ހިންދޫންގެ ދީނުގެ ލީޑަރެެއްގެ އޭނާއަށް ތަބާވާ ދެ އަންހެނުން ރޭޕް ކުރިކަން ޝަރީއަތަށް ސާބިތުވުމާއެކު އޭނާގެ ސަޕޯޓަރުން ހަރިއާނާ ސްޓޭތްގައި ބޮޑެތި ހަމަނުޖެހުން ހިންގައި އެ ސްޓޭޓް ހުއްޓުމަކަށް ގެނެސްފިއެވެ.
ރޭޕުގެ ކުށް ސާބިތުވީ ހަރުކަށި ހިންދޫ ދީނުގެ ފިކުރު ފަތުރާ އެ ދީނުގެ ލީޑަރެއް ކަމަށްވާ ރާމް ރަހީމް ސިންގުގެ މައްޗަށެވެ.
އޭނާގެ ސަޕޯޓަރުން ހިންގަމުންދާ ހަމަނުޖެހުންތަކުގައި މިހާރު ވެސް 36 މީހުން މަރުވެ 300 އަށްވުރެ ގިނަމީހުން ވަނީ ޒަހަމް ވެފައެވެ.
ރާމް ޖަލަށް ލުމަށް ހުކުމް ކުރުމާއެކު އޭނާގެ ސަޕޯޓަރުން ވަނީ ދަނޑިބުރި އާއި އަދި ގާ ހިފައިގެން މަގުތަކަށް ނުކުމެފައެވެ. އަދި އެ މީހުން ވަނީ ދެ ރޭލްވެ ސްޓޭޝަންވެސް ރޯކޮށްލައި އަދި އެހެން ބައެއް ރޭލްވޭ ސްޓޭޝަންތައް ރޯކޮށްލުމަށް މަސައްކަތް ކޮށްފައެވެ.
އިންޑިއާގެ ފުލުހުން ދަނީ އެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށްޓަކައި ކަރުން ގޭހާއި، ފެނާއި އަދި ލައިވް އެމިޔުނިޝަންވެސް ބޭނުންކުރަމުންނެވެ.
ހަމަނުޖެހުންތަކުގެ ސަބަބުން މޮބައިލް ފޯނުގެ ހިދުމަތް ވެސް ކަނޑައިލައިފައިވާއިރު ހަރިޔާނާއާ ގުޅިފައިވާ އެތަކެއް ސަތޭކަ ރޭލް ދަތުރުތައްވެސް ވަނީ ކެންސަލްކޮށްފައެވެ.
ފަންސާސް އަހަރުގެ ހިންދީ ދީނީ ލީޑަރު ރާމަށް ތަބާވާ 50 މިލިއަނަށްވުރެ ގިނަ މީހުން ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި އުޅެއެވެ.
ރާމްގެ މައްޗަށް ރޭޕްގެ ތުހުމަތު އެންމެ ފުރަތަމަ ފެންމަތިވެފައި ވަނީ 2002 ވަނަ އަހަރު ރާމަށް ތަބާވާ ބަޔަކު އޭނާ ރޭޕްކުރި ކަމަށް ބުނެ އިންޑިއާގެ އޭރުގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީ އަށް ސިޓީ ފޮނުވުމުންނެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް އެތަކެއް އަހަރު ހޭދަވުމަށްފަހު ރާމްގެ މައްޗަށް ހުކުމް އިއްވައިފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
ރާމަށް ސަޕޯޓްކުރާ އެތައް ސަތޭކަ ބަޔަކު ބުނި ގޮތުގައި އޭނާ އެފަދަ ކަމެއް ނުކުރާނެއެވެ.
"އަހަރެން ރާމް ގުރޫ އާއެކު 14 އަހަރު ހޭދަކުރިން. އޭނާ އެފަދަ ކަމެއް ނުކުރާނެ. އެނާ އާ ދެކޮޅަށް އުފުލައިފައިވާ ދައުވާތަކުގައި އެއްވެސް ހަގީގަތެއް ނެތް،" ހަމަނުޖެހުންތަކުގައި ބައިވެރިވެ އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދިން މީހަކު ބުންޏެވެ.