''ނޯޓީ 40'' ބަލައިލުމުގެ ފަހު ފުރުސަތު، މިމަހު 23ން ފެށިގެން!

ދިވެހިފިލްމު ނޯޓީ40ގެ ޕޯސްޓަރެއް. ފިލްމުގެ ވަދާޢީ ޝޯތައް ސެޕްޓެމްބަރު 23، 24، 25 އަދި 26 ވަނަ ދުވަހުގެ ރޭ އޮލިމްޕަހު ސްކްރީންގައި -- ފޮޓޯ: ފޭސްބުކް

އެންވިޝަން އެންޓަޓެއިންމެންޓާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން، މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދާއި އިސްމާއިލް ޝަފީގް އުފައްދާފައިވާ، ހެއްވާ، މަޖާ ލޯބީގެ ފިލްމު ނޯޓީ40ގެ ވަދާޢީ ހަތަރު ޝޯވ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އޮލިމްޕަހު ސްކްރީންގައި ދެއްކުމަށް ހަމަޖެހިއްޖެއެވެ.

ޖުމުލަ 18 ތަރީންނާއެކު "އަހަރުގެ ބޮޑު ފިލްމު"ގެ ގޮތުގައި އޯގަސްޓް 2 ވަނަ ދުވަހު ރިލީޒްކުރި ނޯޓީ40ގެ ޕްރޮޑިއުސަރު ޝަފީގު ބުނީ، "އުންމީދުކުރި ވަރަށްވުރެވެސް ބޮޑު ކާމިޔާބީއެއް މި ފިލްމަށް ވަނީ ލިބިފައި،" ކަމަށެވެ.

ފިލްމުގެ ތިން ލީޑް އެކްޓަރުން ކަމަށްވާ ޔޫސުފް ޝަފީއު (ޔޫއްޕެ)، މުހައްމަދު މަނިކު އަދި އަހްމަދު ސައީދު، އަދި އަލީ ސީޒަންގެ 40ގެ އަހަރު ތަކާއި 25ގެ އަހަރުތައް ދައްކުވައިދޭ، ލޯތްބާއި، ބަދަލު ހިފުމާއި، އަދި މަޖާކުރުންވެސް އިންތިހާއަށް ފެނިގެންދާ މި ފިލްމުގެ ވަދާޢީ ޝޯތަކާ ޖެހުނު އިރު މިހާތަނަށް މާލެއާއި އަތޮޅުތެރޭންވެސް ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.

އޮލިމްޕަހުގެ ސްކްރީންގައި ނޯޓީ 40ގެ 13 ޝޯވ، މާލެއާއި ހުޅުމާލޭގައި ހުންނަ ޝްވެކް ސިނަމާގައި ކޮންމެ ތަނެއްގައި 12 ޝޯވ ދައްކާފައި ވާއިރު، މި ފިލްމު ވަނީ، ރިސޯޓުތަކުގައާއި ރާއްޖެތެރޭގެ ބައެއް ރަށްތަކުގައިވެސް ކާމިޔާބު ޝޯތަކެއް ކުރިއަށް ގެންގޮސްފައެވެ.

"މިއީ މާލޭގެ ސިނަމާތަކުގައި މި ފިލްމު ބަލައިލަން ދެން ލިބޭނޭ އެންމެ ފަހުގެ ފުރުސަތު. ނޯޓީ40 ހަމަ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން މިދިޔައީ. އަދިވެސް ގިނަ ބަޔަކު އެދެމުންދޭ ފިލްމު ބަލަން. ވަދާއީ ޝޯތައް މަދުވީ އޮލިމްޕަސް ލިބުމުގައި ދަތިތަކެއް ހުރުމުން،" ޝަފީގު ބުންޏެވެ.

ޝަފީގު ބުނީ، ސެޕްޓެމްބަރު 23، 24، 25 އަދި 26ގައި ބޭއްވުމަށް ހަމަޖެފައިވާ ވަދާއީ ޝޯތަކުގެ ޓިކެޓް ވިއްކަން ފަށާނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. ނަމަވެސް މިހާރުވެސް ނޯޓީ40 ފޭސްބުކް ޕޭޖް މެދުވެރިކޮށް ބުކިން ހެދޭނޭ ަކަމަށާއި އަދި 7530055 ނަންބަރަށް ގުޅައިގެންވެސް ޓިކެޓްގެ ކަންތައް ކުރިއަށް ގެންދެވޭނޭ ކަމަށެވެ. ޓިކެޓެއް ވިއްކަނީ 100 ރުފިޔާއަށެވެ.

ތަޖްރިބާކާރު ބަޠަލާ ނިއުމާ މުޙައްމަދު ވެސް މުހިއްމު ރޯލަކުން ފެނިގެންދާ ނޯޓީ40ގައި، މަނިކުގެ ކެރެކްޓާއަކީ ތަނަވަސް އަދި މަޖާ މިޒާޖެއްގެ މީހެކެވެ. ސައީދަކީ ދިރިއުޅުމުގައި ތަފާތުއެކި ކަންތައްތައް ފެނިފައިހުރި އަދި މިޒާޖުގައި ކަންކަމާ ކުރިމަތިލުމުގައި ފަސްޖެހޭ މީހެކެވެ. ޔޫއްޕެއަކީ ތިން ރަހްމަތްތެރިންގެ ތެރެއިން އެންމެ ހެޔޮވިސްނޭ އަދި ސީރިއަސް ކެރެކްޓާއެވެ. މިތިން ރަހްމަތްތެރިންނަކީވެސް 40ގެ އަހަރުތަށް ގުނަމުންދާ ނަމަވެސް، ހަމަ ސާދަފަނަރައިގެ ޒުވާން ހިތްތަކެއްގެ ވެރި ބައެކެވެ. ސީޒަންއަކީ ފިލްމުގެ "ވިލަން"އެވެ.

comment ކޮމެންޓް