މިލަންދޫއަކީ ތޯތޯ ޓީމެއް ނޫންކަން އެ ޓީމުން ސާބިތުކޮށްދީފި: ނިޒާމްބެ

ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ): އޭނާ ވަނީ މިލަންދޫ ޓީމުގެ ކުޅުން ފާހަގަކޮށް އެ ޓީމަށް ތައުރީފްކޮށް ވާހަކަ ދައްކާފައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ށ. މިލަންދޫ ޓީމަކީ ތޯތޯ ޓީމެއް ނޫންކަން އެ ޓީމުން ސާބިތުކޮށްދީފައިވާ ކަމަށާއި އެ ޓީމަށް ތައުރީފް ހައްގު ކަމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ހަވީރު ޓީސީއާ މިލަންދޫ ބައްދަލުކުރާ މެޗުގެ ކުރިން އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޓީސީގެ ކޯޗު ނިޒާމްބެ ބުނީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ކުޅުނު މެޗުގައި މިލަންދޫން ކުރި މަސައްކަތާއި ހިތްވަރު ވަރަށް ރަނގަޅަށް ފެނިގެންދިޔަ ކަމަށެވެ.

"މިލަންދޫ ޓީމުގެ ކުޅުންތެރިންނާއި ކޯޗު ނާސިރު، އެއް މެޗުން އަނެއް މެޗަށް ދައްކަމުން އަންނަ ޕާފޯމަންސް ތައުރީފް ހައްގޭ ބުނަން ޖެހޭނީ. އިތުރަށް މަސައްކަތްކުރަން ޖެހޭނެ ދަނޑުމަތީގައި. އިތުރަށް ސަމާލުވާން ޖެހޭނެ. އެންމެ ފަހު މެޗުން މިލަންދޫ ޓީމަކީ ތޯތޯ ސަމާސާ ޓީމެއް ނޫންކަން އެމީހުން ދައްކުވައިދީފި. އެހެންވީމަ އެކަމަށް ޓީސީން ސަމާލުވާނެ،" އޭނާ ބުންޏެވެ.

ނިޒާމްބެ ބުނީ، މިލަންދުއާ ދެކޮޅަށް ކުޅޭ މެޗު ފަސޭހައެއް ނުވާނެ ކަމަށާއި ފުރަތަމަ ލިބޭ ފުރުސަތުތަކުން ޓީސީން ލަނޑު ނުޖަހައިފިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އަދި މިލަންދޫ ޓީމުގެ ގިނަ ކުޅުންތެރިންނަކީ ގިނަ މެޗުތަކެއް ކުޅެފައިނުވާ ކުޅުންތެރިންނަށް ވުމުން އެ ކުޅުންތެރިންގެ ހަގީގަތް ނޭނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.

މިލަންދޫ އެންމެ ފަހުން ކުޅުނު މެޗުގައި އެ ޓީމު ނުކުތީ މާޒިޔާއާ ދެކޮޅަށެވެ. އެ މެޗުން މިލަންދޫ ބަލިވެފައިވަނީ 1-0 ލަނޑުގެ ހަނި ތަފާތަކުންނެވެ. އެ މެޗުގައި މިލަންދޫގެ ޓީމުން ދެއްކި ކުޅުމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނާސިރާއި ކުޅުންތެރިންނަށް ނިޒާމްބެ ވަނީ ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ.

"ނާސިރަށް ތައުރީފް ހައްގުވާ އެއް ކަމަކީ މިދިޔަގައި ވެސް އިދިކޮޅުން ކުޅުނު ޓީމަށް މާބޮޑު ފުރުސަތުތަކެއް އޯޕަން ކޮށްލެވިފައެއް ނުވޭ. މަދު އެއްޗެއް ލިބިގެންދިޔައީ. އެހެންވީމަ އެވަރަށް ކޮމްޕެކްޓް ކޮށްލައިގެން 90 މިނެޓް ހިފަހައްޓާލެވޭނީ ކޯޗުގެ ރޭވުންތެރިކަމާއި ކުޅުންތެރިންގެ ޑިސިޕްލިނުން. މި މެޗަކީ 100 ޕަސެންޓް ކޮމްޕެކްޓް ޑިފެންސްއަކާ އެއްކޮށް ކުޅެންޖެހޭނެ މެޗެއްކަން ކަށަވަރު. އަޅުގަނޑު ނުދަންނަވާނަން މިލަންދޫ ޓީމު ކުޅުނީ މުޅިން ޑިފެންސް ކޮށްގެންނޭ. އެމީހުން އެޓޭކް ކޮށްފަ ވެސް އެބަހުރި،" އޭނާ ބުންޏެވެ.

ނިޒާމްބެ ބުނީ، މިލަންދޫ ޓީމުން ކުޅެނީ ކައުންޓާ އެޓޭކިން ގޭމެއް ކަމަށާއި އެ ހުރިހާ ކަމަކަށް ވެސް ޓީސީން ސަމާލުވާން ޖެހޭނެ ކަމަށެވެ. އަދި ކުޑަ ޓީމެއް ގޮވައިގެން ނެރެމުންދާ ނަތީޖާއަކީ މިލަންދޫ ޓީމުގެ ކޯޗު ނާސިރުގެ ކެރިޔަރަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް ނިޒާމްބެ ބުންޏެވެ.

ޕްރިމިއާ ލީގުގައި ޓީސީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ. މިލަންދޫ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައިވާއިރު، އެއް މެޗުން ވަނީ އެއްވަރުވެފައެވެ. މިލަންދޫ ބަލިވި ދެ މެޗުން ވެސް އެ ޓީމު ބަލިވެފައިވަނީ ހަނި ތަފާތަކުންނެވެ.

comment ކޮމެންޓް