ޗައިނާގެ ނަންޓޮންގްގައި ހުންނަ، ނަންޓޮންގް ރެއިންބޯ މެރިން ޓެކްނޮލޮޖީ ކުންފުނީގެ ބޯޓުޔާޑުގައި ބަން އެމްޓީސީސީގެ "މަހާ ޖައްރާފު" އަންނަ މަހު ރާއްޖެ ގެންނަން ހަމަޖައްސާފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން، ޗެއާމަން އަހުމަދު ނިޔާޒު ވިދާޅުވީ އޮކްޓޯބަރު މަހުގެ ތެރޭގައި މަހާ ޖައްރާފު މާލެ ގެނެވޭނެ ކަމަށާއި އެ ޑްރެޖަރު ރާއްޖެ ގެނެސް ޚިދުމަތް ފެށުމުން ރާއްޖޭގެ ޑްރެޖިން އިންޑަސްޓްރީއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.
މަހާ ޖައްރާފު ޑްރެޖަރަކީ، 36 މިލިއަން ޑޮލަރުގެ އަގުހުރި ހޮޕާ ސަކްޝަން ޑްރެޖަރެކެވެ. އެ ކުންފުނީގައި މިހާރު ގެންގުޅެނީ އައިއެޗްސީ 1800 ޑްރެޖަރާއި 1600 ކަޓަރ ސަކްޝަން ޑްރެޖަރެވެ. މަހާ ޖައްރާފާއެކު އެމްޓީސީސީގެ ފްލީޓު ވަރުގަދަ ވެގެންދާނެ ކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.
އެ ޑްރެޖަރު ރާއްޖެ ގެންނަން ފުރަތަމަ އުޅުނީ މިދިޔަ އޭޕްރީލް މަހުގައެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ ނުގެނެވުނީއެވެ.
އެމްޓީސީސީން ބުނި ގޮތުގައި އެ ކުންފުންޏަށް ހޮޕާ ސަކްޝަން ޑްރެޖަރެއް ގެނައުމަކީ، މިވަގުތު ބައިނަލްއަގުވާމީ ކުންފުނިތައް ލައްވައި ރާއްޖޭގައި ކުރުވާ ވަރުގެ ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތަކަށް ވާދަ ކުރުމަށް އެމްޓީސީސީއަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.
"މަހާ ޖައްރާފް" ޑްރެޖަރަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލުކަން ލިބިގެންވާ، 92.95 މީޓަރު ދިގު 16.30 މީޓަރު ފުޅާ ޑްރެޖަރެކެވެ. އަދި އެ ޑްރެޖަރުން އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެއެވެ.
އެ ޑްރެޖަރު ބެނުންކޮށްގެން، ސަރަހައްދީ ގައުމުތަކުގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.