ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވޭނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުން ހުއްދަ ދިނުމުން ކަމަށް އެ ސާވިސް އިން ބުނެފިއެވެ.
ގާސިމް އިބްރާހިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކުރީ އެމަނިކުފާނުގެ ޣައިރު ހާޒިރުގަ އެވެ. އެއީ ރިޝްވަތު ދިނުމަށް ހުށަހެޅިކަމަށް ބުނެ ދައުލަތުން ކުރި ދައުވާ ސާބިތުވުމުންނެވެ.
ގާސިމް މިވަގުތު އޮންނެވީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި އައިޖީއެމްއެޗް ގައެވެ. އައިޖީއެމްއެޗްއިން ގާސިމް ދޫ ނުކޮށްލާހާ ހިނދަކު އޭނާ ޖަލަށް ނުގެންދާނެ ކަަމަށް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.
ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން 'ސަން' އަށް ވިދާޅުވީ ގާސިމް ރާއްޖޭން ބޭރަށް ފޮނުވޭނީ ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުން ހުއްދަ ދިނުމުން ކަމަށާއި ކޯޓުން އަންގާފައިވާ ގޮތައް އަމަލު ކުރާނެ ކަމަށެވެ.
"ކޯޓުން އަންގާފައި އޮތީ ގާސިމް އަށް ފަރުވާ ދިނުމަށް ބޭރަށް ފޮނުވުމަށް. އެކަން ކަރެކްޝަންސް އިން ކުރާނެ ކޯޓް އަމުރުގައި ވާގޮތައް. ނަމަވެސް އެބަޖެހޭ މެޑިކަލް ބޯޑުން ނިންމާ ކަނަތައްތަކެއްވެސް ބަލަން. ބޯޑުން ހުއްދަ ދިނީމަ އެ މަސައްކަތް ކުރިއަށްދާނެ،" ލުގްމާން ވިދާލުވިއެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ރޭ 'ސަން' އަށް ވިދާޅުވީ ގާސިމް ރާއްޖޭން ބޭރަށް ފޮނުވުމަށް ބޭނުންވާ ލިޔުންތައް ރޭ ހަތެއް ޖެހުމުުގެ ކުރިން ކަރެކްޝަންސްއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ ލިޔުތަކުގެ ތެރޭގައި ގާސިމް މީގެ ކުރިން ބޭސަފަރުވާ ހޯއްދަވާފައިވާ ގައުމުތަކާއި އެ ހޮސްޕިޓަލު ތަކުގެ ލިޔުންތައް ހިމެނޭނެ ކަމަށް ސަމީރު ވިދާޅުވި އެވެ. އަދި ޑޮކްޓަރު ރާއްޖޭން ބޭރަށް ފުރުމަށް ލަފާ ދެއްވައި ދީފައިވާ ލިޔުންތައްވެސް ހުށަހަޅާފައިވާ ކަމަށް ސަމީރު ވިދާޅުވި އެވެ.
ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ގާސިމް ރާއްޖޭން ބޭރަށް ފޮނުވުމަށް ކަމާ ބެހޭ ފަރާތްތަކުގެ މައްޗަށް ވަނީ އަމުރު ކޮށްފަ އެވެ. އަދި ކްރިމިނަލް ކޯޓުން މިހާރު ވަނީ ގާސިމްގެ ޕާސްޕޯޓު ދޫކުރުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފައެވެ.