ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް އިގްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް "މޯލްޑިވްސް-އިންޑިއާ ބިޒްނަސް ކައުންސިލް" އުފެއްދުމަށް މިއަދު ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވުނު "މޯލްޑިވްސް-އިންޑިއާ ބިޒްނަސް އެންގޭޖްމަންޓް ސީރީޒް" ބައްދަލުވުމުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ސަރުކާރާއި އަމިއްލަ ދާއިރާގެ އިސް ފަރާތްތަކުން ބައިވެރިވެފައިވެއެވެ. އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތު ދިން ގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ދެމެދުގައިވާ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުންތައް ވަރުގަދަކޮށް، ނަތީޖާ ނެރެވޭނެ ފަދަ ހަރުދަނާ އިގްތިޞާދީ އޮނިގަނޑެއް ބިނާކުރުމެވެ.
މިގޮތުން، ދެ ގައުމުގެ ވިޔަފާރިވެރިންނަށް ހުރި ފުރުސަތުތަކާއި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި ކަމަށް ބުންޏެވެ.
މި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދާއި، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ޖީ. ބަލަސުބްރަމާނިއަންގެ އިތުރުން އިންޑިއާއާއި ދިވެހިރާއްޖޭގެ ބައެއް އިސް ވިޔަފާރިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އިންޑިއާއަކީ ރާއްޖެއާ އެންމެ އަވައްޓެރި އަދި އެކި ދާއިރާތަކުން ގުޅުން ބަދަހިވެފައި އޮތް ގައުމެކެވެ. ރާއްޖޭގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގައި ވެސް އިންޑިއާގެ ދައުރު ބޮޑުއިރު، އެ ގައުމުން އަންނަނީ ރާއްޖެއަށް ޚާއްސަ އިސްކަމެއް ދީގެން ޒަރޫރީ ކާބޯތަކެއްޗާއި ކޮންސްޓްރަކްޝަން ބާވަތްތައް ފޯރު ވެސް ކޮށްދިނުމުގައި ވެސް ކޮންމެ އަހަރަކު ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދެމުންނެވެ.