ބިން ހިއްކުމަށް އެމްޓީސީސީ އިން 36 މިލިއަން ޑޮލަރުގެ ޑްރެޖަރެއް ގެންނަނީ

މޭ 31، 2015: އެމްޓިސީސީގެ 2014 ވަނަ އަހަރުގެ އަހަރީ އާންމު ޖަލސާގެ ތެރެއިން -- ސަންފޮޓޯ/ އަލީ ނަސީރު

ބިން ހިއްކުމުގެ މަސައްކަތުގައި ރާއްޖޭގެ އިތުރުން މި ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ ކުންފުންޏަކަށް ވުމަށް ޓަކައި އެމްޓީސީސީ އިން 36 މިލިއަން ޑޮލަރުގެ ހޮޕާ ސަކްޝަން ޑްރެޖަރެއް ގެންނަށް ނިންމާފައިވާ ކަމަށް އެ ކުންފުނީގެ ޗެއާމަން ވިދާޅުވެއްޖެ އެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގާ ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ޗެއާމަން ހުސައިން ސާލިމް މުހައްމަދު ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތްކުރާ މި ސަރަހައްދުގެ އިސްކުންފުންޏެއްގެ ގޮތުގައި އެމްޓީސީސީ ގާއިމުކުރުމަށް ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ. އެ ޑްރެޖާގެ ސަބަބުން އެމްޓީސީސީ އިން ބިން ހިއްކުމުގެ މަސައްކަތް މުޅިން ބަދަލުވެގެންދާނެ ކަަމަށާއި އަދި ބިން ހިއްކަން ނަގާ މުއްދަތު ވަރަށް ބޮޑުތަން ކުޑަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބިން ހިއްކުމަށް ކަސްޓަމަރުން ހޭދަކުރަން ޖެހޭ މިންވަރު ކުޑަކޮށް ބިންހިއްކުމުގައި ކަސްޓަމަރުން ކުރިމަތިލާ މާލީ ދަތިތަކަށް ހައްލެއް ލިބިގެންދާނެ. ރާއްޖެ ފަދަ ބިމުގެ ދަތިކަން އިންތިހާ އަށް ބޮޑު މިފަދަ ގައުމެއްގައި މިފަދަ އިންވެސްޓްމެންޓަކީ ވަރަށް މުހިއްމު ކަމެއް،" ސާލިމް ވިދާޅުވި އެވެ.

އާބާދީ އެއްފަސްކުރުމަށް ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކާއި ސަރުކާރުން ހިންގާ އެހެން މެގަ ޕްރޮޖެކްޓްތަކާއި އަދި ފަތުރުވެރި ކަމަށް އަންނަ ކުރިއެރުމަށް ބަލާފައި ބިން ހިއްކުމުގެ ދާއިރާ ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް ސާލިމް ވިދާޅުވި އެވެ.

"މީގެ ސަބަބުން ރާއްޖެ އާއި ބައިނަލްއަގުވާމީ މައިދާނުގާ އެމްޓީސީސީގެ މަގާމު ހަރުދަނާވެގެންދާނެ. މި ސަރަހައްދުގެ ގައުމުތަކުގައި މަޝްރޫއުތައް ހިންގުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމެއް،" ސާލިމް ވިދާޅުވި އެވެ.

އެ ޑްރެޖަރު ބޭނުންކުރުމަށް މުއައްޒަފުން ތަމްރީނު ކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އެ ޑްރެޖަރު ގެނެވޭނީ 2017 ވަނަ އަހަރު ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

comment ކޮމެންޓް