ރަންމެޑަލް ހޯދި ޝާންޓޭއަށް މާލެއިން ހޫނު މަރުހަބާއެއް ކިޔައިފި

ޝާންޓޭ މާލެ އައުމުން ގިނަ ޒުވާނުންތަކެއް އޭނާ އަށް މިއަދު މަރުހަބާ ކިޔަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އޭޝިއަން ބޮޑީ ބިލްޑިން މުބާރާތުގައި ރާއްޖެއަށް ރަން މެޑެއްޔެއް ހޯދައި ދިން ޝާހީން އިބްރާހިމް ދީދީ (ޝާންޓޭ)އަށް މާލެއިން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ދެކުނު ކޮރެއާގެ ސޯލްގައި ކުރިއަށް ދިޔަ އޭޝިއަން ބޮޑީ ބިލްޑިން މުބާރާތުން ޝާންޓޭ ރަންމެޑަލް ހޯދީ އޭޝިއާގެ އެކި ގައުމުތަކުގެ ވަރުގަދަ ބޮޑީ ބިލްޑަރުންނާ ވާދަކޮށް 55 ކިލޯގެ ކެޓަގަރީންނެވެ.

ޝާންޓޭ މުބާރާތުން ހޯދި ކާމިޔާބަށް ފަހު މާލެ އައުމުން އޭނާގެ އުފަން ރަށް ކަމަށްވާ ގއ. ކޮނޑޭގެ ޒުވާނުންތަކެއް އިސްނަގައިގެން ވަނީ މާލޭ އެއް ނަމްބަރު ޖެޓީ ކައިރިއަށް އެއްވެ އޭނާ އަށް މަރުހަބާ ކިޔައިފައެވެ.

މީގެ އިތުރުން ޔޫތު މިނިސްޓްރީގެ އިސް ބޭފުޅުން ވެސް ވަނީ ޝާންޓޭއަށް މަރުހަބާ ކިޔައިފައެވެ. އަދި އެމްއެންޑީއެފްގެ ބޮޑުބެރު ގްރޫޕުން ވަނީ އެ ސަރަހައްދުގައި ބޮޑުބެރުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

ޝާންޓޭއަކީ ކުރިން ވެސް އެ މުބާރާތުގައި ވާދަކޮށް، ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީ ބިލްޑަރުގެ ޝަރަފް ހޯދާފައިވާ އެތުލީޓެވެ. އޭނާ ވަނީ ކުރިން އެ މުބާރާތުގެ ގަދަ ފަހެއް ހޯދައިފައެވެ.

ޖުމްލަ 148 ގައުމު ވާދަކުރި މި އަހަރުގެ މުބާރަތުގައި ރާއްޖޭން ހަތަރު ބޮޑީ ބިލްޑަރުން ވާދަކުރި އެވެ. އެއީ "ދި ހެމާ"ގެ ފަރާތުން މިސްޓަ މޯލްޑިވްސް މުބާރާތުގައި ވާދަކޮށް އެ މުބާރާތް ކާމިޔާބުކުރި އެންމެ ފަހުގެ މިސްޓާ މޯލްޑިވްސް މުހައްމަދު ޔާމީނާއި މިދިޔަ އަހަރުގެ މިސްޓާ މޯލްޑިވްސް އަހްމަދު ރަޝީދު އަދި މި އަހަރުގެ މިސްޓާ މޯލްޑިވްސްގައި އެންމެ ތަފާތު ހުނަރެއް ދެއްކި އަހްމަދު ފަޒީލް އަދި ޝާންޓޭ އެވެ.

comment ކޮމެންޓް