އޭޝިއަން ބޮޑީ ބިލްޑިން މުބާރާތުގައި ރާއްޖޭން ރަން މެޑެއްޔެއް ހޯދައިފި

އޭޝިއަން ބޮޑީ ބިލްޑިން މުބާރާތުގައި ރާއްޖެއަށް ރަން މެޑެއްޔެއް ހޯދައިދިން ޝާންޓޭ: އޭނާ ރަން މެޑެލް ހޯދީ 55 ކިލޯގެ ކެޓަގަރީގައި ވާދަކޮށްގެން ---

އޭޝިއަން ބޮޑީ ބިލްޑިން މުބާރާތުގައި ރާއްޖޭން ރަން މެޑެއްޔެއް ހޯދައިފިއެވެ.

ދެކުނު ކޮރެއާގެ ސޯލްގައި ކުރިއަށްދާ އޭޝިއަން ބޮޑީ ބިލްޑިން މުބާރާތުން ރާއްޖެއަށް ރަން މެޑެއްޔެއް ހޯދައިދިނީ ޝާހީން އިބްރާހިމް ދީދީ (ޝާންޓޭ)އެވެ.

އޭޝިއާގެ އެކި ގައުމުތަކުގެ ވަރުގަދަ ބޮޑީ ބިލްޑަރުންނާ ވާދަކޮށް ރާއްޖޭގެ ޝާންޓޭ ވަނީ 55 ކިލޯގެ ކެޓަގަރީން ރަން މެޑެއްޔެއް ހޯދައިފައެވެ.

ޝާންޓޭއަކީ ކުރިން ވެސް އެ މުބާރާތުގައި ވާދަކޮށް، ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީ ބިލްޑަރުގެ ޝަރަފް ހޯދާފައިވާ އެތުލީޓެވެ. އޭނާ ވަނީ ކުރިން އެ މުބާރާތުގެ ގަދަ ފަހެއް ހޯދައިފައެވެ.

މި އަހަރުގެ މުބާރަތުގައި ރާއްޖޭން ހަތަރު ބޮޑީ ބިލްޑަރުން ވާދަކުރެއެވެ. އެއީ "ދި ހެމާ" ގެ ފަރާތުން މިސްޓަރ މޯލްޑިވްސް މުބާރާތުގައި ވާދަކޮށް އެ މުބާރާތް ކާމިޔާބުކުރި އެންމެ ފަހުގެ މިސްޓަރ މޯލްޑިވްސް މުހައްމަދު ޔާމީނާއި މިދިޔަ އަހަރުގެ މިސްޓަރ މޯލްޑިވްސް އަހްމަދު ރަޝީދު އަދި މި އަހަރުގެ މިސްޓަރ މޯލްޑިވްސްގައި އެންމެ ތަފާތު ހުނަރެއް ދެއްކި އަހްމަދު ފަޒީލް އަދި ޝާންޓޭއެވެ.

އެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ބޮޑީ ބިލްޑަރުންނާ ގުޅޭގޮތުން މޯލްޑިވްސް ބޮޑީ ބިލްޑިން ފެޑަރޭޝަންގެ ރައީސް އިބްރާހިމް ހަމީދު ވިދާޅުވެފައިވަނީ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ހަތަރު ބޮޑީ ބިލްޑަރުންނަކީ ވެސް ކާމިޔާބު ހޯދޭނެ ހަތަރު އެތުލީޓުން ކަމަށާއި އުންމީދަކީ ރާއްޖެއަށް ރީތި ނަން ހޯދައިދިނުން ކަމަށެވެ.

އޭޝިއަން ބޮޑީ ބިލްޑިން މުބާރާތުގައި ވާދަކުރާ މި އަހަރުގެ މިސްޓަރ މޯލްޑިވްސް ބުނީ، އަމާޒަކީ އޭޝިއަން ބޮޑީ ބިލްޑިންގ މުބާރާތުގައި ރާއްޖޭގެ ނަން ވިދުވާލުން ކަމަށާއި ދިވެހި ފަހުރުވެރިކޮށްދޭނެ ކަމަށެވެ. އަދި އެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ބޮޑީ ބިލްޑިން ޓީމު ޓީމު އޮތީ މުބާރާތަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށް ވެސް އޭނާ ބުންޏެވެ.

އެ މުބާރާތުގައި ރާއްޖޭން ދެން ވާދަކުރާ ތިން ބޮޑީ ބިލްޑަރުން ބައިވެރިވާ އިވެންޓްތައް މާދަމާ ކުރިއަށްދާއެވެ. މިފަހަރުގެ މުބާރަތުގައި 148 ގައުމު ވާދަކުރެއެވެ.

comment ކޮމެންޓް