ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލާ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވީ އެނެމް އަވަހަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރޭނެ މަގު ފަހިކޮށްދިނުމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ގޮވާލައިފިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ގާސިމް ބޭނުންވާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރޭނެ މަގު ފަހިކޮށްދުނުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި އަމުރުކޮށްފައިވާ ކަމަށާއި އެހެންކަމުން ލަސްނުކުށް އެ އަމުރަށް ތަބާވުމަށް ކަމަބޭހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.
"އެބޭފުޅުން ގާސިމް އިބްރާހިމްގެ މައްޗަށް ތިން އަހަރުގެ ހުކުމެއް ކޮށްފި ކަމަށް ގަބޫލުކުރައްވާ ނަމަ، އެ ހުކުމްގައި އެންމެ ފަހުން އަންނަ ސިއްހީ ކަންކަމަށް އެދޭން ޖެހޭ އެއްބާރުލުން ދީ ރާއްޖެއިން ބޭރުން ބޭސްފަރުވާ އަށް ފުރުވުމަށް އެއްބާރުލުން ދީ އެކަންކަމަށް މަގުފަހިކޮށްދޭން ޖެހޭ،" މަހުލޫފް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ ގާސިމަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބި ލިބޭ ކޮންމެ ގެއްލުމެއްގެ ޒިންމާ ކޮމިޝަނާ އޮފް ޕްރިޒަންސް އާއި ހޯމް މިނިސްޓަރު ނަންގަވަން ޖެހޭނެ ކަމަށެވެ. އަދި އެކަމަށް ކޮންމެ ވެސް ދުވަހަކުން ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގާސިމްގެ ސިއްހީ ހާލަތާ ގުޅޭގޮތުން މަހްލޫފް ވިދާޅުވީ ގާސިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް އޭޑީކޭ ހޮސްޕިޓަލުން ލަފާދިނުމުން ސަރުކާރުން އެކަމާ ސުވާލު އުފެއްދި ކަމަށެވެ. ނަމަވެސް މިހާރު ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން އެމަނިކުފާނަށް އިތުރު ފަރުވާ ނުލިބެއްޖެ ނަމަ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ބުނުމުން ގާސިމްގެ ސިއްހީ ހާލަތާމެދު ސުވާލު އުފެއްދުމުގެ ޖާގައެއް ނެތް ކަމަށް މަހުލޫފް ވިދާޅުވިއެވެ.
ގާސިމަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުދެވި ލަސްވަމުން ދަނީ ފުރިހަމަކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ނުކުރެވިގެން ކަމަށް މަހްލޫފް ތުހުމަތު ކުރެއްވިއެވެ.
ރިޝްވަތު ދިނުމަށް ހެށެހެޅި ކަމުގެ ކުށް ސާބިތުވެ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޣައިރު ހާޒިރުގައި ހުކުމްކޮށްފައިވާ ގާސިމަށް ބޭސްފަރުވާއަށް ދެވޭނީ ކަރެކްޝަންސްގެ މެޑިކަލް ބޯޑުން ހުއްދަ ދިނުމުން ކަމަށް އެސާވިސް އިން މިއަދު ވަނީ ބުނެފައެވެ.
ގާސިމް ޖަލަށްލުމަށް ކުރި ހުކުމްގައި ވަނީ އެމަނިކުފާނަށް ފަރުވާ ދިނުމަށް ހަމޖައްސައިދޭންޖެހޭ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށްފައެވެ.