މާލެ ހިމެނޭ ގޮތަށް، މުޅި ރާއްޖެއަށް ވެސް ކުލަގަދަ އީދެއް

އީދަށް އާޓިފިޝަލް ބީޗުގައި ހަވާއެރުވުން --

މުޅި ރާއްޖޭގައި މިއަދު ކުލަގަދަކޮށް ފިތުރު އީދު ފާހަގަ ކުރިއިރު، ވެރިރަށް މާލެއިން ވެސް މިފަހަރު ފެނުނީ އާދަޔާ ޚިލާފަށް ފޯރިގަދަ އީދެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އީދު ދުވަސް ފެށުނީ މުޅި ރާއްޖެ ކުލަގަދަ ބޮކިތަކުން ދިއްލާލައި، ހިތްތަކަށް އުފާވެރިކަން ގެނެސް ދީފައި ވަނިކޮށެވެ.

މިއަދު ހަވީރު މުޅި މާލެއިން ސަގާފީ ދިވެހި ހަރަކާތްތައް ފެނުނެވެ. އަބަދު ބަރުގޮނުން ގުގުމަގުގުމާ އޮންނަ މާލެ ހަމަހިމޭންވެ، މިއަދު ހަވީރު ގުގުމައިގެން ދިޔައީ ސަގާފީ ބޮޑު ބެރާއި އުފާވެރިކަމުގެ އަޑުތަކުންނެވެ. ދަނޑި ޖެހުމާއި ބަނޑިޔާ ނެށުން ފަދަ ފަރި ހަރަކާތްތަކުން މާލޭ މަގުމަތި ފަޅު ފިލުވާލިއެވެ.

ބޮޑެތި މަގުތަކުގައި މާލި ނެރެ، ބޮޑުމަސް ބޭނިއިރު ފަން މާއްޔާއި ތަފާތު ވައްތަރުތަކުގެ ބިރުވެރި މާލިތައް ވެސް ފެނުނެވެ. ފަނޑުވުމެއް ނެތި ފެނުނީ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންގެ ހިނިތުން ވުމެވެ. އުފާވެރި އީދެއް ފާހަގަ ކުރެވޭ ކަމުގެ ހިނިތުންވުން މަގުމަތިން ފެނުނު ހަމަ ކޮންމެ މީހެއްގެ މޫނު މަތިން ވެސް ހާމަވެއެވެ.

ބޮޑު ޖަމާއަތުގައި އީދު ފެށި އިރު، އީދު ނަމާދަށް ފަހު ކުލަ ޖެހުމުގެ ހަރަކާތްތައް މާލޭގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެކި އުމުރު ފުރާގެ މީހުންތަކުން އެވަގުތު ރަސްފަންނު އޮތީ ފުރާލާފައެވެ.

ސަން ފޮޓޯ: މުޙައްމަދު ޝާތިއު އަބްދުﷲ

މިވަރުން އަދި ނިމުނީކީ ނޫނެވެ. މިރޭ 08:00ގައި މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ވަނީ ސްޓޭޖް ޝޯއެއް ބާއްވައިފައެވެ. އީދުގެ މި ކުލަގަދަ ހަރަކާތްތައް އެންމެ ފޯރިގަދަވީ 10:00ގައި އެ ސަރަހައްދުގައި ހަވާ އެރުވުމުންނެވެ.

އީދުގެ ވާހަކަ ދައްކާއިރު، ތަފާތު ގޮތަކަށް އީދު ފާހަގަކޮށް ހދ. ކުރިނބިން ވަނީ މުޅި ސޯޝަލް މީޑިއާގައި މިއަދު މީޙުންގެ ޝައުގުވެރިކަން އަތުލާފައެވެ. މި އީދުގައި ކުރިންބަށް އެރީ އީދު ނަވެކެވެ.

ކުރިންބީގެ އީދު ނައު --

މި ނައު އޮންނަނީ ރަށުގެ އެއްކޮޅުން އަނެއް ކޮޅަށް ބޮޑު ބޯޓެއްގެ ސިފައިގައި ދޮންވެލިން ކުރަހާފައެވެ. އެގޮތުން ތަފާތު މެސެޖުތަކާއި އެއް ގެއިން އަނެއް ގެއެއްގެ މީހުންނަށް ދޭ މެސެޖާއި އީދުގެ ތަހުނިޔާތައް މި ނައުގައި ލިޔެފައި ވެއެވެ.

މިހާ ފޯރިގަދަ ފިތުރު އީދެއް ނިމުމުން، އަޟްހާ އީދުގެ އުފާފާޅުކުރުމަށް ވެސް ގިނަ ބަޔަކު އިންތިޒާރުކުރާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް