އަޑުގަދަކުރިޔަސް ހާސްކަމެއް ނެތް، 2019 އާ ހަމައަށް މަޖިލިސް ކުރިއަށްދާނެ: މައުރޫފް

އަލީ މައުރޫފް ނޫސްވެރިނަނަށް މައުލޫމާތު ދެއްވަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިދިކޮޅު މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އަޑުގަދަކުރިޔަސް އެއްވެސް ހާސްކަމެއް ނެތް ކަމަށާއި 2019 ވަނަ އަހަރާ ހަމައަށް މަޖިލީސް ކުރިއަށްދާނެ ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގި ކަންތައްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މައުރޫފް ވިދާޅުވީ އިދިކޮޅު މެމްބަރުން އަޑުގަދަކުރިޔަސް ރައްޔިތުންނަށް ބޭނުންވާ ދެ ކަމެއް މިއަދުގެ ޖަލްސާގައި ވެސް ފާސްކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މުޅި މަޖިލިސް ގުޑުވާލާ ވަރަށް އަޑުގަދަކުރާނެ މެމްބަރުން ސަރުކާރު ކޯލިޝަންގައި ވެސް އެބަތިބި ކަމަށާއި ނަމަވެސް އެއީ ކުރަންބޭނުންވާ ކަމެއް ނޫން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފަހު މެމްބަރުން މަޖިލީހުގެ އިދާރާގެ ގޯތިތެރޭގައި --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

"އަޅުގަނޑުމެން މީހުންނަށް ވެސް އަޑުގަދަ ކުރެވޭނެ ދެއްތޯ. އަޅުގަނޑުމެންގެ ވެސް އެބަތިބި އައްސަދު އާއި ސުޖާއު އާއި އަދި ހޯރަފުށީ މުހައްމަދު އެއީ އަޅުގަނޑުމެން ޕާޓީގެ ވަރަށް އަޑުގަދަ ބޭފުޅެއް. ހަމަ މުޅިތަން ގުޑުވާލާނެ. ގުގުރިޖަހާހެން ހީވާނީ. އަޅުގަނޑުމެން ބޭނުމެއް ނުވޭ ރައްޔިތުންނަށް އަޑުގަދަކަން ފޮނުވާކަށް އަދި އަޑުގަދަކޮށްގެންވާނެ ކަމެއް ވެސް ނޯންނާނެ މަޖިލިސްގައި،" މައުރޫފް ވިދާޅުވި އެވެ.

މެޖޯރިޓީއަށް ތަބާވުމަކީ ޑިމޮކްރެސީގައި ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށާއި އިދިކޮޅު ފަރާތްތަކުން ކިތަންމެ ބޭނުންވިޔަސް އެބޭފުޅުން ބޭނުންވާ ގޮތަކަށް މަޖިލީހުން ކަމެއް ނުނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މެޖޯރިޓީ ނެތިއްޔާ އެބޭފުޅުން ބޭނުންވާ ގޮތްތަކަށް ނުނިމޭނެ. އެއީ ދުނިޔޭގެ ހުރިހާ ޑިމޮކްރެސީއެއްގައި ވެސް ކަން ހިނގާނެ ގޮތަކީ އެއީ. އެންމެ ކައިރިން، އިންޑިއާ އާއި ސްރީލަންކާ އަދި ޔޫރަޕްގެ ގައުމުތަކުގައި ވެސް ޑިމޮކްރެސީއަކީ މެޖޯރިޓީއަށް ތަބާވުން،" މައުރޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ބާއްވަނީ ގަވާއިދާ ޚިލާފަށް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ އިރު، އެފަދަ ކަމެއް މަޖިލީހުގައި ކުރި ކަމުގެ ގާނޫނީ އެއްވެސް ހެއްކެއް ގަރީނާއެއް އެބޭފުޅުންނަށް ނުދެއްކޭ ކަމަށެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ ބާތިލުކުރުމުން އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދަވަނީ އެއީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކުރި ކަމެއް ކަމަށެވެ.

އިދިކޮޅު މެމްބަރުން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅި ހަތަރު މެމްބަރުންގެ ސޮއި އުނިކުރިޔަސް މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅަންޖެހޭ އަދަދު ކަމަށްވާ 42 މެމްބަރުންގެ ވޯޓު ހަމަވާ ކަމަށެވެ. އެހެންކަމުން މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް އިތުރު އެޖެންޑާއަކާ އެކު ބާއްވާ ޖަލްސާއެއް ސައްހަ ނުވާނެ ކަމަށް އިދިކޮޅު މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް