ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި 24 ވަނަ ގައުމީ ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްސްގައި ޕޮލިސް ކޮންސްޓަބަލް އަޒްނީން ރަޝާދު "މިސްޓަރ މޯލްޑިވްސް 2026" ގެ މަގާމު ދިފާޢުކޮށްފިއެވެ.
ޕޮލިސް ކްލަބް ތަމްސީލުކުރަމުން އަންނަ އަޒްނީން ވިދިވިދިގެން މި ހޯދި ދެވަނަ ގައުމީ ޗެމްޕިއަންކަމާއެކު، އޭނާ ވެފައިވަނީ ރާއްޖޭގެ ބޮޑީބިލްޑިންގ ތާރީޚުގައިވެސް އުފެދުނު އެންމެ ކާމިޔާބު އަދި އެންމެ ޝަރަފުވެރި އެއް އެތުލީޓަށެވެ.
މިސްޓަރ މޯލްޑިވްސްގެ ލަގަބު ހޯދުމަށް އަޒްނީން ފުރަތަމަ މިސްޓަރ މޯލްޑިވްސްގެ ތާޖު ހާސިލުކުރީ 2025 ވަނަ އަހަރުއެވެ. ޒުވާން އުމުރުން ފެށިގެން ކަސްރަތާއި ހަށިގަނޑު ބިނާކުރުމުގެ ދާއިރާއަށް ޚާއްޞަ ޝައުޤުވެރިކަމެއް ބަހައްޓަމުން އައި އަޒްނީނަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތުގައި ދެމިހުރެ، ޑިއުޓީގެ ބުރަ މަސްއޫލިއްޔަތުތަކާއެކުވެސް ކުޅިވަރުގެ މައިދާނުގައި ނަމޫނާ ޑިސިޕްލިނެއް ދައްކަމުން އަންނަ ހީވާގި ފުލުހެކެވެ.
މިސްޓަ މޯލްޑިވްސް 2026 ގެ ޝަރަފާއެކު އަޒްނީން-- ޤައުމީ ފެންވަރުގައި މި ޝަރަފު ހޯދުމުގެ ކުރިންވެސް އޭނާ ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ދިދަ ވިހުރުވާލާފައެވެ. އެގޮތުން، 2022، 2023، 2024 އަދި 2025 ވަނަ އަހަރު ބޭއްވި ވޯލްޑް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަން (ޑަބްލިއުބީޕީއެފް) ގެ ވޯލްޑް ޗެމްޕިއަންޝިޕްސްއިން ވިދިވިދިގެން ހަތަރު ރަން މެޑަލް ހޯދައި، އޭނާ ވަނީ ހަތަރު ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހާސިލުކޮށްފައެވެ.
މީގެ އިތުރުން، އޭޝިއަން އަދި ސައުތު އޭޝިއަން ބޮޑީބިލްޑިންގ މުބާރާތްތަކުންވެސް ގިނަ ރަން މެޑަލްތަކެއް ހާސިލުކޮށް ސަރަހައްދީ ފެންވަރުގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، ދިވެހި ކުޅިވަރަށް އޭނާ ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކޮށް "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" ގައި އަހަރުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަޤާމުވެސް އަޒްނީން ވަނީ ހޯދާފައެވެ.
ގައުމީ ޗެމްޕިއަންކަމުގެ ކާމިޔާބީއާއެކު އަޒްނީންގެ ދެން އޮތް އެންމެ ބޮޑު އަމާޒަކީ އަންނަ ޑިސެމްބަރު މަހުގެ 3 އިން 9 އަށް ލާއޯސްގެ ވެރިރަށް ވިއެންޓިއާންގައި ބޭއްވުމަށް ހަމަޖެހިފައިވާ 17 ވަނަ ޑަބްލިއުބީޕީއެފް ވޯލްޑް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްސްއެވެ.
މި މުބާރާތުގައި ވާދަކޮށް، ވިދިވިދިގެން ފަސްވަނަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައި، ދިވެހި ކުޅިވަރުގެ ތާރީޚުގައި އައު ރެކޯޑެއް ޤާއިމުކުރުމަށް އޭނާ ދަނީ ފުރިހަމައަށް ތައްޔާރުވަމުންނެވެ.