އީދު ބަންދަށް ފުރާ އުޅަނދުތައް ޗެކްކުރަން ކޯސްޓްގާޑުން ނުކުމެއްޖެ

އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ފާސްޓް އިންޓަސެޕްޝަން ކްރާފްޓް (އެފްއައިސީ)ގެ އުޅަނދެއް ކަނޑުމަތީގައި ހަރަކާތްތެރިވަނީ ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

އަޟްޙާ އީދާ ދިމާކޮށް ކަނޑުމަތީގެ ހާދިސާތައް މަދުކުރުމަށް އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ފެށި އެ ޕްރޮގްރާމް އީދު ބަންދު ނިމެންދެން ކުރިއަށް ގެންދާނެ ކަމަށާއި ކަނޑު އުޅަދުފަހަރު ޗެކް ކުރުމުގައި ބަލާނީ ޓްރާންސްޕޯޓް އޮތޯރިޓީ އިން ކަނޑައަޅާފައިވާ މިންގަނޑަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ކަމަށެވެ.

"އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ބެލުމާއި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ވެސް ވަނީ ހަމަޖެހިފައި،" އެމްއެންޑީއެފުގެ މީޑިއާ އޮފިޝަލަކު ބުންޏެވެ.

ޕްރޮގްރާމުގެ ދަށުން އެމްއެންޑީއެފް މާލޭ އޭރިއާގެ އިތުރުން ނޮދަން އޭރިއާ، ސެންޓްރަލް އޭރިއާ، ސަދަން އޭރިއާގައި ޤާއިމުކުރެވިފައިވާ ކޯސްޓްގާޑް ސްކޮޑްރަންތަކުން ވެސް އުޅަނދު ފަހަރު ޗެކްކުރަމުން ދާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

comment ކޮމެންޓް