މިއަހަރުގެ ބޯޓިން އެވޯޑަށް 53 ފަރާތެއްގެ ނަން ހުށަހަޅައިފި

2014 ވަނަ އަހަރު ބޯޓިންގް އެވޯޑްސްގައި ބޯޓިން ޕާސަނަލިޓީ އޮފް ދަ އިއާ އިބްރާހިމް ޝާހިދަށް އޭރުގެ ޓްރާންސްޕޯޓު މިނިސްޓަރު އެވޯޑު ހަވާލު ކުރައްވަނީ -- ސަން ފައިލް ފޮޓޯ

ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް)އިން ބާއްވާ ބޯޓިން އެވޯޑުގެ މިއަހަރުގެ އަދަދަށް 53 ފަރާތެއްގެ ނަން ހުށަހަޅައިފި އެވެ.

އެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލީ ބޯޓިން ދާއިރާގައި އުޅޭ ފަރާތްތަކަށް އަމިއްލައަށް ވެސް ނަން ހުށަހެޅޭ ގޮތަށެވެ. އެގޮތުން ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން އެވޯޑުގައި ހިމެނޭ 25 ކެޓަގަރީ އިން ޖުމްލަ 53 ފަރާތެއް އެ އެވޯޑަށް ކުރިމަތިލާފައިވާއިރު އެފަރާތްތަކަށް ވޯޓު ދިނުމުގެ ފުރުސަތު ވަނީ މިމަހުގެ ނިޔަލަށް ހުޅުވާލައިފަ އެވެ. ވޯޓު ލުން ކުރިއަށް ދާނީ އޮންލައިން ކޮށެވެ.

ލޭމްގެ ސެކްރެޓަރީ ޖެނެރަލް، މުހައްމަދު އިގްނާޒް އަލީ "ސަން" އަށް ވިދާޅުވި ގޮތުގައި އެ އެވޯޑު ހަފްލާ ބާއްވަން ހަމަޖައްސާފައި ވަނީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް އަދި ވަކި ތާރީޚެއް ހަމަނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޯޓިން އެވޯޑު އެންމެ ފުރަތަމަ ރާއްޖޭގައި ބޭއްވީ 2014 ވަނަ އަހަރު އެވެ. މިއަހަރުގެ އެވޯޑު ހަފްލާ އޯގަނައިޒް ކުރަނީ ޔުނިކާ ޕްރައިވެޓް ލިމިޓެޑުންނެވެ. ބޯޓިން އެވޯޑްސްގެ މިއަހަރުގެ ހަފްލާ، އަންނަ އޮކްޓޯބަރު މަހު ބާއްވަން ނިންމާފައިވާ އިރު، އެ ހަފްލާގައި ޖުމްލަ 25 ކެޓަގަރީއަކުން އެވޯޑު ދޭން ވަނީ ހަމަޖައްސައިފަ އެވެ.

ލޭމް އިން ދެމުން އަންނަ މި އެވޯޑުގެ މަގުސަދަކީ ރާއްޖޭގައި ސަފާރީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެ ފަރާތްތަކުން ދެމުން އަންނަ ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމެވެ.

comment ކޮމެންޓް