ވިޔަފާރިވެރިޔާ ގާސިމް މާމިގިލީގައި ބިނާކޮށްދެއްވި މިސްކިތް ހުޅުވައިފި

މާމިގިލީގައި ގާސިމް ބިނާކޮށްދެއްވި މިސްކިތް ހުޅުވަނީ ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ވިޔަފާރިވެރިޔާ އަދި މާމިނގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް އދ. މާމިގިލީގައި ބިނާކޮށްދެއްވި މިސްކިތް މިއަދު ހުޅުވައިފިއެވެ.

'މަސްޖިދު އިބްރާހިމް'ގެ ނަން ދީފައިވާ މި މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ގާސިމެވެ.

އެ މިސްކިތް ހުޅުވައިދެއްވައި، މިނިސްޓަރު ޝަހީމް ވަނީ، އިމާމުވެ ހުކުރު ނަމާދު ކުރައްވާފައެވެ.

ގާސިމާއި އިސްލާމިކް މިނިސްޓަރު މާމިގިލީގައި ހުޅުވި މިސްކިތް ބައްލަވާލައްވަނީ ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އެއީ، 800 މީހުން ޖާގައިގެ މިސްކިތެއް ކަމަށްވާއިރު، ދެ ޖިންސުގެ މީހުންނަށް ވަކިން ނަމާދު ކުރެވޭނެ ޖާގައާއި ވުޟޫ ކުރާނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި، މި މިސްކިތް ވަނީ އޭސީކޮށްފައެވެ.

މި މިސްކިތް ހުޅުވުމަށްޓަކައި ބޭއްވި މާމިނގިލީ ކައުންސިލްގެ އިސްވެރިންނާއި ރައްޔިތުން ބައިވެރިވިއެވެ.

ގާސިމް މާމިގިލީގައި ބިނާކޮށްދެއްވި މިސްކިތް --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މީގެ އެއް އަހަރު ކުރިން ވެސް ގާސިމް ވަނީ، މާމިގިލީގައި މިސްކިތެއް ބިނާކޮށްދެއްވާފައެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ 15ގައި ހުުޅުވި އެ މިސްކިތަކީ، ގާތްގަނޑަކަށް 300 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ.

ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން މާމިގިލީ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވަނީ ގާސިމެވެ.

އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި މާމިގިލީގެ އާބާދީ 2،803އަށް އަރައެވެ.

comment ކޮމެންޓް