ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ކެމްޕެއިން ހަރަކާތެއްގައި ގޭގެއަށް ވަޑައިގަންނަވަނިކޮށް މަގު މަތިން އެމަނިކުފާން ހުއްޓުވައި އަންހެނަކު ޝަކުވާތަކެއް ހުށަހަޅައިފިއެވެ.
މެދު ހެންވޭރު ދާއިރާގެ ޕީއެންސީގެ ކެންޑިޑޭޓް ހަސަން ނާސިހުގެ ކެމްޕެއިންގައި މިއަދު މެންދުރު ރައީސް ހެންވޭރުގެ ބައެއް ގޭގެއަށް ވަޑައިގަންނަވަނިކޮށް މަގުމަތިން އެމަނިކުފާން ހުއްޓުވީ ޕޯސްޓަރެއް ހިފައިގެން ހުރި އަންހެނެކެވެ. ރައީސާ ވަރަށް ގާތުގައި ހުރެ އޭނާ ނުރުހުން ފާޅު ކުރިއިރު ރައީސް، ކެމްޕެއިން ޓީމާއި ސެކިއުރިޓީނާއެކު އަޑުއައްސަވަން ހުންނެވިއެވެ.
އެ އަންހެން މީހާ ހިފައިގެން ހުރި ޕޯސްޓަރުގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ މެދު ހެންވޭރު ދާއިރާއަށް ހަސަން ޝިޔާމަށް ވާދަ ނުކުރެއްވޭތީއެވެ.
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މެދުހެންވޭރު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ ހަސަން ޝިޔާމްގެ ކެންޑިޑެސީ ބާތިލުކުރަން ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ނިންމައިފައެވެ.
އެ އަންހެން މީހާގެ ޝަކުވާތައް ހިއްސާ ކުރަމުން ބުނީ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ހަތަރު ފޮށިން ގިނަ އަދަދެއްގެ ވޯޓް ހޯދައި ދިނުމަށް ހަސަން މަސައްކަތް ކުރެއްވި ކަމަށެވެ. އޭގެ ބަދަލުގައި ހަސަން ދޫކޮށް ރައީސް އެ ދާއިރާއަށް ހޮއްވަވަން އުޅުއްވަނީ މިފަހާ ޖެހެންދެން އެމްޑީޕީގައި އުޅުނު ކެންޑިޑޭޓެއް ކަމަށް އޭނާ ބުންޏެވެ.
ޕީއެންސީގެ ޕްރައިމަރީއިން ހަސަން ޝިޔާމް ވަކިކުރަން ރައީސް ސިޓީއެއް ފޮނުއްވި ކަމަށާއި އަދި ވޯޓްލުމަށް ވަގުތު ކުޑަތަން ވެފައިވަނިކޮށް ވޯޓާސް ލިސްޓުން އޭނާގެ ނަން އުނިކުރި ކަމަށް އެ އަންހެން މީހާ ބުންޏެވެ.
ރައީސަށް ތުހުމަތުކޮށް ދެއްކި އެ ވާހަކަތައް ރައީސް ހަމަ އެވަގުތު ދޮގު ކުރައްވައެވެ.
"ތި ބޭފުޅާއާއެކު އަޅުގަނޑުމެން ފޮޓޯ ނަގާފައި ލޯބިން ބެއިންދި ރައީސެކޭ ތިއީ. ވަރަށް ލޯބިން ހޮވާފައި ބެއިންދި ރައީސެއް. އެކަމަކު އަޅުގަނޑުމެންގެ ދާއިރާގެ ހަސަން ޝިޔާމަށް ކަންތައް ކުރެއްވީ ވަރަށް ގޯސްކޮށް،" އެ އަންހެން މީހާ ބުންޏެވެ.
ރައީސް އެތަނުން ވަޑައިގަތީ އެ އަންހެން މީހާ ދެއްކެވި ވާހަކަ އަޑު އައްސަވައި އޭނާއަށް ޖަވާބު ދެއްވައިފައެވެ.
މިއީ އާއްމުކޮށް ރާއްޖޭގެ ރައީސުން ދެއްވާ ފުރުސަތެއް ނޫނެވެ. ބައެއް ރައީސުން ކެމްޕެއިންތަކަށް ވެސް ވަޑައިގަންނަވަނީ ހަތިޔާރު އެޅި ގިނަ އަދަދެއްގެ ސިފައިންނާއެކުއެވެ.
މިއީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ތެރެއިން ވެސް ފެނުނު ފަދަ މަންޒަރެކެވެ. އޭރު އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓަކަށް ހުންނަވައި ރައީސް ބައެއް ރަށްރަށަށް ވަޑައިގަތުމުން އޭރު ވެރިކަމުގައި އޮތް އެމްޑީޕީގެ ސަޕޯޓަރުން އެއްވެ އަޑުގަދަކޮށް ހެދިއެވެ. ރައީސް މުއިއްޒު އޭރު ވެސް އެތަންތަނަށް ވަޑައިގެން އިދިކޮޅު ބޭފުޅުންނާ ސަލާމް ކުރައްވައި ހެއްދެވިއެވެ.