ވިލިމާލެ ދެ ކަނޑުއޮޅިން ދަތުރު ކުރުން މަނާ، ސަމާލުވުމަށް އަނެއްކާވެސް އިލްތިމާސެއް

ވިލިމާލެ ކައިރިން އެކްސިޑެންޓުވި ދެ ލޯންޗުގެ ތެރެއިން އެއް ލޯންޗު: އެ ހާދިސާގައި ދެ ދިވެއްސަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނޭ -- ސަން ފޮޓޯ/ ކިޔުންތެރިއެއް

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާތީ ވިލިމާލެ-މާލެ އަދި ވިލިމާލެ-ގުޅީފަޅުގެ ކަނޑުއޮޅިން ދަތުރުކުރުން ޓްރާންސްޕޯޓު މިނިސްޓްރީއިން އޮތީ މަނާކޮށްފައި ކަމަށް ވިދާޅުވެ، އިތުރަށް ސަމާލުވުމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އިލްތިމާސްކުރައްވައިފިއެވެ.

މިނިސްޓަރު މިފަދައިން އިލްތިމާސްކުރެއްވީ ވިލިމާލެ ކައިރީގައި މިރޭ ދެ ލޯންޗު އެކްސިޑެންޓުވެ، 13 މީހަކަށް އަނިޔާވި ހާދިސާއާ ގުޅުވައިއެވެ.

މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާތީ ވިލިމާލެ-މާލެ އަދި ވިލިމާލެ-ގުޅީފަޅު ކަނޑުއޮޅިން ދަތުރުކުރުން ޓްރާންސްޕޯޓު މިނިސްޓްރީއިން އޮތީ ކުރިން މަނާކޮށްފައި ކަމަށެވެ.

އެ ދެ ކަނޑުއޮޅިން ދަތުރުކުރާ ފަރާތްތަކުގެ ލައިސަންސް ހިފަހައްޓާނެ ކަމުގެ އިންޒާރު ވެސް މިނިސްޓްރީއިން ދީފައިވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިފަދަ ހިތާމަވެރި އަދި ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވުމަށް ކަނޑުގައި ދުއްވާ އުޅަނދުތަކުން މި ދެ ކަނޑުއޮޅިން ދަތުރު ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކުރަމެވެ." މުއްތަލިބު ވިދާޅުވިއެވެ.

އެ ހާދިސާގައި އަނިޔާވި 13 މީހަކު ވިލިނގިލީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ފުލުހުން ބުނެއެވެ. އޭގެ ތެރޭގައި ތިލަމާލެ ބުރިޖު ހަދާ އެފްކޮންސްގެ 10 މީހުންނާއި ''އަނަންތާރާ 3'' ލޯންޗުގެ ތިން މީހަކު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

https://sun.mv/189032

މީގެ އިތުރުން އަނިޔާވި މީހުންގެ ތެރެއިން ހަ މީހަކު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ ހާދިސާގެ މައުލޫމާތު ލިބުނީ މިރޭ 19:48ހާއިރެވެ.

comment ކޮމެންޓް