އިސްކޯގެ ދެ ލަނޑާ އެކު އިޓަލީ އަތުން ފަސޭހަ މޮޅެއް، ސްޕެއިން ކޮލިފައިވުމާ ގާތަށް

ސްޕެއިނަށް ލަނޑެއް ކާމިޔާބުކޮށްދިނުމަށް ފަހު ސާޖިއޯ ރާމޯސްއާއެކު އިސްކޯ އުފާފާޅުކުރަނީ: ވޯލްޑް ކަޕް ކޮލިފައިންގައި އިޓަލީ އަތުން ސްޕެއިން މޮޅުވެފައިވަނީ 3-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ ގެޓީ

އިސްކޯގެ ދެ ލަނޑާ އެކު އިޓަލީ އަތުން ފަސޭހަ މޮޅެއް ހޯދައި، ސްޕެއިނުން ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް ޖެހިލައިފި އެވެ.

ސްޕެއިންގެ ސެންޓިއާގޯ ބެރްނަބެއޫ ސްޓޭޑިއަމްގައި ރޭ ކުޅުނު ޔޫރަޕް ބައްރުގެ ވޯލްޑް ކަޕް ކޮލިފައިން މެޗުގައި އިޓަލީ އަތުން ސްޕެއިން މޮޅުވެފައި ވަނީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.

ސްޕެއިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ 13 ވަނަ މިނެޓުގައި ސްޕެއިނުން ވަނީ ލަނޑެއްޖަހާ ލީޑު ހޯދައިފަ އެވެ. ސްޕެއިނަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމަށް ލީޑު ހޯދައިދިނީ ރެއާލް މެޑްރިޑް މިޑްފީލްޑަރު އިސްކޯ އެވެ.

ސްޕެއިނަށް ދެވަނަ ލަނޑެއް އިސްކޯ ކާމިޔާބުކޮށްދިނީ މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. އަންދްރޭސް އިނިއެސްޓާ ދިން ބޯޅައަކުން އިސްކޯ އެ ލަނޑު ކާމިޔާބުކުރީ އިޓަލީގެ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގައި ސްޕެއިނުން ކާމިޔާބުކުރި ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 77 ވަނަ މިނެޓުގަ އެވެ. ކެޕްޓަން ސާޖިއޯ ރާމޯސް ދިން ބޯޅައަކުން ސްޕެއިނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް އަލްވާރޯ މޮރާޓާ އެވެ. އެ ލަނޑު މޮރާޓާ ކާމިޔާބުކުރީ ކުޅެން ނުކުތް ފަސް މިނެޓް ތެރޭގަ އެވެ.

ޔޫރަޕް ބައްރުގެ ގްރޫޕް ޖީގެ އެއްވަނާގައި ސްޕެއިން އޮތީ ކުޅުނު ހަތް މެޗުން ލިބުނު 19 ޕޮއިންޓާއެކު އެވެ. ދެވަނާގައި އޮތް އިޓަލީއަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނާގައި އޮތް އަލްބޭނިއާއަށް ހަތް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. ހަތަރުވަނާގައި އޮތް އިސްރޭލަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ފަސްވަނާގައި އޮތް މެސެޑޯނިއާއަށް ލިބިފައި ވަނީ ހަ ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައި އޮތް ލިޗްޓެންސްޓައިންއަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

comment ކޮމެންޓް