ރޮނާލްޑޯއަށް "ކުށުވެރިކަމެއް" ޖެހިފައިވާ ކަމަށް ޕޯޗްގީޒް ސިހުރުވެރިއަކު ބުނެފި!

ރެއާލް މެޑްރިޑްގެ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ-- ފޮޓޯ: ޔާހޫ

ކްރިސްޓިއާނޯ ރޮނާލްޑޯއަށް މިފަހަކަށް އައިސް ކުރިމަތިވަމުންދާ ބަދުނަސީބު ކަންތައްތަކަކީ އޭނާއަށް ޖެހިފައިވާ ކުށުވެރިކަމެއްގެ ސަބަބުން ދިމާވަމުންދާ ކަންތައްތަކެއް ކަމަށް ޕޯޗްގީޒްގެ ސިހުރުވެރިއަކު ބުނެފިއެވެ.

ކުށުވެރިކަމަކީ، ޖިންނި، ފުރޭތައިގެ ފަރާތުން ޖެހޭކަމަށް ބުނާ އަދި ފަންޑިތައިން ނޫނީ ފަސޭހަނުވާނޭ ކަމަށް ހީކުރާ ކަންތައްތަކެވެ.

ޕޯޗްގަލްގައި "ފެފޭ"ގެ ނަމުން މަޝްހޫރުވެފައިވާ ކާހިނު، ފެނާންޑޯ ނޮގުއެރާ ބުނީ، އުރުން 32 އަހަރުގެ ސުޕަރސްޓަރ، ރޮނާލްޑޯއަށް މިހާރު ދިމާވަމުންދާ ސުންޕާވެރިކަމަކީ، އޭނާގެ ބައްޕަގެ ޖަނާޒާގައި ބައިވެރި ނުވެވުމުން ދިމާވެފައިވާ ކުށުވެރިކަމެއް ކަމަށެވެ.

ސްޕެއިންގެ ޓެކްސް އޮތޯރިޓީން ފެންމަތިކޮށްފައިވާ ޓެކުހަށް މަކަރު ހެދުމުގެ މައްސަލައެއްގައި ބޮޑު މާޔޫސްކަމަކާ ކުރިމަތިލާން ޖެހިފައިވާ، ރެއާލް މެޑްރިޑްގެ ފޯވާޑް މިހާރު ދަނީ ފަސްމެޗުގެ ސަސްޕެންޝަނެއްވެސް ފުރިހަމަކުރަމުންނެވެ.

ފެފޭ ބުނީ، ރޮނާލްޑޯއަށް މިހުރިހާ ހިތްދަތިކަމެއް ޖެހިގެން އުޅެނީ، އޭނާއަށް ޝައިތާނީ ލޯތަކެއް އަމާޒުވެ އެކަންތައްތަކުން ރެކިނުގަނެވިގެން ކަމަށެވެ.

"ރޮނާލްޑޯ ވަނީ، ނަފްސާނީގޮތުންނާއި ރޫހާނީގޮތުން ވެސް ވަރަށް ބަލިކަށިވެފައި،" ރޮނާލްޑޯގެ ބަދުނަސީބާ މެދު އެގައުމުގެ ރިޕޯޓަރަކު ސުވާލުކުރުމުން ފެފޭ ބުންޏެވެ.

"ރޮނާލްޑޯއަށް އޭނާގެ ބައްޕަގެ ޖަނާޒާގައި ބައިވެރި ނުވެވުނީ ހަމަ އެދުވަހު މެޗެއް ކުޅެން ޖެހުމުން. އެއާއެކު ވަރަށް ބައިވަރު ބާރުތަކެއް ވަނީ ދޫވެގެންގޮސްފައި."

ރެއާލްގެ ޕޯޗްގަލް ތަރިއަށް ފަސްމެޗުގެ ސަސްޕެންޝަނެއް ދީފައި ވަނީ، ސްޕެނިޝް ސުޕަރ ކަޕްގެ ފުރަތަމަ ލެގުގައި ބާސާ އަތުން 3-1 ލަނޑުން ރެއާލް މޮޅުވި މެޗުގައި، ދެ ރީނދޫ ކާޑާއެކު އޭނާއަށް ދެއްކި ރަތްކާޑާއި، އަދި މެޗުގެ ރެފްރީ ރިކާޑޯ ޑި ބުރްގޯސް ކޮށްޕާލި މައްސަލައާ ގުޅިގެންނެވެ. އެ މައްސަލަ އިސްތިއުނާފް ކުރުމުން ވެސް ސްޕެއިންގެ އެފްއޭއިން ވަނީ ނިންމުން ބަދަލުކުރެވެން ނެތްކަމަމަށް ބުނެފައެވެ.

comment ކޮމެންޓް