މަޝްހޫރު ފިލްމު ޑައިރެކްޓަރު ނިމާލް ނިޔާވެއްޖެ

ތަޖުރިބާކާރު ފިލްމް ޑައިރެކްޓަރު އަހުމަދު ނިމާލް: ނިމާލް ނިޔާވީ މިއަދު ހެނދުނު --

މަޝްހޫރު އަދި ތަޖުރިބާކާރު ފިލްމް ޑައިރެކްޓަރު އަޙްމަދު ނިމާލް މިއަދު ނިޔާވެއްޖެއެވެ.

ނިމާލަށް ސްޓްރޯކެއް ޖެހި، އޭޑީކޭ ހޮސްޕިޓަލުގައި އެންމެ ފުރަތަމަ ފަރުވާދޭން ފެށީ މިދިޔަ އަހަރުގެ އެންމެ ފަހު ދުވަހެވެ. އޭގެ ފަހުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށް، ވަނީ ފަރުވާދީފައެވެ.

އުމުރުން 62 އަހަރުގެ ނިމާލް ނިޔާވިކަން، އައިޖީއެމްއެޗުން ވަނީ 'ސަން'އަށް ކަށަވަރުކޮށްދީފައެވެ.

އައިޖީއެމްއެޗުން ބުނީ، ނިމާލަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވީ މިއަދު ހެނދުނު 6:50 ހާއިރު ކަމަށެވެ.

ނިމާލަކީ ކުޅަދާނަ ޑައިރެކްޓަރެއްގެ އިތުރުން އެކްޓަރެއް، އެޑިޓަރެއް، ލިޔުންތެރިއެއް އަދި ޕްރޮޑިއުސަރެއް ވެސް މެއެވެ.

އޭނާ ޑައިރެކްޓުކޮށްފައިވާ ފިލްމުތަކުގެ ތެރެއިން ޒަލްޒަލާ، ވާލޯބި އެނގޭނަމަ، ޚަލާސް ފަދަ ދިވެހީންގެ މަގުބޫލުކަން ހޯދާފައިވާ ފިލްމުތައް ހިމެނެއެވެ.

ހަމައެއާއެކު ދިވެހި ފިލްމް އިންޑަސްޓްރީގައި ނިމާލަކީ ވަރަށް ވަރުގަދަ އެކްޓަރެކެވެ. ދިވެހީންގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބިފައިވާ ވަރުގަދަ ފިލްމުތަކެއްގެ ލީޑް ރޯލުތަކުން އޭނާ ވަރަށް ގިނައިން ފެނިފައިވެއެވެ. އަދި އޭނާއަކީ ވަރަށް ގިނަ ފިލްމުތަކުގައި ބައްޕައެއްގެ ރޯލުގައި ބެލުންތެރިންގެ ލޯބި ހޯދާފައިވާ ފަންނާނެއް ވެސް މެއެވެ.

އެގޮތުން އޭނާ އެކްޓުކޮށްފައިވާ އެންމެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކަކީ، ވީރާނާ، ނިއުމާ، މިހަށިން ފުރާނަ ދާންދެން، ނޭނގި ޔާރު ވަކިވީ ފަދަ މަގުބޫލު ފިލްމުތަކެވެ.

އެންމެ ފަހުން ނިމާލް އެންމެ މަގުބޫލު ރޯލެއް ކުޅެފައި ވަނީ 2023 ވަނަ އަހަރު ރިލީޒްކުރި "ލޯބިވެވިއްޖެ" ފިލްމުގައެވެ.

ނިމާލްގެ ހުރި ހަމައެކަނި ފިރިހެން ދަރި ކަމަށްވާ މުހައްމަދު ޖުމައްޔިލްއަކީ ވެސް ފިލްމް އިންޑަސްޓްރީގައި މަގުބޫލު އަދި ކުޅަދާނަ އެކްޓަރެކެވެ.

comment ކޮމެންޓް