ގާނޫނު ހަދާ މަޖިލީހުގެ މާނަ އޮޅިފައި، އެއީ ގުޅަކުޅޭ ފަސްގަނޑެއްބާ؟

މާޗް 27 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިތުބާރުނެތް ކަމުގެ މައްސަލަ ކުރިއަށް ދިޔައިރު، އިދިކޮޅު އިއްތިހާދުން މަޖިލިސް ތެރޭގައި އިހުތިޖާޖްކުރަނީ

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވިއިރު ދިވެހި ރައްޔިތުން ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވި ބައެއް މެމްބަރުންނަށް ނޫނެކޭ ބުނެފަ އެވެ. ހާއްސަ ގޮތެއްގައި އެ މަޖިލީހުގައި "ތަޅާފޮޅައި" ހާޖާނު ހެދި ބައެއް މެމްބަރުންނަށް ފާޅުގައި ނޫނެކޭ ރައްޔިތުން ބުނެފައިވާ އިރު 18 ވަނަ ރައްޔިތުންގެ މަޖިލީހުން މިފަދަ ކަންތައްތައް ފެނިގެން ނުދާނެ ކަމަށް އެ ރައްޔިތުން އުންމީދުކުރި އެވެ.

ސަރުކާރުގެ ސާފު މެޖޯރިޓީއާ އެކު މަޖިލިސް ހިނގަމުން ދިޔައީ "ފުލް ސްޕީޑު"ގަ އެވެ. ރައްޔިތުންނަށް ފައިދާ ވާނެ އެތައް ބިލެއް ފާސް ކުރަމުން ގޮސް އެންމެ އުފެއްދުންތެރި މަސައްކަތްތައް ކުރެވުނު މަޖީލީހަކަށް 18 ވަނަ ރައްޔިތުން މަޖިލީސް ވެގެން ދިޔައިރު މިއަދު އެވަނީ އެ މަންޒަރު ބަދަލުވެފަ އެވެ.

23 އޮގަސްޓް 2017: ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފަހު މެމްބަރުން މަޖިލީހުގެ އިދާރާގެ ބޭރުގައި: އިދިކޮޅު މެމްބަރުންގެ އިހުތިޖާޖާ ގުޅިގެން މެމްބަރުންގެ މެދުގައި ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ގޮސްފައި އަދި އެ ބައެއްގެ ދިފާއުގައި އެބަޔަކު ދަނީ ވާހަކަ ދައްކަމުން --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުން ހޮވާފައި ތިބި މެމްބަރުން މިއަދު މަޖިލީހުގެ ތެރޭގައި އެއްބަޔަކު އަނެއްބަޔަކާ ތަޅާފޮޅަނީ އެވެ. ރައްޔިތުންގެ ފައިސާއިން ބޮޑެތި ޚަރަދުތަކެއް ކޮށްގެން ހިންގަމުންދާ މަޖިލީސް ހުއްޓުވާލާފައި ބާއްވަނީ ސިޔާސީ މަގުސަދުތަކެއް ހާސިލްލުރަން ނޫން ދެން ކޮން ކަމެއްގަހެއްޔެވެ. މަޖިލީހުގެ އިދާރީ ހަރަދާއި މެމްބަރުންގެ ތަފާތު ހަރަދުތަކަކީ ބޭރު ގައުމެއްގެ ހިލޭ އެހީގެ ދަށުން ހިނގަމުންދާ ހަރަދުތަކެއް ނޫނެވެ. އެއީ ދިވެހި ރައްޔިތުންގެ ފައިސާ އެވެ. އެހެންކަމުން އެފަދަ ޚަރަދުތަކެއް ކޮށްގެން ހިންގާ މުއައްސަސާއެއް، ވަކިވަކި ފަރުދުންތަކެއް ބޭނުންގޮތަކަށް ހުއްޓުވާފައި ބޭއްވުމަކީ މުޅި ގައުމަށް ދެވޭ ނުހަނު ބޮޑު ގެއްލުމެކެވެ. އަދި އިސްރާފެކެވެ.

17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިނގި ހަމަނުޖެހުމެއް ކޮންޓްރޯލް ކުރުމަށް ސިފައިންގެ އޮފިސަރުން ތަޅުމުގައި ހަރަކާތްތެރިވަނީ-- ސަން ފައިލް ފޮޓޯ

ރައްޔިތުންގެ ފައިސާއިން ބޮޑު ބަޖެޓެއް ދީފައި، މަޖިލީހަށް މެމްބަރުން ހޮވަނީ ފަހަރެއްގައި ވެސް އެތަނުގައި ރެސްލިން ތަޅައި ރައްޔިތުންގެ ތަކެއްޗަށް ގެއްލުން ދޭކަށް ނޫނެވެ. އަދި އަހަރުގެ ބޮޑު ބައި ޗުއްޓީގައި ތިބޭކަށް ވެސް ނޫނެވެ. ރައްޔިތުންގެ އުންމީދުތައް މެމްބަރުންނާ މެދު ވަރަށް ފޮންޏެވެ. ރައްޔިތުން ބޭނުން ވަނީ އެ ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް މަޖިލީހުގެ ތެރެއިން ލިބުމަށެވެ. އެންމެ ކުޑަމިނުން އެ މަޖިލީހަށް ރައްޔިތުންގެ ހައްގުގައި ހުށަހަޅާ ބަޖެޓަށް ވޯޓް ދިނުމަކީ ވެސް ރައްޔިތުންގެ ބޮޑު އާދޭހެކެވެ. ނަމަވެސް އެކަންވެސް ކުރައްވަނީ މަޖިލީހުގައި ތިބޭ ކިތައް މެމްބަރުންތޯ އެވެ.

މަޖިލީހުގެ ހާލަތު ބަދަލުވާނީ މަޝްވަރާގެ އުސޫލު އިސްކޮށްގެން

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މޭޒުކޮޅުގެ ފަހަތުގައިވާ ނިޝާނުގައި ލިޔެފައިވާ އަރަބި އިބާރާތުގައި ވަނީ މަޝްވަރާގެ އުސޫލު އިސްކޮށް، މަޝްވަރާގެ މަތިން ކަންތައްތައް ނިންމުމަށެވެ. އެހެންކަމުން މަޖިލީހެއްގެ ބޭނުމަކީ ވެސް އެތައް ބައިވަރު ތަފާތު ހިޔާލުތަކެއްގެ ތެރެއިން މަޝްވަރާކޮށްގެން މައްސަލަ ތަކަށް ހައްލު ހޯދުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެނެސް އައު ގާނޫނު އަސާސީ ގެނައުމުގައި މުހިއްމު މަސައްކަތްތަކެއް ކުރެއްވި ސީނާ އަހްމަދު ޒާހިރު ވިދާޅުވަނީ މަޖިލީހުގެ ހާލަތު މިހާރު މިއޮތް ހާލަތަށް ވެއްޓެން ދިމާވީ މަޝްވަރާ ކުރުމުގެ މަތިވެރި އުސޫލުގައި ނުހިފޭއްޓޭތީ ކަމަށެވެ. އަދި މަޖިލީހުގެ ބޭނުމަކީ މަޝްވަރާކޮށްގެން ކަންކަން ހައްލު ކުރުން ކަމަށްވާއިރު އެ އުސޫލު އެއްގޮތަކަށް ވެސް ނެތުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

ރާއްޖޭގެ ހާލަތު ބަދަލުވަމުން ގޮސް ސިޔާސީ ޕާޓީތައް އުފެދުނު އިރު މަޖިލީހުގެ ރިޔާސަތުގައި އިންނެވި ސީނާ ޒާހިރު ވިދާޅުވީ އެމަނިކުފާނު މަޖިލީހުގެ ރިޔާސަތުގައި އިންނެވި އިރުވެސް ތަފާތު ބޮޑެތި މައްސަލަތައް ކުރި މަތިވި ކަމަށާއި އަދި ބޮޑެތި ަހަމަނުޖެހުންތައް އުފެދޭ ކަންތައްތައް ވެސް ދިމާވި ކަމަށެވެ. ނަމަވެސް އަބަދު ވެސް އިސްކުރެއްވީ މަޝްވަރާގެ އުސޫލު ކަމަށާއި ކޮންމެ މެމްބަރަކާ ވެސް މަޝްވަރާ ކުރަން ޖެހިއްޖެ ނަމަ އެކަން ކުރައްވާ ކަމަށެވެ.

"އަޅުގަނޑު މަޝްވަރާ ކުރިން. ކޮންމެ މެމްބަރަކާ ވާހަކަ ދައްކަން ޖެހުނަސް ވާހަކަ ދައްކައިގެން ދިމާވެގެން އުޅޭ ކަމެއް ހައްލު ކުރަން މަސައްކަތް ކުރިން. އޭރު މަޖިލީހުގައި ތިބި ހުރިހާ މެމްބަރުން ވެސް އަޅުގަނޑަށް އެއްބާރުލުން ދިން،" ސިނާ ޒާހިރު ވިދާޅުވި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު 2015 ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހަންމަދު އަފްރާހް

އެމަނިކުފާނު ވިދާޅުވީ މިހާރުގެ މަޖިލީސް އޮތް ހާލަތާ މެދު ކަންބޮޑުވާ ކަމަށާއި އުންމީދަކީ މަޖިލީހުގެ ތެރެއިން ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތަކެއް ކުރެވޭނެ ގޮތަށް އެތަނުގެ ހާލަތު ބައްޓަންވެގެން ދިއުން ކަމަށެވެ.

ބޮޑެތި ޑިމޮކްރަސީ ތަކުގައި ވެސް މަޖިލީހުގައި "ހާޖާނު ހިނގާ"، ނަމަވެސް ހައްލު ހޯދަނީ އެންމެން ގުޅިގެން

އައު ގާާނޫނު އަސާސީ ވުޖޫދަށް އައިސް މުޅިން އައު ބަދަލުތަކަކާ އެކު ތަފާތު ސިޔާސީ ޕާޓީތައް ތަމްސީލް ކުރާ މެމްބަރުން މަޖިލީހުގެ ތަޅުމަށް އައީ 17 ވަނަ ރައްޔިތުން މަޖިލީހުގަ އެވެ.

އެ މަޖިލީހުގެ ރައީސްކަން ކުރެއްވި މިހާރުގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވެސް ވަނީ ސީނާ ޒާހިރު ވިދާޅުވި ފަދައިން މަޝްވަރާގެ އުސޫލު އިސްކުރުމަށް ގޮވާލައްވައިފަ އެވެ. އަދި އޭގެ އިތުރުން އެމަނިކުފާނު ވަނީ މިއީ ރާއްޖޭގެ މަޖިލީހުގެ ހާލަތު އެކަނި ނޫންކަން ވެސް ވިދާޅުވެފަ އެވެ.

މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު

އެމަނިކުފާނު ވިދާޅުވީ ބޮޑެތި ޑިމޮކްރަސީތަކުގައި ވެސް ކަން ހިނގަނީ މިފަދައިން ކަމަށާއި ނަމަވެސް ބާރު ބޭނުންކޮށްގެން މަޖިލީސް ހަމައަކަށް އެޅުވުމުގެ ބަދަލުގައި އެކަން ކުރަނީ މަޝްވަރާގެ މަތިން ކަމަށެވެ. އަދި މިއަދު ފެނިގެންދާ ހާލަތު އަސްލު ދިމާވާން މެދުވެރިވީ މަޖިލީސް މެމްބަރުންގެ ސުލޫކީ އުސޫލްތަކާ ގުޅޭ މުހިއްމު ގަވައިދުތަކެއް ނުހަދާ އޮތުމުން ކަމަށެވެ.

"މިއީ ބަދަލު ކުރެވޭނެ ހާލަތެއް. މަޖީލީހުގައި މީގެ ކުރިން ވެސް އެބަހުރި ހަމަނުޖެހުންތައް ހިނގާފައި. ނަމަވެސް އެކަންކަން ހައްލު ކުރީ ވެސް އަޅުގަނޑުމެން އެންމެން ގުޅިގެން. މަޝްވަރާ ނުކޮށް ކަމެއް ހައްލު ކުރުމަކީ ވާނެ ކަމެއް ނޫން،" އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

މަޖިލީހުން ފެންނަނީ ގައުމު އޮތް ހާލަތު

ސޯޅަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ޝިހާބު ފާހަގަ ކުރައްވާ ގޮތުގައި މިއަދު މަޖިލީހުން ފެނިގެން އެދަނީ ގައުމު އޮތް ހާލަތެވެ. ނަމަވެސް އެއީ ދެކެން ބޭނުންވާ މަންޒަރެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ރާއްޖެއަށް ޑިމޮކްރަސީ ގެނެސް އައު ގާނޫނު އަސާސީއެއް ގެނެވިގެން ދިޔައީ ރައްޔިތުންގެ ހައްގުގައި ކަމަށާއި ރައްޔިތުންނަށް ގޯސްވާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލަރުން ހުވާކުރުމުގެ ދަރުބާރުގެ ތެރެއިން----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޝިހާބު ވިދާޅުވީ މަޖިލީހުގައި ތިއްބެވީ މުޅިން ވެސް ރައްޔިތުން ހޮވާފައި ތިބި މެމްބަރުން ކަމަށާއި އެހެން ކަމުން އެ ހުރިހާ މެމްބަރުންނާ މެދު ވެސް އިންސާފުން ކަން ކުރަން ޖެހޭ ކަމަށެވެ.

"މަޖިލީހުން ފެނިވަޑައިގަންނަވަނީ މިއަދު ގައުމު އޮތް ހާލަތުގެ ކުޑަ މަންޒަރެއް. މުޖްތަމުގެ ކަންކަން ގޯސްވެފައިވާ މިންވަރު މަޖިލީހުން ފެނިގެންދޭ. އިސްލާހު ކުރަންވީ މަޖިލިސް އެކަންޏެއް ނޫން ހުރިހާ ކަމެއް ވެސް އިސްލާހު ކުރަންޖެހޭ،" ސިހާބް ވިދާޅުވި އެވެ.

ރައްޔިތުންގެ މުދަލަށް ގެއްލުންދޭ ނަމަ ފިޔަވަޅު އަޅަން ޖެހޭ

ރައްޔިތުންގެ މަޖިލީހުގައި ކޮންމެ ފަދަ ކަމަކާ ހިތްހަމަ ނުޖެހުން ފާޅުކުރަން ޖެހުނަސް އެކަން ކުރަން ވާނީ ގާނޫނު ތަންދޭ މިންވަރަކުން، އެއް މެމްބަރަކު އަނެއް މެމްބަރަކަށް އިހްތިރާމް ދީގެން ކަމަށް ކުރިން މަޖިލީހުގައި ރައީސްކަން ކުރެއްވި ތިން މެމްބަރުން ވެސް ވަނީ އިއްތިފާގުވެފަ އެވެ. އަދި މަޖިލީހުގައި ހުންނަ ރައްޔިތުންގެ މުދަލަށް މެމްބަރުން ގެއްލުން ދީގެން ނުވާނެ ކަމަށް ވެސް އެބޭފުޅުން ވިދާޅުވި އެވެ.

މުޖްތަމައުގެ އިޖްތިމާއި ފޭރާން ހަލާކުވާފަދަ ކަންތައްތައް، މަޖިލީހުގެ ތެރެއިން ކުރެއްވުމާއި ލަދު ވެތި ބަސްފުޅުތައް ވިދާޅުވުން ފަދަ ކަންތައްތައްތަކުން ދުރުވުމަކީ ވެސް މެމްބަރުން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އެ ތިން ރައީސުން ވިދާޅުވި އެވެ. އަދި ވިދާޅުވީ މެމްބަރުން ކުރާ ގާނޫނާ ހިލާފް ކަންތައްތަކުގެ އަދަބެއްގެ ގޮތުގައި މެމްބަރުން ތަޅުމުން ބޭރު ކުރުން އެކަނި އޮތް އޮތުން ބަދަލު ކުރަން ޖެހޭ ކަމަށެވެ. މެންބަރުންނަށް ހަރުކަށި އަދަބު ދީގެންވެސް، ގެއްލިފައިވާ އިތުބާރު ރައްޔިތުންގެ މަޖިލީހާ މެދު ހޯދަން ޖެހޭ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

މާޗް 27 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިތުބާރުނެތް ކަމުގެ މައްސަލަ ކުރިއަށް ދިޔައިރު، އިދިކޮޅު އިއްތިހާދުން މަޖިލިސް ތެރޭގައި އިހުތިޖާޖްކުރުން

މިއަދު ރައްޔިތުންގެ މަޖިލީހުގެ ހަގީގީ މަގުސަދު މިވަނީ އޮޅުވާލެވިފަ އެވެ. ރައްޔިތުންގެ ހައްގުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގެ ބަދަލުގައި މަޖިލީހުގެ ތަޅުމުން ފެންނަނީ "ގުޅަކުޅޭ ފަސްގަނޑުން" ފެންނަ ފަދަ މަންޒަރުތަކެވެ. އެއް މެންބަރަކު އަނެއް މެންބަރަކަށް ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ގަޔަށް ބޮލަށް އަރަމުން ދާއިރު ވިސްނާލަން ޖެހޭކަމަކީ، ރައްޔިތުން ތަމްސީލުކުރަން ތިއްބަވާ މެންބަރުންނަކީ ގައުމުގެ އިޖްތިމާއީ ފޭރާން ވަޒަންކުރަން ބޭނުންކުރާ "ލޯގަނޑެއް" ކަމަށް ގިނަ ބަޔަކު ދެކޭނޭ ކަމެވެ.

comment ކޮމެންޓް