''ބޮސް''ގެ ޓްރެއިލަރ އަދި ލަވަތައް މާދަމާ ރިލީޒްކުރަނީ!

ދިވެހި ފިލްމު "ބޮސް"ގެ މަންޒަރެއްގައި ޔުނާން އާއި އައްޒަ. މި ފިލްމުގެ 95 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި -- ފޭސްބުކް ފޮޓޯ: ބޮސް

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ)ގެ ކުރިއަށް އޮތް ފިލްމު ''ބޮސް''ގެ ފުރަތަމަ ފެނިލުން، ނުވަތަ ޓްރެއިލަރ ބަލާލުމަށް ގިނަބަޔަކު މިހާރުވެސް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރާނޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މިއޮތީ އުފާވެރި ޚަބަރެކެވެ. "ބޮސް"ގެ ފުރަތަމަ ޓްރެއިލަރއާއި ފިލްމުގެ ލަވަތަކުގެ އޯޑިއޯ މާދަމާރޭ ރިލީޒްކުރުމަށް ޕްރޮޑަކްޝަން ޓީމުން ތައްޔާރުވަމުން އެބަދެއެވެ.

ޖުލައި 7، 2017: މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ފާތުމަތު ނަހުލާގެ ވާހަކައަކަށް ކުޅަދާނަ އެކްޓްރެސް އަދި ޑައިރެކްޓަރު އައިޝަތު ރިޝްމީ ރަމީޒު ޑައިރެކްޓްކުރާ ދިވެހި ފިލްމު 'ބޮސް' ގެ ޓީޒާ ޕޯސްޓަރު އިފްތިތާހުކުރުމަށް އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަރީފް މޫސުމުގެ ގިނަ ދުވަސްތަކެއް ގުނުމަށް ފަހު ދިވެހި ސިނަމާތަކުން ބަހާރު މޫސުމް ގުނަމުންދާ މިދުވަސްވަރުގައި ދިވެހި ފިލްމު އުފައްދާ ފަރާތްތަކުން ދަނީ، ކޮންމެ ފިލްމަކީ ވެސް އެންމެ ވަރުގަދަ، އެންމެ ބޮޑު، އަދި އެންމެ ސަޅި މޫވީގެ ގޮތުގައި ޕްރޮމޯޓް ކުރަމުންނެވެ. އެގޮތުން ކްރިސްޓަލް އެންޓަޓެއިންމަންޓުން އުފައްދާ ''ބޮސް'' އަކީވެސް ދިވެހި ފިލްމީ ދާއިރާއަށް އިންގިލާބެއް ގެނުވާނެ ފަދަ ފިލްމެއް ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ބުނެއެވެ.

ލޯތްބާއި ގުރުބާނީގެ ނަމޫނާ ފެނިގެންދާނޭ، "ނަހޫ ސްޓައިލް"ގެ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ތައްޔާރުކުރާ ''ބޮސް" އަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް 4K ކޮލިޓީގައި ތައްޔާރުކުރާ ފިލްމެވެ. ނަހޫ ބޭނުންވާ ހުރިހާ ރަހަތަކާއި ކުލަތައް ޖައްސާނެ ކަމުގެ ސައްތައިން ސައްތަ ޔަގީންކަމާއެކު ފިލްމު ޑައިރެކްޓް ކުރުމުގެ ޒިންމާ ނަގައިގެން ހުރީ ކުޅަދާނަ ބަޠަލާ އަދި ޑައިރެކްޓަރު އައިޝަތު ރިޝްމީ ރަމީޒެވެ.

ދިވެހި ފިލްމު "ބޮސް"ގެ މަންޒަރެއްގައި ޔުނާން އާއި އައްޒަ. މި ފިލްމުގެ 95 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި -- ފޭސްބުކް ފޮޓޯ: ބޮސް

އެތަކެއް ބައެއްގެ ހަނދާނުން އަދިވެސް ފޮހެވިގެން ނުދާ، އަސަރު ގަދަ ލޯބީގެ ފިލްމުތައް ކަމަށްވާ "ޒުލޭހާ"، "ޔޫސުފް" އަދި "ކަލާޔާ ނުލާ" ފަދަ ލޯތްބާއި ޖަޒުބާތުން ފުރިގެންވީ ފިލްމުތަކުން ބެލުންތެރީންގެ ހިތްތަކާ ކުޅެލި ނަހޫ ބުނީ، "މިފަހަރު ފިލްމު ބަލަން އަންނަ އިރު ޓިޝޫ ބޭނުންވާނޭކަން ޔަގީން،" ކަަމަށެވެ.

"މިއީ ނަހޫ ސްޓައިލްގެ ފިލްމެއް. ފިލްމު ބަލާފައި ކަރުނަ އަންނާނޭކަން ޔަގީން،" ރާއްޖޭގައި އުފެދުނު އެންމެ މަގުބޫލު އެއް ވާހަކަ ލިޔުންތެރިޔާ ބުންޏެވެ.

ނަހޫގެ ބޮސްގައި ޖުމުލަ ހަތް ލަވަ ހިމެނޭއިރު، ލަވަކިޔުންތެރީންގެ ތެރޭގައި މުހައްމަދު އަބްދުލް ޣަނީ (ތޭރަ) އާއި ރާފިޔަތު ރަމީޒާ، ފާތިމަތު އަޝްފާ، އިބްރާހިމް ޒައިދު އަލީ، އަދި މޯލްޑިވިއަން އައިޑަލްއިން ވިދާލި ޝަލަބީ އިބްރާހިމާއި އަދި ހަމޫދު ހިމެނެއެވެ.

ޖުލައި 7، 2017: މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ފާތުމަތު ނަހުލާގެ ވާހަކައަކަށް ކުޅަދާނަ އެކްޓްރެސް އަދި ޑައިރެކްޓަރު އައިޝަތު ރިޝްމީ ރަމީޒު ޑައިރެކްޓްކުރާ ދިވެހި ފިލްމު 'ބޮސް' ގެ ޓީޒާ ޕޯސްޓަރު އިފްތިތާހުކުރުމަށް އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ މަޝްހޫރު އެއް ބަތަލާ، މަރިޔަމް އައްޒައާއި މި ދާއިރާއަށް އަލަށް ތައާރަފްވާ މުހައްމަދު ޔުނާންގެ އިތުރުން އިބްރާހިމް ޖިހާދު (ޖިމީ) އާއި އަލީ އާޒިމް (ދޮން އައްޔަ) އަދި ފާތިމަތު އާޒިފާ (އަޒޫ) ފަދަ ތަރީން ފެނިގެންދާ "ބޮސް" އެޑިޓިޑް ކުރަނީ މަޝްހޫރު ނެށުންތެރިޔާއަދި އެކްޓަރު ރަވީ ފާރޫގެވެ. ފިލްމުގެ ސިނެމެޓޮގްރަފީ ހަދާދީފައިވަނީ ސިނެސްޓޯމް އިންނެވެ.

ސެޕްޓެމްބަރު ފަހުކޮޅުގައި ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ "ބޮސް"ގެ ހުރިހާ މަސައްކަތެއް ނިންމައި، ބެލުންތެރީންނާ ހަމައަށް އަންނާނޭކަމަށް ލަފާކޮށްފައިވާ ތާރީޚަކީ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހެވެ.

comment ކޮމެންޓް