1,283 ލަނޑު ހަމަކުރުމަށް ބުނެ ރޮނާލްޑޯއަށް ޕެލޭގެ ޗެލެންޖެއް!

ކްރިސްޓިއާނޯ ރޮނާލްޑޯއާއި ބްރެޒިލްގެ ލެޖެންޑް ޕެލޭ -- ފޮޓޯ: ފުޓްބޯލް365

ގައުމީ ޓީމަށާއި ކްލަބަށް ޖުމުލަ 1283 ލަނޑު ހަމަކުރުމަށް ބުނެ، ބްރެޒިލްގެ ލެޖެންޑް ޕެލޭ، ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ ޗެލެންޖުކޮށްފިއެވެ.

މިހާރު ކުރިއަށް ދާ ވޯލްޑް ކަޕް ކޮލިފައިންގައި ފެރޫ އައިލެންޑްސް އަތުން 5-1 ލަނޑުން ޕޯޗްގަލް މޮޅުވި މެޗުގައި ރޮނާލްޑޯ ވަނީ ހެޓްރިކެއް ހަމަކޮށްފައެވެ. އަދި އެ ލަނޑުތަކާއެކު ރޮނާލްޑޯ ވަނީ، "ގައުމީ ޓީމަށް" ޕެލޭ ކާމިޔާބުކޮށްދީފައިވާ 77 ލަނޑާ އަރައި ހަމަކޮށް، އިތުރަށްވެސް ލަނޑެއް ކާމިޔާބުކޮށްފައެވެ.

ބްރެޒިލަށް 1958، 1962 އަދި 1970 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި އެހީތެރިވި ޕެލޭ ގައުމީޓީމަށް 77 ލަނޑު ހަމަކުރީ 92 މެޗުންނެވެ. އަދި ޔޫރޯ 2016 ޕޯޗްގަލްއަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ރޮނާލްޑޯ 78 ލަނޑު ހަމަކޮށްފައި ވަނީ 145 މެޗު ކުޅެގެންނެވެ. އަދި ރޮނާލްޑޯއަށް މިހާތަނަށް ވޯލްޑް ކަޕްގައި ބީހިލުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ.

މިހާރު އުމުރުން 76 އަހަރުގެ ޕެލޭ ބުނީ، ޒަމާން މިހާރު ބަދަލުވެފައި ވާ ކަމަށާއި އެހެން ނަމަވެސް ފުޓްބޯޅައިގައި އެންމެ ރީތި ކަމަކީ ލަނޑުޖެހުންކަމަށެވެ.

"އަހަރެން ދުށިން އެ ލަނޑު، ހަގީގަތުގައި ވެސް ވަރަށް ރީތި ލަނޑެއް އެއީ،" ރޮނާލްޑޯ ކާމިޔާބުކުރި ލަނޑާ ގުޅޭގޮތުން ޕެލޭ ބުންޏެވެ.

"އަހަރެން މި ފުރުސަތުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ އެ ކާމިޔާބީއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަން."

"މިހާރު އޭނާއަށް އޮތީ 1283އަށް ވުރެ ގިނަ ލަނޑު ކާމިޔާބުކުރުން."

ޕެލޭގެ ފުޓްބޯޅަ ކެރިއަރުގައި ގައުމީ ޓީމަށާއި އޭނާ ކުޅުނު ކްލަބުތަކަށް ކާމިޔާބުކޮށްދިން ލަނޑުގެ ޖުމުލަ އަދަދު 1283އަށް އަރާއިރު، މިހާރު އުމުރުން 32 އަހަރުގެ ރޮނާލްޑޯއަށް ގައުމީ ޓީމަށާއި ކްލަބް ހިމެނޭގޮތަށް ކާމިޔާބު ކުރެވިފައި ވަނީ 608 ލަނޑެވެ.

comment ކޮމެންޓް