އިންޑިއާއަށް ދައްކަންޖެހޭ ބޮޑު ދަރަނީގެ މައްސަލަ: ސަރުކާރުން މަޝްވަރާގެ މޭޒުދޮށަށް އަންނަން ނަޝީދު ގޮވައިލައްވައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީއާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު --

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރުގެ ދަރަނީގެ މައްސަލައިގައި ހުރިހާ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. މި ފައިސާއަކީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ދައްކަންޖެހޭ ފައިސާއެކެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން މި ދަރަނި ދެއްކުން ލަސްކޮށްދީފައިވާއިރު، އިތުރަށް މުއްދަތު ދިގުކުރުމަކީ އިންޑިއާގެ ގަވާއިދުތަކުން ފުރުސަތުދޭ ކަމެއް ނޫންކަން ނަޝީދު ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ޑޮލަރު ރިޒާވް ދަށްވެފައިވާ މި ދަނޑިވަޅުގައި، ދަރަނި ނުދެއްކިއްޖެނަމަ މުޅި އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެކަމުގެ އިންޒާރު އެމަނިކުފާނު ވަނީ ދެއްވާފައެވެ.

  • އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރުގެ ދަރަނީގެ މައްސަލައިގައި މަޝްވަރާކުރުމަށް ނަޝީދު ގޮވާލެއްވުން.
  • މި ފައިސާއަކީ އޭޕްރީލް މަހު އަނބުރާ ދައްކަންޖެހޭ ފައިސާއެއްކަމާއި، މީގެ ކުރިން ދެ ފަހަރަށް މުއްދަތު އިތުރުކޮށްދީފައިވުން.
  • ދަރަނި ނުދެއްކިއްޖެނަމަ މާލީ ނިޒާމަށާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެކަމުގެ އިންޒާރު ދެއްވުން.
  • ހުރިހާ ޕާޓީއެއް އެއްބަސްވެގެން އިންޑިއާއާއެކު މަޝްވަރާކޮށްފިނަމަ ކާމިޔާބުވުމުގެ ފުރުސަތު ބޮޑުވާނެކަމަށް ވިދާޅުވުން.
  • މި ދަރަނީގެ މުއްދަތު އިތުރުކުރުމަށް ދިވެހި ސަރުކާރުން އެދިފައިވާއިރު، އިންޑިއާއިން ދަނީ ގަވާއިދުގެ ތެރެއިން ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންކަން.

ރާއްޖެއިން އިންޑިއާއަށް ދައްކަންޖެހޭ ބޮޑު ދަރަނީގެ މައްސަލައިގައި ސަރުކާރުން ހުރިހާ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާގެ މޭޒަށް އައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވައިލައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވި ގޮތުގައި، އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ 400 މިލިއަން ޑޮލަރުގެ ދަރަނި މި އޭޕްރީލް މަހުގެ ތެރޭގައި އަނބުރާ ދައްކަންޖެހެއެވެ. މި ފައިސާ އަނބުރާ ދެއްކުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ލަސްކޮށްދީފައިވާއިރު، ތިންވަނަ ފަހަރަށް އެ މުއްދަތު އިތުރުކޮށްދިނުމަކީ އިންޑިއާގެ މާލީ ގަވާއިދުތައް ތަންދޭ ކަމެއް ނޫން ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނަމުންދާކަން ނަޝީދު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މާލީ ހާލަތަށް އަލިއަޅުއްވާލައްވަމުން ނަޝީދު ވިދާޅުވީ، 525 މިލިއަން ޑޮލަރުގެ ސުކޫކް ބޮންޑުގެ ފައިސާ ވެސް މި މަހުގެ ތެރޭގައި ސަރުކާރުން ދައްކާފައިވާ ކަމަށެވެ. ނަމަވެސް، މިވަގުތު ރާއްޖޭގެ ޑޮލަރު ރިޒާވްގައި އެކަށީގެންވާ ފައިސާ ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރާއްޖެއިން ދަރަނި ނުދެއްކި "ޑީފޯލްޓް" ވެއްޖެނަމަ، މުޅި މާލީ ނިޒާމަށާއި، ސަރުކާރަށާއި އަމިއްލަ ވިޔަފާރިތަކަށް އިންތިހާއަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމުގެ އިންޒާރު ވެސް ނަޝީދު ދެއްވިއެވެ.

އެމްޑީޕީން ހުށަހަޅާފައިވާ "ބޮޑު ބަދަލު" އިސްލާހީ ފިޔަވަޅުތަކުގެ އެންމެ މުހިންމު އެއް ބޭނުމަކީ ދަރަނީގެ ކަންކަމާ ގުޅޭ މަޝްވަރާތައް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އިންޑިއާ ސަރުކާރާއެކު ދައްކާ ވާހަކައަކީ ހުރިހާ ޕާޓީއެއް އެއްބަސްވެގެން ދެކެވޭ ވާހަކައަކަށް ވެއްޖެނަމަ، އެ ވާހަކަތައް ކާމިޔާބުވުމުގެ ފުރުސަތު ބޮޑުވާނެ. އަޅުގަނޑުމެން އެދެނީ ސަރުކާރު މަޝްވަރާގެ މޭޒަށް އައުމަށް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވިއިރު، އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެދިފައިވާކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މި ފެސިލިޓީއަކީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ދޫކޮށް، މީގެ ކުރިން ދެ ފަހަރެއްގެ މަތިން މުއްދަތު އިތުރުކޮށްދީފައިވާ ފެސިލިޓީއެކެވެ.

ނަމަވެސް، ސާކް ކަރަންސީ ސްވޮޕްގެ އުސޫލުތައް އޮންނަ ގޮތުން އިތުރަށް މުއްދަތު ދިގުކުރުމުގައި ގާނޫނީ އަދި އިދާރީ ގޮންޖެހުންތަކެއް ހުރި ނަމަވެސް، އިންޑިއާ ސަރުކާރުން މިހާރު ދަނީ ގަވާއިދުގެ ތެރެއިން މިކަމަށް ހައްލެއް ހޯދުމަށް ދިރާސާކުރަމުންނެވެ.

comment ކޮމެންޓް