އީދާ ގުޅިގެން ޔޫއޭއީގެ ރައީސް 803 ކުށްވެރިއަކަށް މާފުދީފި

ޔޫއޭއީގެ ރައީސް ޝޭހް ހަލީފާ ބިން ޒިޔާދު އަލް ނަހްޔާން --

މި ފެށޭ އީދުގެ މުނާސަބަތާ ގުޅިގެން 803 ކުށްވެރިއަކަށް މާފު ދިނުމަށް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝޭހް ހަލީފާ ބިން ޒިޔާދު އަލް ނަހްޔާން އަމުރުކުރައްވައިފި އެވެ.

މާފު ދިން ކުށްވެރިންނަށް ފައިސާއަށް ދަތިވެފައިވާތީވެ އެމީހުންނަށް ފައިސާގެ އެހީ ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ ކުށްވެރިން މުޖުތަމައުއަށް އަނބުރާ ގެނެސް އެމީހުންގެ އާއިލާތަކަށް އެހީތެރިވެދިނުމުގެ ގޮތުން ޔޫއޭއީގެ ރައީސް ދެއްވި ފުރުސަތެކެވެ.

މާފު ދިން ކުށްވެރިންގެ ތެރޭގައި ތާފަތު ބާވަތްތަކުގެ ކުށްކޮށްގެން އެކި މުއްދަތަށް ޖަލަށް ހުކުމްކޮށްފައިތިބި ކުއްވެރިން ހިމެނެ އެވެ.

ޔޫއޭއީ އަށް އީދު ފެށެނީ މިއަންނަ ހުކުރު ދުވަހު އެވެ.

އަރަބި ގައުމުތަކުގައި އިސްލާމީ ހާއްސަ ދުވަސްތަކާ ގުޅިގެން ވަރަށް ގިނައިން ކުށްވެރިނަށް މާފު ދީ ހަދަ އެވެ.

މިއަހަރުގެ ރޯދަ މަހާ ގުޅިގެން ޑުބާއީން ވަނީ އެކި ގައުމުތަކަށް ނިސްބަތްވާ 1014 ކުށްވެރިންނަށް ވަނީ މާފުދީފަ އެވެ. އަދި އޭގެތެރެއިން ދޫކޮށްލި 363 ކުށްވެރިންގެ ދަރަނިތައް ވެސް ވަނީ މާފުކޮށްދީފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް