ޑިމޮކްރަސީ ޕްރެޒެންޓޭޝަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެޑިއުކޭޝަން ޕްރޮގްރާމެއްގެ ތެރެއިން

ޑިމޮކްރަސީ އަށް މީހުން ހޭލުންތެރި ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިންތިޒާމުކޮށްގެން ކޮލެޖުތަކުގެ ދަރިވަރުންނަށް ބާއްވާ ޕްރެޒެންޓޭޝަން ހުށަހެޅުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ މުބާރާތުގެ މަގްސަދަކީ އާންމުން ޑިމޮކްރަސީ އަށް ހޭލުންތެރިކުރުވުމާއި ގިނަ ފަރާތްތަކަށް ޑިމޮކްރަސީ އާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. އަދި ދަރިވަރުންނަށް ޑިމޮކްރަސީ އަދި އިންތިހާބުތަކާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.

އެ މުބާރާތުން އެއް ވަނަ އަށް އަންނަ ޓީމަކަށް 25،000 ރުފިޔާ ލިބޭ އިރު، ދެ ވަނަ ޓީމަކަށް 15،000 ރުފިޔާ އަދި ތިން ވަނަ ޓީމަކަށް 10،000 ރުފިޔާ ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އެ މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އަންނަ މަހުގެ 5 ވާ އަންގާރަ ދުވަހުގެ 15:00ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު، އެ ޓީމަކުން ބައިވެރިވާ ޔުނިވަސިޓީގެ ސިޓީއަކާ އެކު އިލެކްޝަންސް ކޮމިޝަނަށް ހުޅަހަޅަން ޖެހޭނެ ކަމަށް އީސީ އިން ބުންޏެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ގަވާއިދު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް އީސީ އިން ބުންޏެވެ. ބައިވެރިންގެ އެޕްލިކޭޝަން ރަސްމީ ގަޑީގައި އިލެކްޝަންސް ކޮމިޝަނުގެ ރިސެޕްޝަނުން ބަލައިގަންނަމުންދާ އިރު [email protected] އަށް އީމެއިލް ކުރުމުން ވެސް އެޕްލިކޭޝަން ބަލައިގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ވަނީ ބުނެފަ އެވެ.

އެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިލެކްޝަންސް ކޮމިޝަނާއި ޕަބްލިކް ސާވިސް މީޑިއާ އަދިި ދިވެހިބަހުގެ އެކެޑަމީއާ ގުޅިގެން ކަމަށް އީސީ އިން ބުންޏެވެ.

comment ކޮމެންޓް