ގާސިމް ތިން އަހަރާއި ދެ މަހަކަށް ޖަލަށްލާން ހުކުމްކޮށްފި

ގާސިމް އިބްރާހިމް ހިނގާފައި ވަޑައިނުގެންނެވޭނެތީ އަނބިކަނބަލުންގެ އެހީތެރިކަމާއެކު ހިންގަވާފައި ވަޑައިގަންނަވަނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދޭން ހުށަހެޅި ކަމުގެ ދައުވާ ސާބިތުވެ، ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް އޭނާގެ ޣައިރު ހާޒިރުގައި ކްރިމިނަލް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި އާދަމް އާރިފު ކުރެއްވި އެ ހުކުމް، މަތީ މަރުހަލާގެ ކޯޓަކުން ބާތިލު ނުކުރާހާ ހިނދަކު، ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ ތިން ވަނަ ނަންބަރުގައި ބުނެފައިވާ ގޮތަށް ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާނަމަ، ގާސިމްގެ މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ އެވެ.

ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުން ވަކިކުރަން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާ މެދު ސުވާލުއުފެދިއްޖެ ނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމްކޯޓުން ކަމަށެވެ.

ގާސިމަށް ހުކުމްކޮށްފައި ވަނީ ހިތްޕުޅުގެ އާލާސްކަންފުޅެއްގައި ހާލު ދެރަވެ، އައިޖީއެމްއެޗުގައި އެދުމަތިކޮށްގެން ފަރުވާ ދެމުންދަނިކޮށެވެ. މިރޭ 11:00 ބޭއްވި ޝަރީއަތަށް ގާސިމު ހާޒިރުވުމަށް އަންގާފައި ވަނީ މިރޭ 10:35 ގައި ކަމަށް އޭނާގެ ވަކީލުން ވިދާޅުވި އެވެ. އެދުމަތިކޮށްގެން ގާސިމަށް ފަރުވާ ދެމުން ގެންދަވާތީ ކޯޓަށް ވަޑައިނުގެންނެވޭނެ ކަމަށް އަންގާފައިވާނެ ކަމަށް ވަކީލުން ވިދާޅުވި އެވެ.

މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމަށް ކްރިމިނަލް ކޯޓުން މިރޭ ކުރި ހުކުމުގައި ބުނެފައި ވަނީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު ނެގުމަށް ހަމަޖެހުނު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ ވޯޓާ ގުޅުވައިގެން މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި މަސީހު ބޭރުކުމަށް ވޯޓު ދެއްވައިފިނަމަ، އެ މެމްބަރަކު ހިމެނިވަޑައިގަންނަވާ ދާއިރާތަކުގެ ޓިކެޓުދިނުމުގެ އިތުރުން އެހެން ހުރިހާ ގޮތަކުން ވެސް އެހީތެރިވެދާނެ ކަމަށް ގާސިމް ވިދާޅުވެފައިވާ ކަމަށެވެ.

ގާނޫނުލް އުގޫބާތުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނުވަތަ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމެއް ކުރުމުގެ ގޮތުން، ނުވަތަ ނުކޮށްދޫކޮށްލުމުގެ ގޮތުން ޤާނޫނު ހުއްދަނުކުރާ މަންފާއެއް ހުށަހެޅުމަކީ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުން ކުށްވެރިވާ ކަމެއް ކަމަށް އެ ހުކުމްގައިވެ އެވެ.

އެ ހުކުމްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާ ވަކިގޮތަކަށް އަދާކޮށްފިނަމަ، އެ މެންބަރުންނަށް ދާއިރާގެ ޓިކެޓުދޭނެ ކަމަށް ހުށަހެޅުމަކީ އެ މެންބަރުންނަށް ހުށަހެޅޭ މަންފާއެއް ކަމަށެވެ. އަދި އެ މަންފާ ހުށަހެޅެނީ ވޯޓުލާ ގޮތަކަށް ރިއާޔަތްކޮށް، ހާސިލްކޮށްދެވޭ ގޮތުންނަމަ އެ މަންފާއަކީ ހުއްދަ ނޫން މަންފާއެއް ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ (ށ) ކަނޑައަޅާފައިވާ އެ ކުށަކީ ކަމެއް ހުށަހެޅުމުގެ ޠަބީޢަތް ލިބިފައިވާ ކުށެއް ކަމުގައިވާއިރު، އެކުށަކީ ބުނާ ބަހަކުން އެކަނި ފުރިހަމަވެދާނެ ކުށެއްކަން އެނގެން އޮންނަ ކަމަށް އެ ހުކުމްގައިވެއެވެ.

އެ ހުކުމްގައި ވަނީ ގާސިމް ދެއްކެވި ވާހަކައަށް ބަލާއިރު އެ ވާހަކައަކީ ވަކި ބަޔަކަށް އަމާޒުކޮށް ދައްކާފައިވާ ވާހަކައެއް ކަމަށާއި ސިޔާސީ ވައުދުތަކާއި ގާސިމް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޚާއްސަކޮށް ދީފައިވާ ދައުވަތުގެ އިބާރާތާއި، ތަފާތު ކަމަށެވެ. އަދި އެ އިބާރާތަކީ ގާނޫނު އަސާސީއާއި ޤާނޫނީ އިމުގެ ތެރެއިން ދައްކާފައިވާ ވާހަކައެއްކަން ގާސިމަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް އެ ހުކުމްގައިވެއެވެ.

ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައި ވަނީ ހުކުމަކީ ސައްހަ ހުކުމެއް ނޫން ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން ޣައިރު ހާޒިރުގައި ހުކުމް ނުކުރެވޭނެ ކަމަށާއި ޣައިރު ހާޒިރުގައި ހުކުމް ކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ.

ގާސިމްގެ ޝަރީއަތް މިއަދު މެންދުރުފަހު ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް، އަބުރައިގަނެގެން ގާސިމް ވަނީ ކޯޓުތެރެއަށް ވެއްޓިފަ އެވެ. އަދި ގާސިމް އައިޖީއެމްއެޗަށް ގެންދިއުމުން އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާދީފައި ވަނީ ގާސިމްގެ ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ދިނުމަށްޓަކައި ފުރާނައަށް ނުރައްކާވުމުގެ ކުރިން ރާއްޖޭން ބޭރަށް ގެންގޮސްގެން ފަރުވާ ދޭންޖެހޭ ކަމަށެވެ.

އެކަމާ ގުޅިގެން ގާސިމް ޖަލަށްލުމަށް ކުރި ހުކުމްގައި ބުނެފައި ވަނީ ގާސިމް އިބްރާހީމަށް ފަރުވާ ދިނުމަށް ހަމޖައްސައިދޭންޖެހޭ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.

"...އެ ފަރުވާތައް ގާސިމް އިބްރާހީމަށް ދޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށް، ގާސިމް އިބްރާހިމްގެ ޣައިރު ހާޒިރުގައި ނިޔާކަނޑައަޅައި، މި ގަޒިއްޔާ ނިންމީއެވެ"

comment ކޮމެންޓް