''ހައްދު'' މިރޭ ޕްރިމިއަރ ކުރާއިރު ފައްތާހުގެ އުންމީދަކީ މުޅި ރާއްޖޭގައި ޝޯތައް ދެއްކުން!

ދިވެހި ފިލްމު "ހައްދު"ގެ މަންޒަރެއް. މިރޭ މި ފިލްމު އޮލިމްޕަހާއި ޝްވެކް ސިނަމާގައި ދައްކަން ފަށާނެ -- ފޮޓޯ: ފޭސްބުކް

ދިވެހި ފިލްމު "ހައްދު" މިރޭ އޮލިމްޕަސް ސިނަމާގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައި ވާއިރު، ފިލްމުގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު އަބްދުލް ފައްތާހުގެ އުންމީދަކީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އެ ފިލްމުގެ ޝޯތައް އެޅުވުންކަމަށް އޭނާ ބުނެފިއެވެ.

ކާމިޔާބު ފިލްމުތަކެއް އުފައްދާފައިވާ ޕްރޮޑިއުސަރު ބުނީ، މިރޭ "ހައްދު"ގެ ޝޯތައް މާލެއާއި ހުޅުމާލޭގައި ދައްކަން ފަށާއިރު މަދަމާ ރޭ އައްޑޫ ސިޓީގެ ހިތަދުއާއި މަރަދޫގައި ފިލްމު ޕްރިމިއާ ކުރާނޭ ކަމަށެވެ. އަދި މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ހދ. ކުޅުދުއްފުށީގައި ވެސް ހައްދު ޕްރިމިއާކުރާނޭ ކަމަށް ފައްތާހު ބުންޏެވެ.

"މިރޭ ފިލްމުގެ ޝޯތައް މާލެއާއި ހުޅުމާލޭގައި ދައްކަން ފެށުމާއެކު ދެން އަޅުގަނޑުމެން މަސައްކަތް ފަށާނީ ރާއްޖޭގެ ހުރިހާ ރަށެއްގައި މި ފިލްމު ދެއްކުމަށް،" ފައްތާހު އޭނާގެ 12 ވަނަ ފީޗަރ ފިލްމާ ގުޅޭގޮތުން ބުންޏެވެ.

އަހަރުގެ އެންމެ އުންމީދީ ފިލްމުގެ ގޮތުގައި ޕްރޮމޯޓްކުރަމުން އަންނަ "ހައްދު"ގެ ފުރަތަމަ ޝޯތަކުގެ ޓިކެޓް މިހާރު ހުސްވެފައިވާއިރު، މި ފިލްމުގެ ޕްރިމިއާ ޝޯއިން ފެށިގެން ހުރިހާ ޝޯތަކެއްގެ ވެސް ޓިކެޓްގެ އަގަކީ 100 ރުފިޔާއެވެ.

ދިވެހި ފިލްމީ ދާއިރާގައި މިވަގުތު އެންމެ އުހުގައި ފިޔަޖަހަމުންދާ މަރިޔަމް އައްޒައާއި އައިމިނަތު ރިޝްފާގެ އިތުރުން ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ އަހްމަދު ޝިބާން އަދި އަހްމަދު ފައިރޫޒް ފެނިގެންދާ "ހައްދު"އަކީ، މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ.

"ހައްދު"ގެ ލީޑު ރޯލުން ފެނިގެންދާ ތިން ތަރިން--

ފިލްމުގައި ފެނިގެންދާ އިތުރު މޫނުތަކުގެ ތެރޭގައި މަރިޔަމް ޝަކީލާ، މުހައްމަދު ރަޝީދު (ދަރާ)، ފައުޒިއްޔާ ހަސަން، އަލީ ފާރޫގް، މަރިޔަމް ހަލީމް، މުފުލިހާ، މުހްސިނާ، އަލީ އާޒިމް (ދޮން އައްޔަ) އަދި ނަޖާހް ހިމެނެ އެވެ.

މިއަދުން ފެށިގެން މިމަހުގެ 22 އާ ހަމައަށް އޮލިމްޕަހުގައި ހައްދުގެ ޝޯތައް ދެއްކުމަށް ހަމަޖެހިފައި ވާއިރު، މާލެއާއި ހުޅުމާލޭ ޝްވެކްގައިވެސް ކޮންމެ ރެއެއްގެ 8:30ގައި "ހައްދު" ދައްކާނެއެވެ.

ތިނެސްކަން ލޯބީގެ ހާދިސާއަކަށް ތަފާތުއެކި ރަހަތައް ހިމަނައިގެން އުފައްދާފައިވާ މިފިލްމުގައި އަމިއްލަ ރާގުގެ ފަސް ލަވަ ހިމެނޭއިރު ލަވަތައް ކިޔާފައިވަނީ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އާއި އޭނާގެ އަންހެނުން މަރިޔަމް އަޝްފާއެވެ.

comment ކޮމެންޓް