖު އެޅެމަށް ބަންދުކޮށްފައިފާ ސަރަހައްދާއި ފަތާ ފެންގަނޑާ ދެމެދުގައި އޮންނަ އުސްފަސްގަނޑުގެ ހުސް ތަންކޮޅު މިހާރު ބޭނުން ކުރަނީ ހަވީރު ގަނޑީގައި ކުޑަކުދިން ގުނޑި އެރުވުމަށާއި ހިތް ފަސޭހަ ކޮށްލުމަށް އާއިލާ އާއި ރަހުމަތްތެރިންނާ އެކުއެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި ސްކޭޓް ބޯޑް ކުރާ ޒުވާނުން ވެސް އެ ސަރަހައްދު ބޭނުން ކުރަމުންދެއެވެ.
އެ ސަރަހައްދުގައި ހެލިޕޭޑެއް ހެދުމުގެ ކުރިން އެމްއެންޑީއެފްގެ 'ކުރަނގި' ނަމަކަށް ކިޔާ ހެލިކޮޕްޓަރު މިއަދު ވަނީ އެއްވެސް އުނދަގުލަކާ ނުލައި ދެފަހަރެއްގެ މަތިން އެ ތަނުގައި ޖައްސާފައެވެ.
އާޒިމް ވިދާޅުވީ އުސްފަސްގަނޑުގައި ހެލިޕޭޑް ހަދާނީ އެމްއެންޑީއެފުން ބަލަންޖެހޭ ބެލުންތަކެއް ބެލުމަށްފަހު ކަމަށާއި ހެލިޕޭޑް ހެދި ނަމަވެސް އެ ސަރަހައްދު މިހާރެކޭ އެއްގޮތަށް އާންމުންނާއި ކުޑަކުދިންނަށް ބޭނުން ކުރެވޭނެ ކަމަށެވެ. އަދި އެ ސަރަހައްދު ބަންދު ކުރާނީ ހަމައެކަނި ހެލިކޮޕްޓަރު ޖައްސާ ވަގުތުގައި ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.