އިންޑޮނޭޝިއާގެ ބަޓަމްގައި މިހާރު ކުރިއަށްދާ 16 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ މަނާފް ވަހީދު ލޯ މެޑަލް ހޯދައިފިއެވެ.
މިއީ ވޯލްޑް ޗެމްޕިއަންޝިޕުން ރާއްޖެ ހޯދި ތިންވަނަ މެޑަލްއެވެ. މީގެކުރިން ރާއްޖޭގެ އެންމެ ފަހުގެ މިސްޓަ މޯލްޑިވްސް އަޒްނީން ރަަޝާދު ވަނީ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ވާދަކުރި އިވެންޓުން ރަން މެޑަލް ހޯދާފައެވެ. ދެން މެޑަލް ހޯދީ މަބްރޫކް ލަތީފެވެ. އޭނާ ވަނީ ވާދަކުރި އިވެންޓުން ރިހި މެޑަލް ހޯދާފައެވެ.
މަނާފް ލޯ މެޑަލް ހޯދާފައިވަނީ ފިރިހެނުންގެ ސްޕޯޓްސް ފިޒީކް އަޕް ޓު 167 ސެންޓިމީޓަރު ކެޓަގަރީގައި ވާދަކޮށްގެންނެވެ. މި ބައިގައި މަނާފްއާއެކު ޖުމްލަ 11 ގައުމެއްގެ އެތުލީޓުން ވާދަކުރިއެވެ.
މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ޓީމުގައި ހިމެނޭ އެތުލީޓުންނަކީ އަހުމަދު ނައީމް، އަޒްނީން ރަޝާދު، މަނާފް ވަހީދު، އަލީ މަބްރޫކް ލަތީފް އަދި އިސްމާއިލް ޝުއާއު އަބްދުﷲއެވެ.
ޓީމުގެ ހެޑު ކޯޗެއްގެ ގޮތުގައި އަބްދުލްހަސީބު ހުސައިން ހަރަކާތްތެރިވާއިރު، މެނޭޖަރެއްގެ ގޮތުން ހަރަކާތްތެރިވަނީ މުހަންމަދު ނަޒީހުއެވެ.
މުބާރާތުގައި ރާއްޖެއިން ވާދަކުރާ ކެޓަގަރީތަކަކީ 17 ސެންޓިމީޓަރު ސްޕޯޓް ފިޒީކް، 175 ސްޕޯޓް ފިޒީކް، 167 އެތުލެޓިކް ފިޒީކް، 175 އެތުލެޓިކް ފިޒީކް އަދި އަޕް ޓު 180 އެތުލެޓިކް ފިޒީކް ކެޓަގަރީއެވެ.